ކޮކްރޯޗް ޖަނަތާ ޕާޓީ އަކީ "ރަސްމީ" ސިޔާސީ ޕާޓީއެއް ނޫން ނަމަވެސް، މިއީ އިންޑިއާގެ ވެރިކަންކުރާ, ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ނިސްބަތްކޮށް، ފާޑުކިޔުމުގެ ގޮތުން އުފައްދާފައިވާ ޕެރަޑީއެކެވެ. ނުވަތަ ޖެއްސުމަށް ފަށާފައިވާ ކަމެކެވެ.
"ކޮކްރޯޗް ޖަނަތާ ޕާޓީ" އުފަންވީ ވަޒީފާއެއް ނެތް ޒުވާނުންނާ ބެހޭ ގޮތުން އިންޑިއާގެ އުއްތަމަ ފަނޑިޔާރު ސޫރްޔާ ކާންތު ދެއްކެވި ވާހަކައަކާ ގުޅިގެން، އިންޓަނެޓުގައި ސިޔާސީ މަލާމާތުގެ ކެމްޕޭނެއްގެ ގޮތުގައި އެވެ.
އިންޑިއާގެ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ސޫރްޔާ ކާންތު ޒުވާނުންނަށް ފާޑުވިދާޅުވީ އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދި އަޑުއެހުމެއްގަ އެވެ. އޭނާ ވިދާޅުވީ ނިޒާމަށް ހަމަލާދެމުންދާ "ޕެރަސައިޓްތަކެއް" އުޅޭ ކަމަށެވެ. އަދި ވަޒީފާއެއް ނުލިބި، އެއްވެސް ދާއިރާއަކުން ޖާގައެއް ނެތް ބައެއް ޒުވާނުންނަކީ ކުރަފިތަކެއްގެ ގޮތުގައި ސިފަކުރެއްވި އެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެ ޒުވާނުން ކުރާނެ މަސައްކަތެއް ނެތުމުން މީޑިއާ، ސޯޝަލް މީޑިއާ އަދި އާރްޓީއައި އެކްޓިވިސްޓުންނަށް ބަދަލުވެ، އެންމެނަށް ހަމަލާދޭން ފަށާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ރުޅިވެރިކަން ބަންޑުވަމުން ދިޔަ ވަގުތު "ކުރަފި ޕާޓީ" ވައިގައި ހިފީ ދިޕްކޭ "އެކްސް" ގައި ކުރި ޕޯސްޓަކާ އެކުގަ އެވެ.
އޭނާ ކުރި އެ ސަމާސާއާ އެކު، މާޔޫސްކަމާއި ނުރުހުމުގައި ތިބި ޒުވާނުން 'ކޮކްރޯޗް ޖަނަތާ ޕާޓީ' ނަމުގައި ވެބްސައިޓަކާއި ސޯޝަލް މީޑިއާ އެކައުންޓްތައް ހެދި އެވެ.
ކުރަފި ޕާޓީ އުފެއްދި އަބީޖީތު ދިޕްކޭ
އިންޑިއާގެ މަހަރާޝްތުރާއަށް ނިސްބަތްވާ އަބީޖީތު ބީބީސީއަށް މައުލޫމާތު ދެމުން ބުނި ގޮތުގައި، މި ޕާޓީ އުފެއްދުމުގެ ހިޔާލަކީ ހަމައެކަނި ޖޯކެއްގެ ގޮތުގައި ފެށި ކަމެކެވެ. މީގެ ކުރިން އާމް އާދްމީ ޕާޓީ (އޭއޭޕީ) ގެ ސޯޝަލް މީޑިއާ ޓީމުގައި 2020 އިން 2023 އަށް މަސައްކަތްކޮށްފައިވާ އަބީޖީތު ބުނީ، އޭނާ ބޭނުންވީ އެންމެން އެއްތަންވެލާނެ ޕްލެޓްފޯމެއް އުފައްދަން ކަމަށެވެ. އިންޑިއާގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ 30 އަހަރުން ދަށުގެ ޒުވާނުން ކަމަށްވާއިރު، ގިނަ ޒުވާނުން ގަބޫލުކުރަނީ މިހާރު ހުރި ސިޔާސީ ޕާޓީތަކުން އެމީހުންގެ އަޑު ނީވޭ ކަމަށެވެ.
އޭގެ ހެއްކަކީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހިންދޫ-ވަތަނީ ފިކުރުގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ރައްދުވާ ގޮތަށް މި ޕެރޮޑީ "ކޮކްރޯޗް ޖަނަތާ ޕާޓީ" (ސީޖޭޕީ) ގެ ވެބްސައިޓާއި ސޯޝަލް މީޑިއާ އެކައުންޓްތައް ހެދުމާ އެކު ހަފްތާއެއް ނުވެ ބީޖޭޕީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގެ ފޮލޯވަރުންނަށް ވުރެ މީހުން ވަނީ ގިނަވެފަ އެވެ. އަދި އިންޑިއާގެ އެތައް މިލިއަން ޒުވާނުންނެއް ސޯޝަލް މީޑިއާގައި އުއްތަމަ ފަނޑިޔާރާއި ސަރުކާރަށް އަދި ޖުމްލަކޮށް ސިޔާސީ ބޯދާ ފިކުރާ ދެކޮޅަށް ގެންދަނީ ރުޅިވެރިކަން ފާޅުކުރަމުންނެވެ.
ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ އިންސްޓްރާގްރާމް ފޮލޯވަރުންގެ އަދަދަކީ 8.7 މިލިއަނެވެ. އިދިކޮޅު މައި ޕާޓީ ކަމަށްވާ ކޮންގްރެސްގެ ފޮލޯވަރުންގެ އަދަދު 13.2 މިލިއަނަށް އަރަ އެވެ. ނަމަވެސް "ކޮކްރޯޗް ޖަނަތާ ޕާޓީ" ގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު، އެންމެ ފަސް ދުވަސް ތެރޭގައި 15 މިލިއަނަށް ވުރެ އިތުރުވި އެވެ. ނަތީޖާ އަކީ "ކޮކްރޯޗް ޕީޕަލްސް ޕާޓީ" ގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބްލޮކް ކުރުމަށް އިންޑިއާގެ ސަރުކާރުން ނިންމުމެވެ.
ނަމަވެސް 1.4 ބިލިއަން މީހުންގެ އާބާދީއެއް އޮތް އިންޑިއާގެ ޒުވާނުން މިއަދު ގަބޫލުކުރަނީ "ކުރަފި ޕާޓީ" އަކީ އިންޑިއާގެ ޒުވާނުންގެ ހަގީގީ ޝުއޫރުތައް ބޭރުކޮށްލުމަށް ލިބުނު އާ ސިޔާސީ މަގެކެވެ. އެމީހުން ދެކެނީ "ކުރަފި ޕާޓީ" އަކީ ޒުވާނުންނަށްޓަކައި، ޒުވާނުންގެ ފަރާތުން، ޒުވާނުން ހިންގާ ސިޔާސީ ހަރަކާތެއްގެ ގޮތުގައި އެވެ.
ތެދެކެވެ. މިއަދު އިންޑިއާގެ ސިޔާސީ ހަގީގަތް ގެނެސްދެނީ "ކުރަފި ޕާޓީ"! އިން ނެވެ. "ދަ ޓައިމްސް އޮފް އިންޑިއާ" ނޫހުގެ ރިޕޯޓް ކުރި ފަދައިން "ކުރަފިތައް... އެއްވެސް ބިރެއްނެތި ކޮންމެ ކަނަކުން ދެމިގަނޭ، އަދި ކިތަންމެ މަސައްކަތެއް ކުރިޔަސް އެ އެއްޗެހި ބޭރުކޮށްލުމަކީ އިންޑިއާގެ މުސްކުޅި ސިޔާސީން ނަށް އުނދަގޫ ކަމެ" ކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;