ގްރޫޕް އެފްގެ މެޗު ނެދަލެންޑްސް ކާމިޔާބުކުރީ 5-1 ނެވެ. މެޗުގެ ފަސްވަނަ މިނިޓުގައި ބްރަޔަން ބްރޮބީ ވަނީ ކޯޑީ ގަކްޕޯގެ އެސިސްޓަކުން ނެދަލެންޑްސް އަށް ލީޑު ނަގައިދީފަ އެވެ. އަދި ޑެންޒެލް ޑަމްފްރީސްގެ ހުރަހަކުން ބްރޮބީ ވަނީ 17 ވަނަ މިނިޓުގައި ލީޑު ފުޅާ ކޮށްދީފަ އެވެ.
ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ސްވިޑެން އިން ގޯލެއް ޖެހި ނަމަވެސް ވީއޭއާރުން ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.
ނެދަލެންޑްސްގެ ތިންވަނަ ލަނޑު ގަކްޕޯ ޖެހީވެސް ރެއާލް މެޑްރިޑަށް ބަދަލުވާނެ ކަމަށް ބެލެވިފައިވާ ޑެންޒެލް ޑަމްފްރީސް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. އެއީ ދެވަނަ ހާފް ފަށައިގެން ދެވަނަ މިނިޓްގައެވެ.
ހަތަރު ވަނަ ލަނޑު ޖެހީ ވެސް ގަކްޕޯ އެވެ. އެއީ ދެވަނަ ހާފްގައި ނިކުމެ ތަފާތު ދެއްކި ސަމަވިލް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. ސްވިޑެންގެ ހަމައެކަނި ލަނޑު އިސާކް ތަނަވަސްކޮށްދިން ފުރުސަތަކުން އެލަންގާ ޖެހީ ނެދަލެންޑްސްއިން ހަތަރު ލަނޑު ޖެހިފަހުންނެވެ. 55 ވަނަ މިނިޓްގައި ކުޅެން ނިކުމެ އޭނާ ލަނޑު ޖެހީ 59 ވަނަ މިނިޓްގަ އެވެ.
ނެދަލެންޑްސްގެ ފަހު ލަނޑު 89 ވަނަ މިނިޓުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ޖަހައިދިނީ ސަމަވިލް އެވެ. އޭރިއާ ރޮނގުކައިރިން ލިބުނު ބޯޅަ ސަމަވިލް ވަނީ ހަމަޖެހިލައިފައި ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ.
ސްވިޑެން އަތުން ހޯދި މޮޅާ އެކު، ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައުގެން ނެދަލެންޑްސް އޮތީ ގްރޫޕްގެ އެއްވަނައިގަ އެވެ. އެއީ ދެވަނަ ބުރަށް ދިއުމާއި ވަރަށް ގާތެވެ. ސްވިޑެން އާއި ނެދަލެންޑްސް ހިމެނޭ ގުރޫޕް އެފްގައި ދެން ހިމެނެނީ ޖަޕާނާއި ޓިއުނީޝިއާ އެވެ. ޖަޕާނަށް ޕޮއިންޓެއް ލިބިފައި ވާއިރު ޓިއުނީޝިއާއަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;