ޝިމްހާގް، 2014 ވަނަ އަހަރު ކުރަހާފައިވާ ސިންގާގެ މައްސަލަ ހޫނުވީ އާރޮން އޭނާގެ އަމިއްލަ އެއްޗެެއްގެ ގޮތުގައި މިދިޔަ އަހަރު ބޭނުންކުރުމުންނެވެ. އެއްވެސް ހުއްދައެއް ނެތި އޭނާ އެ ކުރެހުން އަމިއްލަ މަންފާއަކަށްޓަކައި ބޭނުންކޮށް، އެކަން ފަޅާއެރުމުން ވަނީ އެއީ އޭނާގެ އަމިއްލަ އެއްޗެއް ކަމަށް ބުނެ އަމާޒުވި ފާޑުކިޔުންތަކުން ދިފާއުވާން މަސައްކަތްކޮށްފަ އެވެ.
އެކަމަކު ދިވެހިންގެ އިތުރުން އެކި ކަންކޮޅުތަކަށް ނިސްބަތްވާ މީހުން ވަނީ އެއީ ޝިމްހާގުގެ ކުރެހުމެއްކަން ސާބިތުކޮށްދީ އޭނާގެ ކޮޅަށް ވާހަކަ ދައްކާފަ އެވެ.
އާރޮންއާ ދެކޮޅަށް މައްސަލަ ހުށަހަޅާފައިވާކަން ޝިމްހާގް ވަނީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް ކަށަވަރުކޮށްދީފަ އެވެ. އެގޮތުން އާރޮންއާ ދެކޮޅަށް މިމަހުގެ ފަސް ވަނަ ދުވަހު މައްސަލަ ހުށަހަޅާފައި ވަނީ އޭނާގެ "ކޮޒްމިކް ލަޔަން" އާރޮންގެ ކްލޯތިން ލައިނެއް ޕްރޯމްޓްކުރުމުގެ ގޮތުން ބޭނުންކޮށްފައިވާތީ އެވެ.
ޝިމްހާގުގެ އެ ކުރެހުން އާރޮން ބޭނުންކުރިކަން އޭނާއަށް އެނގުނީ ޓްވީޓާ މެދުވެރިކޮށް މީހަކު ކުރި ޓްވީޓަކުންނެވެ. ފަހުން އެއީ އޭނާގެ ކުރެހުމެއްކަން ސާބިތުކޮށްދިނުމަށް ނިކުތުމާއެކު އާރޮން ވަނީ އޭނާގެ އިންސްޓަގްރާމުގައި އެއީ ގަތް އެއްޗެއް ކަމަށް ބުނެފަ އެވެ. އެކަމަކު އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވެ، ޝިމްހާގުގެ ސިންގާގެ ކުރެހުމާއެކު އޭނާ ކުރި ޕޯސްޓް ޑިލީޓްކޮށްލި އެވެ.
އާރޮން ކާޓާއަކީ މަޝްހޫރު ޕޮޕް ބޭންޑް، "ބްކްސްްޓްރީޓް ބޯއީސް" ގެ ލަވަކިޔުންތެރިޔާ، ނިކް ކާޓާގެ ކޮއްކޮ އެވެ. އާރޮން އާންމުކޮށް ފާހަގަކުރެވެނީ ވަރަށް އަހުލާގު ދަށް އާޓިސްޓެއްގެ ގޮތުގަ އެވެ. ތަފާތު އެކި ކުށްތަކުގެ ތުހުމަތުގައި އޭނާއަކީ އެތައް ފަހަރެއްގެ މަތިން ހައްޔަރުވެސް ކޮށްފައިވާ މީހެކެވެ.