ނަރޫދޫ އަމާޒު ބޯޓުގެ ކައްޕިއާ ފަޅުވެރިންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއެކު އެރަށުގައި މަސައްކަތްކުރަމުން ދިޔަ ޑޮކްޓަރު އެމީހުންނާއި ޑައިރެކްޓް ކޮންޓެކްޓްވެ ވަނީ ކަރަންޓީނަށް ގެންގޮސްފަ އެވެ. މިހެން ކަމުން އެރަށުގައި ޑޮކްޓަރެއް ނެތްތާ ދެހަފްތާ އަށްވުރެ ގިނަ ދުވަސް ވެފައެވެ.
އެކަމާ ގުޅިގެން މީގެ ކުރިން ސީއެންއެމްއަށް މައުލޫމާތު ދެމުން ނަރުދޫ ޓާސްކް ފޯހުން ބުނީ ޑޮކްޓަރެއްގެ ހިދުމަތް ފޯރުކޮށްދިނުން މެދު ކެނޑިފައިވާތީ އެކަމަށް ހައްލު ހޯދުމަށް އެ އަތޮޅު ހޮސްޕިޓަލާއެކު މަޝްވަރާކުރެވެމުންދާކަމަށާއި ވަރަށް އަވަހަށް ޑޮކްޓަރެއް ހަމަޖެހިގެން ދާނެކަމަށެވެ. ނަމަވެސް މިއަދަށް 16 ދުވަސްވެފައިވާއިރު އެ ހިދުމަތުން ވަނީ މަހުރޫމުވެފަ އެވެ.
އެކަމާ ގުޅޭ ގޮތުން ސީއެންއެމްއަށް މައުލޫމާތު ދިން އާންމު ފަރާތަކުން ބުނީ ޑޮކްޓަރެއް ގެނައުމުގެ މަސައްކަތް މިހާރު ހުއްޓިފައިވާކަމަށެވެ. އާންމު ފަރާތުން ޑޮކްޓަރަށް ދައްކަން ބޭނުންވެއްޖެ ނަމަ އަތޮޅު ހޮސްޕިޓަލުން ޑޮކްޓަރުން ގެނައުމަށް ނަރުދޫ ސިއްހީ މަރުކަޒާއި އަތޮޅު ހޮސްޕިޓަލުން މިހާރު ނިންމާފައިވާކަމަށެވެ.
ނަމަވެސް ބަލި މީހަކު ސީރިއަސް ހާލަތެއްގައި ފުނަދޫއިން ޑޮކްޓަރެއް ގެނެސް ފަރުވާ ދެވިދާނެކަމަށް ގަބޫލު ނުކުރެވޭކަމަށް އޭނާ ބުންޏެވެ. ފުނަދޫއިން ނަރުދޫއަށް އައުމުގައި ލޯންޗެއްގައި އެންމެ އަވަހަށް 20 މިނެޓް ހޭދަވާއިރު މޫސުން ގޯސްވެއްޖެނަމަ ބަލި މީހާއަށް އަވަހަށް ހިދުމަތް ނުދެވޭނެކަމަށްވެސް އޭނާ ފާހަގަކުރި އެވެ. އަދި ޑޮކްޓަރެއްގެ ހިދުމަތް މެދުކެނޑިފައި އޮތުމަކީ ދިމާވެފައިވާ ވަރަށް ބޮޑު ދަތިކަމެއް ކަމަށްވެސް އޭނާ ބުންޏެވެ.
އެރަށު ސިއްހީ މަރުކަޒަށް ޑޮކްޓަރެއް ގެނައުމަށް ކުރި މަސައްކަތުގައި ދިމާވި އެކޮމަޑޭޝަން މައްސަލައަށް ނަރުދޫ ކައުންސިލުން އެއްބާރުލުންދީ އެކަމަށް ހައްލު ހޯދައިދީފައި ވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.