އެންމެ މޮޅު އިންޖިނޭރަށް އެވޯޑް އަރުވާފައިވަނީ ރާއްޖޭގެ ތަރައްގީގައި އިންޖިނިއަރުންގެ ދައުރު ފާހަގަކޮށް އެކަމަށް ދޭ "އިންޖިނިއަރސް އެވޯޑް" ދިނުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މިއީ އިންޖިނިއަރިން ދާއިރާއަށް ހާއްސަކޮށްގެން ރާއްޖޭގައި ދޭން ފެށި ފުރަތަމަ އެވޯޑެވެ.
އެންމެ މޮޅު އިންޖިނޭރުގެ އެވޯޑު ލިބިވަޑައިގެންނެވި ޑރ. ފުރުޤާން އިބްރާހިމަކީ އިންޖިނިއަރިންއާއި ދިރާސާކުރުމާއި ހަކަތައިގެ ދާއިރާ އަދި ހިންގުމުގެ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ މިވަގުތު ވަޒީފާ އަދާކުރައްވަމުންދަނީ އެމްޑަބްލިޔުއެސްސީގައެވެ.
އެންމެ މޮޅު އިންޖިނޭރުގެ އިތުރުން 8 އެވޯޑެއް މި ހަފްލާގައި ވަނީ ދީފަ އެވެ. މީގެ ތެރޭގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑާއި ޔަންގް އިންޖިނިއަރ ނުވަތަ އެންމެ ޒުވާން އިންޖިނޭރުގެ އެވޯޑާއި އަންހެން އިންޖިނޭރުގެ އެވޯޑު ހިމެނެ އެވެ.
އިންޖިނިއާސް އެވޯޑު ދިނުމާ ގުޅޭ އުސޫލުގައިވާ ގޮތުން، އެވޯޑަށް ހުށަހަޅާއިރު ހުންނަން ޖެހޭ އާންމު ބައެއް ޝަރުތުތަކުގެ ތެރޭގައި ދިވެއްސަކަށް ވުމާއި، އިންޖިނިއަރިން ދާއިރާއަށް ފާހަގަކޮށްލެވޭ ހިދުމަތެއް ކޮށްފައިވުން ހިމެނެ އެވެ.
ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30ވަނަ ދުވަހަކީ، ގައުމީ ފެންވަރުގައި ފާހަގަކުރާ، ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ އަހަރެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;