މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު ނުވަތަ އާރްޓީއައި ގާނޫނު 2014ގައި ތަންފީޒުކުރަން ފެށި ފަހުން، ހުރިހާ އިދާރާތަކުން އަމިއްލައަށް ކޮންމެހެން ހާމަކުރަން ޖެހޭ މައުލޫމާތުތައް ފުރަތަމަ ފަހަރަށް ފުރިހަމައަށް ހާމަކޮށްފައިވާކަމަށް އިންފޮމޭޝަން ކޮމިޝަނުން ވަނީ އިއްޔެ ބުނެފަ އެވެ.
އެއީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން ތާރީހުގައި ވެސް ސަރުކާރުގެ ހުރިހާ މިނިސްޓްރީއަކުންނާއި ރައީސް އޮފީހުން އެ މައުލޫމާތުތައް އާންމުކުރި ފުރަތަމަ ފަހަރެވެ.
އެ ކަމާ ގުޅިގެން ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މީގެ ކުރިން އާންމުންނަށް ލިބެން ނެތް އެތައް މައުލޫމާތެއް މިހާރު ލިބެން ހުންނާނެ ކަމަށެވެ.
އެގޮތުން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަކީ ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމާއި ޑިމޮކްރެޓިކް ނިޒާމެއްގެ "ތަނބުތައް" ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
ހުރިހާ ވުޒާރާތަކުން މައުލޫމާތުތައް އާންމުކުރުމަކީ، މައުލޫމާތުތައް ހޯދުމަށް އޮތް ފުރުސަތުތައް ފުޅާކޮށް، ސަރުކާރު ޖަވާބުދާރީ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 37 ވަނަ މާއްދާގައި ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމަށް 13 މައުލޫމާތެއް ހާމަކުރަންޖެހެ އެވެ. އެ މާއްދާގައިވާ މިމައުލޫމާތު ހާމަކުރަން ޖެހެނީ، ހަމައެކަނި އެކަންކަމަށް އެކަނި ހަނިނުވާނެ ގޮތުގެމަތިން، ރައްޔިތުންގެ މަސްލަހަތަށްޓަކައި، މަދުވެގެން އަހަރަކު އެއްފަހަރު، ނުވަތަ ދައުލަތުގެ އެ އިދާރާއަކުން ކަނޑައަޅާ އެއަށްވުރެ އަވަސް މުއްދަތެއްގަ އެވެ.
އަދި ރައްޔިތުންނަށް ފަސޭހައިން ލިބިދެވޭނެ ގޮތެއް، ދައުލަތުގެ ކޮންމެ އިދާރާއަކުންވެސް އަމިއްލަ އިސްނެގުމުގެ މަތިން މިމައުލޫމާތު ޝާޢިއުކުރަން ޖެހޭނެ ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައި ވެއެވެ.
މި ސަރުކާރު އަބަދުވެސް ބުނަމުން އަންނަނީ މައުލޫމާތު ހޯދުމަށް ހުށަހަޅާ ހުރިހާ އާރުޓީއައިއަކަށް ސަރުކާރުން ޖަވާބުދާރީވާނެ ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;