ކުޅުދުއްފުށީ ފިރިހެނެއްގެ މައްޗަށް ދައުލަތުން މި ދައުވާ ކުރީ ރައްކާތެރިކުރުމުގެ އަމުރަށް ނުކިޔަމަންތެރިވުމުންނެވެ. މި މައްސަލައިގެ ހުކުމް އިއްވީ މިދިޔަ ބުދަ ދުވަހުއެވެ.
ދައުލަތުގެ ދައުވާގައިވާ ގޮތުން، މި އަހަރުގެ ޖޫން 23 ވަނަ ދުވަހު އެ ކޯޓުން ވަނީ އެ މީހާގެ މައްޗަށް އަވަސް ރައްކާތެރިކަމުގެ އަމުރެއް ނެރެފައެވެ. އެ އަމުރުގައި މަންމަގެ މުދަލަށާއި ދިރިއުޅޭ ގެއަށް ގެއްލުން ނުދިނުމަށާއި، ހުއްދަނެތި މުދާ ބޭނުން ނުކުރުމުގެ އިތުރުން، އޭނާގެ ކޮއްކޮއަށް ބިރުދައްކައި އިންޒާރު ނުދިނުމަށް އަންގާފައިވެ އެވެ.
އެހެން ނަމަވެސް، އަމުރު ހިނގަމުން ދަނިކޮށް މިދިޔަ އޮކްޓޯބަރު މަހުގެ އަށްވަނަ ދުވަހުގެ ރޭގަނޑު 20:30 ހާއިރު، ކޮއްކޮ ކޮޓަރީގައި އެކަނި އިން ވަގުތު، އޭނާއަށް ބިރުދެއްކުމަށް ގޭތެރޭގެ ކަރަންޓު ވަނީ ކަނޑާލާފަ އެވެ.
މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި އޭނާ ބުނީ ކުރިއަށްދާން ބޭނުމީ ގާނޫނީ ވަކީލަކާ ނުލައި ކަމަށެވެ. އަދި ދައުލަތުން ކުރި ދައުވާއަށް އެއްބަސްވެ، އޭނާ ވަނީ ކުށަށް އިއުތިރާފުވެފަ އެވެ.
ކޯޓުގައި އޭނާ ވި އިއުތިރާފަކީ އެއްވެސް މަޖުބޫރުކަމެއް ނެތި ވި ސައްހަ އެއްބަސްވުމެއްކަން ކަށަވަރުކުރުމަށް ފަހު، އަވަސް ނިޔާގެ އަޑުއެހުމެއް ބާއްވައި، އެއްވެސް ވަރެއްގެ ވަހުމެއް ނެތް މިންވަރަށް އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މެޖިސްޓްރޭޓް ނިންމެވި އެވެ.
ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގައި ވާގޮތުން، ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވުމުގެ އަދަބަކީ އެންމެ ބޮޑުވެގެން ހަ މަސްދުވަހަށް ޖަލަށްލުން ނުވަތަ 15،000 ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ. އަދަބާ ގުޅޭގޮތުން ވާހަކަދައްކަމުން އެ މީހާ ވަނީ ވީހާވެސް ބޮޑަށް އަދަބު ލުއިކޮށްދިނުމަށް އެދިފަ އެވެ.
މި މައްސަލަ ބެލި މަރުހަލާގައި އޭނާ ވަނީ އެއް މަހާއި 11 ދުވަސް ބަންދުގައި ހޭދަކޮށްފައެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކުށަށް އިއުތިރާފުވުމުން ލިބޭ ލުޔާއި، ބަންދުގައި ހޭދަކުރި މުއްދަތު އަދަބު ކަނޑައެޅުމުގައި އުނިކުރެވޭނެ އެވެ.