އެމަނިކުފާނު މިފަދައިން ވިދާޅުވެފައި މިވަނީ ރާއްޖޭގައި ސްކައުޓް ހަރަކާތް ފެށުނުތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ހިތާބުގަ އެވެ.
ސްކައުޓް ހަރަކާތަކީ، އެކަކު އަނެކަކަށް އަޅައިލައި އެހީތެރިވުމުގެ މައްޗަށް ބިނާވެފައިވާ ހަރަކާތެއް ކަމަށާއި މި ހަރަކާތުން ރަމްޒުކޮށްދެނީ ނަފްސު އިސްލާހުކުރުމާއި، ރިވެތި އަހުލާގުގެ ބިންގަލުގެ މަތީގައި އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޒިންމާދާރު ޖީލެއް ބޮޑުވަމުންދާ އަދި އަމަލީ ތަރުބިއްޔަތުގެ މައިދާނެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ތައުލީމީ ހަޔާތުގައި ސްކައުޓް ހަރަކާތުން ލިބޭ ހުނަރާއި ތަޖުރިބާއަކީ ދިރިއުޅުމުގެ ކޮންމެ ފިޔަވަޅެއްގައި މަގުދައްކައިދޭ ކަންކަމެވެ. ކަބް ސްކައުޓް މޮޓޯ ކަމުގައިވާ "ޑޫ ޔުއަރ ބެސްޓް" އަދި ސްކައުޓް މޮޓޯ "ބީ ޕްރިޕެއަރޑް" އަކީ ދިރިއުޅުމުގެ ހުރިހާ ކަމެއްގައި އަށަގަންނުވަންޖެހޭ މުހިންމު އުސޫލުތަކެއްކަމާއި، މިފަދަ ތަޖުރިބާތަކަކީ މިއަދުގެ ޒުވާނުންނަށް ނުހަނު ބޭނުންތެރި ކަންތައްތަކެއްކަން ރައީސް ފާހަގަކުރެއްވި އެވެ
ރައީސް ޑރ. މުޢިއްޒު ވަނީ ރާއްޖޭގެ ސްކައުޓް ހަރަކާތްތައް އިތުރަށް ފުޅާކުރައްވައި ކުރިއަށް ގެންދެވުމަށް ސްކައުޓް އެސޯސިއޭޝަނުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އެ އެސޯސިއޭޝަނަށާއި، ރާއްޖޭގެ ސްކައުޓް ހަރަކާތުގައި ޝާމިލުވެވަޑައިގަންނަވާ އެންމެހައި ބޭފުޅުންނަށް ދެއްވާފަ އެވެ.
ރާއްޖޭގައި ސްކައުޓް ޙަރަކާތް ފެށީ 1956 ވަނަ އަހަރުގައި މަޖީދިއްޔާ ސްކޫލްގަ އެވެ. އޭރު މި ހަރަކާތް ފާހަގަކުރެވިފައިވަނީ ހަމައެކަނި ފިރިހެން ކުދިންނަށް ހާއްސަ ހަރަކާތެއްގެ ގޮތުގަ އެވެ.
މަޖީދިއްޔާ ސްކޫލުން މީގެ 70 އަހަރުކުރިން ފެށި ސްކައުޓު ޙަރަކާތް މިހާރު މުޅި ރާއްޖެއަށް ފުޅާވެ، އެތައްހާސް ސްކައުޓުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;