ads
ޝާހިދު
ޝާހިދުގެ ބަންދު އަމުރުގެ އިސްތިއުނާފު: ހުކުމް ކުރުން މާދަމާ އަށް ޝެޑިއުލްކޮށްފި
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ބަންދަށް 30 ދުވަސް ޖަހާފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ބަންދުކުރަން ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލައިގައި ހައިކޯޓުން މާދަމާ ގޮތެއް ނިންމުމަށް ތައްޔާރުވެއްޖެ އެވެ.
Advertisement

ހައިކޯޓުގެ ތާވަލުގައިވާ ގޮތުން، ޝާހިދުގެ ބަންދު މައްސަލައިގެ ހުކުމް އިއްވުން އޮންނާނީ މާދަމާ މެންދުރުފަހުއެވެ. މި މައްސަލައިގެ އަޑުއެހުންތަކަށް މިދިޔަ ހަފްތާގައި ޝާހިދު ވަނީ ކޯޓަށް ހާޒިރުކޮށްފަ އެވެ. ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ގާނޫނީ ގޮތުން ސިއްރުކޮށްގެން ކުރިއަށްގެންދަންޖެހޭ ބާވަތުގެ މައްސަލަތަކަކަށް ވާތީ، މި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ވެސް ކުރިއަށް ގެންގޮސްފައިވަނީ ސިއްރު ކޮށްގެންނެވެ.

އުމުރުން 64 އަހަރުގެ ޝާހިދު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކުރީ މި މަހުގެ ކުރީކޮޅު، ހުޅުމާލޭގައި އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓުގައި ހުންނަވަނިކޮށެވެ. އޭގެފަހުން ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް ދީފަ އެވެ. ހައިކޯޓުގައި އިސްތިއުނާފު ކުރީ ކްރިމިނަލް ކޯޓުގެ މި ނިންމުން ބާތިލުކޮށްދިނުމަށް އެދި އެވެ.

އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަން ވެސް ކުރެއްވި ޝާހިދު ވަނީ އޭނާގެ މައްޗަށް ކުރެވޭ އެންމެހައި ތުހުމަތުތައް ދޮގުކުރައްވާފަ އެވެ. އަދި މިއީ ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައި ވަނިކޮށް، އޭނާގެ އަބުރު ކަތިލުމަށް ސިޔާސީ މަގްސަދެއްގައި ފަށާފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ނަމަވެސް ސަރުކާރުން ބުނެފައިވަނީ ޝާހިދު ހައްޔަރުކުރުމުގެ މަރުހަލާގައި އެއްވެސް ސިޔާސީ ނުފޫޒެއް ނެތް ކަމަށެވެ. އަދި މިފަދަ ސީރިއަސް ތުހުމަތުތަކުގައި ގާނޫނު ތަންފީޒު ކުރުމުގައި އެންމެންގެ މައްޗަށް ވެސް ހަމަހަމަކަމާއެކު ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް