ads
ލާނާ ޒަކީ ނުސައިބާ
އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޔޫއޭއީން ނޮމިނޭޓްކުރި ލާނާ ނުސައިބާއަށް ރާއްޖޭގެ ތާއީދު
އދ. ގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ލާނާ ޒަކީ ނުސައިބާ ނޮމިނޭޓް ކުރެއްވި ނޮމިނޭޝަނަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔައި، އެ ކެންޑިޑެސީއަށް ފުރިހަމައަށް ތާއީދުކުރާކަން ހާމަކޮށްފި އެވެ.
Advertisement

އދ. ގެ ސެކެރެޓަރީ ޖެނަރަލަކަށް ޔޫއޭއީން ނުސެއިބާ، 48، ގެ ނަން ރަސްމީކޮށް ހުށަހަޅާފައިވާއިރު، ގަލްފް ގައުމުތަކުގެ ބޮޑު ތާއީދެއް މިހާރު ވެސް ވަނީ އޭނާއަށް ލިބިފަ އެވެ. އޭގެތެރޭގައި، އޮމާން، ކުވައިތު، ބަހުރެއިން، ސައުދީ އަދި ގަތަރު ހިމެނެ އެވެ. 

އދ.އަށް ޔޫއޭއީން ކަނޑައަޅާފައިވާ އެމްބެސެޑަރެއްގެ ގޮތުގައި އަދި އެ ޖަމިއްޔާގެ ވިމެން އެކްޒެކިއުޓިވް ބޯޑުގެ ރައީސްކަން ވެސް މީގެ ކުރިން ކުރައްވާފައިވާ ނުސެއިބާއަށް ރާއްޖެއިން ތާއީދުކުރާކަން ހާމަކޮށްފައިވަނީ މިއަދު ނެރުނު ބަޔާނެއްގަ އެވެ.

ތަރައްގީވަމުން އަންނަ ކުޑަ ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން އެދެނީ އިތުބާރު ހިފޭ، ހަރުދަނާ އަދި އެންމެންގެ ބައިވެރިވުން ހިމެނޭ އދ. އެއް ދެމިއޮތުމަށްކަމަށް ބަޔާނުގައި ބުންޏެވެ. މިއީ ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި، އެންމެންގެ ކުރިމަގު ބައްޓަންކުރުމުގައި ހުރިހާ މެންބަރު ގައުމުތަކަކަށްވެސް މާނަވީ ގޮތެއްގައި ބައިވެރިވެވޭނެ ފުރުސަތު ފަހިކޮށްދޭނެ ކަމެކެވެ.

ހަމައެއާއެކު، އދ. ގެ ސެކްރެޓަރީ ޖެނެރަލް ހޮވުމުގެ މަރުހަލާއަކީ ދެފުށް ފެންނަ، ޝާމިލު އަދި ގާބިލުކަމަށް އިސްކަންދޭ އިންސާފުވެރި މަރުހަލާއަކަށް ވުމުގެ މުހިންމުކަން ރާއްޖެއިން ވަނީ ފާހަގަކޮށްފަ އެވެ. އަދި އދ. ގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ދުނިޔޭގެ އެންމެހައި ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި އެ ޖަމިއްޔާގެ މެންބަރު ގައުމުތަކާއެކު ގާތުން މަސައްކަތްކުރުމަށް ރާއްޖެއިން އަބަދުވެސް ތައްޔާރަށް އޮތްކަން ހާރިޖިއްޔާއިން ވަނީ ހާމަކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް