ފުލުހުން ބުނީ މި ދެ ޒުވާނުން ގއ. ވިލިގިނލިން ހައްޔަރުކޮށްފައިވަނީ ކުޑަކުދިން ބައިވެރިކޮށްގެން މަސްތުވާތަކެތި ވިއްކާ ފަރާތްތަކަށް އަމާޒުކޮށް، ގއ. ވިލިނގިލި ޕޮލިހާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައިކަމަށެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު ހިންގި މި އޮޕަރޭޝަނުގައި 4 ގެއެއް ބަލައިފާސްކޮށް، ޖުމްލަ 66.92 ގްރާމް މަސްތުވާތަކެތި ހޯދާފައިވާކަމަށާއި އޭގެ ތެރޭގައި 53.91 ގްރާމް ބްރައުން ޝުގާ އާއި 13.01 ގްރާމް މެތަފެޓަމިން ހިމެނޭކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މި ނެޓްވޯކުގެ އިސް ފަރާތްތައް ކަމުގައި ފާހަގަކުރެވޭ އެތެންސް / ގއ. ވިލިނގިލި، މުހައްމަދު އަތޫފް ހަބީބް (25އ) އާއި ދެތަޑިމާގެ / ގއ. ވިލިނގިލި، މުހައްމަދު ރާއިފް ހުސައިން (20އ) އެވެ. އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުހައްމަދު އަތޫފް 15 ދުވަހަށް ބަންދު ކުރުމަށް އަދި މުހައްމަދު ރާއިފް ހުސައިން 10 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ މުއްދަތު ޖަހާދީފައެވެ.
މި އޮޕަރޭޝަނަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު 17/2011 އަށް އަލަށް ގެނެވުނު އިސްލާހުތަކުގެ ތެރެއިން، މަސްތުވާތަކެތި ޓްރެފިކް ކުރުމުގައި އެކްސްޕްލޮއިޓްކުރެވޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދީ އެ މީހުން އެކަމުން ދުރަށް ގެންދެވޭނެ ގޮތްތައް ހޯދުމުގެ މަގުސަދުގެ އިތުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު 19/2019 ގެ 122 ވަނަ މާއްދާގެ ދަށުން ކުޑަކުދިން އެކްސްޕްލޮއިޓްކުރުމުގެ ކުށްތަކުން ސަލާމަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތުގެ ތެރެއިން ހިންގުނު އޮޕަރޭޝަނެއްކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގުކުރަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;