ޑަލަސް ސްޓޭޑިއަމުގައި ކުޅުނު މި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
މި މެޗުގައި ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ނެދަލޭންޑްސް އިންނެވެ. މެޗުގެ 51 ވަނަ މިނެޓްގައި ޖަޕާނުގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުން މި ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ވާޖިލް ވެންޑައިކް އެވެ. ނަމަވެސް މެޗުގެ 57 ވަނަ މިނެޓްގައި ކެއިޓޯ ނަކަމޫރާ ވަނީ ޖަޕާނަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.
އޭގެ ފަހުން މެޗުގެ 64 ވަނަ މިނެޓުގައި ވެސްޓް ހޭމްގެ ފޯވާޑް ކްރިސެންސިއޯ ސަމާވިލް އޭރިއާ ތެރެއަށް ކަނާތްފަރާތުން ކަނޑާލާފައި ވަދެ، ތިރިތިރިން ފޮނުވާލި ހިތްގައިމު ހަމަލާއަކުން ނެދަލެންޑްސްއަށް މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްދިނެވެ.
މި ގޯލަށްފަހު ނެދަލޭންޑްސް އިން ފަހަތަށް ޖެހިލައިގެން ކުޅެމުންދިޔައިރު، ޖަޕާނުން ދިޔައީ ނެދަލޭންޑްސްގެ ފަހަތަށް ބާރުބޮޑު ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 89 ވަނަ މިނެޓްގައި ޑައިޗީ ކަމާޑާ ވަނީ ޖަޕާނަށް އެއްވަރުކޮށްދީ އެޓީމަށް ޕޮއިންޓެއް ހޯދައިދީފަ އެވެ. މި ގޯލު ވަނީ ކޮކީ އޮގާވާ ބޮލުން ފޮނުވާލި ބޯޅަ ކަމާޑާ ބޮލުގައި ޖެހިފަ އެވެ.
ގްރޫޕް އެފްގެ ފުރަތަމަ މެޗުގައި ޖަޕާނުން ދެއްކި ފޯރިގަދަ ކުޅުމަށް ބަލާއިރު، އެ ޓީމަކީ މި މުބާރާތުގައި ކުރިއަށްދާނެ، ގާބިލުކަން ހުރި ޓީމެއްކަން ވަނީ ހާމަވެފަ އެވެ. މެޗުގެ ދެ ފަހަރެއްގެ މަތިން ނެދަލެންޑްސްއިން ލީޑު ނެގި ނަމަވެސް، ޖަޕާނުން ވަނީ ހިތްވަރު ދޫނުކޮށް، ގަދަ އަޒުމަކާއެކު ކުޅެ، މުބާރާތުގައި ކުރިއަށް ދިއުމަށް މުހިންމު ޕޮއިންޓެއް ކަށަވަރުކޮށްފަ އެވެ.
މި ގްރޫޕްގެ ދެން އޮތް މެޗުގައި، ސްވިޑެން އިން ކުޅޭނީ ޓިއުނީޝިއާއާ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;