ads
މެޗުގެ ތެރެއިން ޕޯޗުގަލް ތަރި ރޮނާލްޑޯ ހިތްހަމަނުޖެހުން ފާޅުކުރަނީ - ފޮޓޯ: ގެޓީ
ފީފާ ވޯލްޑް ކަޕް: ކޮންގޯ ކައިރިން ޕޯޗުގަލް ޕޮއިންޓަކުން ފުއްދާލައިފި
މެޗު އެއްވަރުވީ 1-1 ން
ވޯލްޑް ކަޕްގެ ގުރޫޕް ކޭ ގެ ފުރަތަމަ މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލްއާ ދެކޮޅަށް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިން އެއްވަރު ކޮށްފި އެވެ.
Advertisement

އެންއާރްޖީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

ވަރުގަދަ އެޓޭކިން ގޭމަކާއެކު ފެށި ޕޯޗުގަލުން ވަނީ މެޗުގެ ފުރަތަމަ ހަ މިނެޓުގެ ތެރޭގައި ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ޕެޑްރޯ ނެޓޯ ނަގައިދިން ރީތި ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ޕޯޗުގަލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޖޮއާ ނެވޭސްއެވެ.

ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ފަހު މިނެޓުގައި އާތާ މަސުއާކޫ ހުރަސްކޮށްދިން ބޯޅައަކުން ޔޮއާން ވިއްސާ ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި ކޮންގޯއަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. މިއީ ވޯލްޑް ކަޕްގެ ތާރީހުގައި ކޮންގޯއިން ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. އަދި ދުނިޔޭގެ ރޭންކިންގެ 46 ވަނައިގައި އޮތް ކޮންގޯއިން ވޯލްޑް ކަޕްގެ ތާރީހުގައި ހޯދި ފުރަތަމަ ޕޮއިންޓްވެސް މެއެވެ. 

މެޗުގެ 55 ވަނަ މިނެޓުގައި ނެވޭސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އޯވަހެޑަކުން ކެންސެލޯ ކޮންގޯގެ ގޯލުގެ ތެރެއަށް ވަނީ ބޯޅަ ފޮނުވާލައިފަ އެވެ. ނަމަވެސް އެ ބޯޅަ ލިބުނު އިރު، އޭނާ ހުރީ އޮފްސައިޑް މަގާމެއްގަ އެވެ. 

your imageޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ (ކ) ގަތަރުގެ ރެފްރީ އަބްދުލްރަހްމާން އަލް-ޖާސިމްއާ ވާހަކަދައްކަނީ. - ފޮޓޯ: އޭއެފްޕީ

މެޗުގެ ކުރިން އެންމެ ބޮޑު ސަމާލުކަމެއް ހުއްޓުނީ ޕޯޗުގަލްގެ ކެޕްޓަން އުމުރުން 41 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯއަށެވެ. އެކަމަކު މިރޭގެ މެޗުގައި ޕޯޗުގަލްގެ ސަޕޯޓަރުންގެ ހިތްހަމަ ޖެހުމަށް އޭނާ އަށް ކޮށްދެވުނު މާބޮޑު ކަމެއް ނެތެވެ.

އެމެރިކާގެ ހިއުސްޓަން ސްޓޭޑިއަމްގައި 69000 އެއްހާ ސަޕޯޓަރުން ކުރިމަތީގައި މުޅި މެޗު ފުރިހަމަ ކުރަން ކެޕްޓަން ރޮނާލްޑޯއަށް ފުރުސަތު ދިންނަމަވެސް ސައުދީ ލީގުގައި މިހާރު ކުޅެމުން އަންނަ ރޮނާލްޑޯ ފެނުނީ ވަރަށް އާދައިގެ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ދެވަނަ ހާފްގެ ފަހު ވިއްސަކަށް މިނިޓްގެ ތެރޭގައި އޭރިޔާ ތެރެއިން ލިބުނު ދެބޯޅަވެސް ގޯލާ އަމާޒުކޮށް ނުލެވުނެވެ. ރޮނަލްޑޯ ފޮނުވާލި ދެބޯޅަވެސް ދިޔައީ އަރިމަތިން ބޭރަށެވެ.

ޕޯޗުގަލްގެ ދެން އޮތް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން 23 ވާ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގަޑިން 22:00 ގައި އުޒްބެކިސްތާނާ ދެކޮޅަށެވެ. އޭގެ ފަހުން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖޫން 27 ވާ ހޮނިހިރު ދުވަހުގެ ފަތިހު ރާއްޖޭގަޑިން 04:30 ގައި ޕޯޗުގަލް ނުކުންނާނީ ކޮލަމްބިއާއާ ދެކޮޅަށެވެ.

އަނެއްކޮޅުން ކޮންގޯގެ ދެވަނަ މެޗު އޮންނާނީ ޖޫން 24 ވާ ބުދަ ދުވަހުގެ ދަންވަރު ރާއްޖޭގަޑިން 03:30 ގައި ކޮލަމްބިއާއާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖު ނިންމާލުމަށް ކޮންގޯ ކުޅޭ ފަހު މެޗުގައި ޖޫން 27 ވާ ހޮނިހިރު ދުވަހުގެ ފަތިހު ރާއްޖޭގަޑިން 04:30 ގައި ބައްދަލުކުރާނީ އުޒްބެކިސްތާނާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;