ads
މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމުގެ ތެރެއިން
ކުލި ނުދެއްކިގެން އެފްޑީސީ ފްލެޓު ގެއްލޭ މީހުން މާލޭ ދަފްތަރުގައި ޖައްސައިދެނީ
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ފްލެޓުތައް ލިބިފައިވާ މީހުންގެ ތެރެއިން އެކިއެކި ސަބަބުތަކާ ހުރެ ކުލި ނުދެއްކިގެން ފްލެޓު ދޫކޮށްލަންޖެހޭ ނުވަތަ ވިއްކާލާ މީހުން މާލޭ ދަފްތަރުގައި ޖައްސައިދޭން މާލޭ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ.
Advertisement

އެފްޑީސީ ފްލެޓު ގެއްލޭ މީހުން މާލޭ ދަފްތަރުގައި ޖައްސައި ދޭން އެދި މިއަދަު ބޭއްވި ކައުންސިލްގެ ބައްދަލުވުމަށް ހުށައެޅުއްވީ މޭޔަރު އާދަމް އާޒިމްއެވެ. އޭނާ ހުށައެޅުއްވި ހުށައެޅުމުގައި ވަނީ އެފްޑީސީ ފްލެޓްތަކުގެ ކުލި މާލީ ދަތިކަމާ ހުރެ ނުވަތަ އެހެންވެސް ސަބަބަކާ ހުރެ ނުދެއްކިގެން ފްލެޓު އަތުލާ ހާލަތުގައި ނުވަތަ ކުލި ނުދެއްކިގެން ފްލެޓެއް ވިއްކާލާ ހާލަތުގައި، އެ ފްލެޓެއްގެ ރަޖިސްޓްރީގައި ތިބޭ މީހުން މާލެ ދަފްތަރުގައި ޖައްސައިދޭށެވެ.

މޭޔަރުގެ ހުށައެޅުމަށް ބައެއް ކައުންސިލަރުން ވަނީ ކަންބޮޑުވުން ފަޅުކޮށްފައެވެ. އެގޮތުން ކުލި ނުދައްކައިގެން ދަފްތަރުގަ ޖައްސަން ނިންމުމުން ކުލި ނުދެއްކިޔަސް ދަފްތަރުގައި ޖެހޭނެކަން އެނގޭތީ ކުލި ނުދެއްކުން އާންމުވެދާނެކަމަށް ބައެއް ކައުންސިލަރުން ވަނީ ފާހަގަކޮށްފައެވެ. އަދި ފްލެޓް ވިއްކުމަކީ ވިޔަފާރިއަކަށް ވެދާނެކަން ފާހަގަކޮށް ކޮންމެ ފަސް އަހަރަކުން ފްލެޓު ވިއްކާލާފައި އަނެއްކާވެސް ފްލެޓަށް ލައިގެން އެ ފްލެޓު ވެސް ވިއްކާލާފާނެކަމަށް ބުނެ ބައެއް ކައުންސިލަރުން ވަނީ ވާހަކަ ދައްކާފައެވެ. 

ބައެއް ކައުންސިލަރުން ވިދާޅުވީ އިތުރު ގޮތެއް ނެތިގެން ނޫނީ ދަފްތަރުގެ ފުރުސަތު ނުދިނުމަށެވެ. އަދި އެ ފުރުސަތުދޭއިރުވެސް އެ މީހެއްގެ ނުވަތަ މައިންބަފައިންގެ ބޯހިޔާވަހިކަން އެހެން ރަށެއްގައި އޮތްތޯ ކަށަވަރުކުރުމަށްވެސް ބައެއް ކައުންސިލަރުން ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ފްލެޓު ލިބުމުގެ ކުރިން ރަށްވެހިކަން އެހެން ރަށެއްގައި އޮވެ، މައިންބަފައިންގެ ބޯހިޔާވަހިކަންވެސް ހުރި ނަމަ ފްލެޓު ގެއްލޭ ހާލަތުގައި އެރަށެއްގެ ރަށްވެހިކަމަށް ބަދަލުކުރުމަށްވެސް ބައެއް ކައުންސިލަރުން ވަނީ ހިޔާލު ފާޅުކޮށްފައެވެ. 

ދިގު ބަހުސްއަކަށްފަހު ކައުންސިލުން ނިންމީ އެފްޑީސީ ފްލެޓުތައް ލިބިފައިވާ މީހުންގެ ތެރެއިން އެކިއެކި ސަބަބުތަކާ ހުރެ ކުލި ނުދެއްކިގެން ފްލެޓު ދޫކޮށްލަންޖެހޭ ނުވަތަ ވިއްކާލާ މީހުން މާލޭ ދަފްތަރުގައި ޖައްސައިދޭށެވެ. ކައުންސިލްގައި ހިމެނޭ އެމްޑީޕީގެ ދެ މެމްބަރަކާއި ކައުންސިލްގައި ހިމެނޭ ހަމައެކަނި ޕީއެންސީ މެމްބަރު ވިލިމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ސަމާހު ވޯޓް ދީނީ އެ ނިންމުމާއި ދެކޮލަށެވެ. އެމްޑީޕީން އެ ނިންމުމަށް ތާއިދުނުކުރީ ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު އިސްމާއިލް ހަލީމާއި ހުޅަނގު ދާއިރާގެ ކައުންސިލަރު މުހައްމަދު ރިލްވާން އަލީއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;