އދ. އަށް 81 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް އާންމުކުރެއްވި މެސެޖެއްގައި ވިދާޅުވީ ރާއްޖޭގެ މުސްތަގުބަލު ކަނޑައެޅުމުގެ މިނިވަންކަމާ އެއްވަރަށް ގައުމީ އަމާޒުތަކާއި އުންމީދުތައް ހާސިލުކުރުމަށް ބޭނުންވާ ވަސީލަތްތަކާއި މަގުތައް ފަހިވެފައި އޮތުމަކީ 2040ވަނަ އަހަރުގެ ނިޔަލަށް ތަރައްގީވެފައިވާ ގައުމަކަށް ވުމަށް ރާއްޖޭން ކުރާ އުންމީދު ހާސިލުކުރުމަށް ލިބިގެންދާނެ އިތުރު ބާރެއް ކަމަށެވެ.
އެ އަމާޒަށް ވާސިލުވުމަށްޓަކައި އާންމުންގެ ކުރިއެރުމަށް އިންވެސްޓުކުރުމަށާއި އިގުތިސާދު ވަރުގަދަކުރުމަށާއި ރާއްޖޭން ބޭރުން ކުރިމަތިވާ ގޮންޖެހުންތަކާ ދެކޮޅަށް ވިލުންތެރިކަމާއެކު މަސައްކަތްކުރުން މުހިންމު ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ނުވަތަ ސިޑްސްގެ ކުރިއެރުމަށާއި ވިލުންތެރިކަމަށް ދިމާވެފައިހުރި ހުރަސްތަކުގެ ގޮތުގައި، މާލީ އެހީތެރިކަމާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ހަމަހަމަކަމާއެކު ނުލިބުމާއި ދެމެހެއްޓެނިވި ނޫންގޮތުގައި ނެގޭދަރަނި ހިމެނޭކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ މުސްތަގުބަލު ކަނޑައެޅުމުގެ މިނިވަންކަމާ އެއްވަރަށް، ގައުމީ އަމާޒުތަކާއި އުންމީދުތައް ހާސިލުކުރުމަށް ބޭނުންވާ ވަސީލަތްތަކާއި މަގުތައް ފަހިވެފައި އޮތުމަކީ، 2040 ވަނަ އަހަރުގެ ނިޔަލަށް ތަރައްގީވެފައިވާ ގައުމަކަށް ވުމަށް، ރާއްޖެއިން ކުރާ އުންމީދު ހާސިލުކުރުމަށް ލިބިގެންދާނެ އިތުރު ބާރެއް ކަމަށެވެ.
އދ. އަކީ ހުރިހާ ދައުލަތްތަކެއްގެ ހައްގުތަކަށް އިހްތިރާމްކުރާ، ހުރިހާ ގައުމެއްގެ އަޑުއަހާ، އަދި އެއްވެސް ގައުމެއްގެ މުސްތަގުބަލު، އެހެން ގައުމެއްގެ ނުފޫޒުން ކަނޑަނޭޅޭނެ ގޮތަކަށް މަގުފަހިކޮށްދޭ، ޖަމާޢައައްގެ ގޮތުގައި ދެމިއޮތުމަކީ މުހިންމު ކަމެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މެސެޖު ނިންމަވާލައްވަމުން، ސުލްހަ މަސަލަސްކަމަށް އިހުތިރާމްކުރުމާއި، އަދުލުއިންސާފު ގާއިމުކުރުމާއި، އަދި ކޮންމެ ދައުލަތަކަށްވެސް އެ ދައުލަތެއްގެ މުސްތަގްބަލު އަމިއްލައަށް ބައްޓަންކުރުމުގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި، ބައިނަލްއަގްވާމީ މުޖުތަމައާ ގުޅިގެން މަސައްކަތްކުރުމުގައި ދިވެހިރާއްޖެ ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.