އެއް އަސްކަނި ދަށުން އަނެއް އަސްކަނި ދަށުން، ބީނިޝް ގޮވައިގެން އަހަރެން އުޅުނީ ފަސޭހަ ދިރިއުޅުމެއް ނޫން.. މިނިވަން ކަމާއެކު ދިރިއުޅެ ބީނިޝްއަށް ހިމާޔަތް ތެރިކަން ކަށަވަރު ކޮށްދިނުމަށް އަހަރެން އަޒުމު ކަނޑައެޅީ، އެހެން އެއްވެސް މީހަކަށް ބަރޯސާ ނުވެ، އަމިއްލަ ދަރިފުޅުގެ ޒިންމާ އަހަރެންގެ ކޮނޑުގައި އުފުލަން ނިޔަތް ގަނެގެން.. އެކަމަކު މި މުޖުތަމައު ބިނާވެފައި އޮތީ އަހަރެން ފަދަ އެކަނިވެރި މައިންނަށް، އަބުރުވެރި ކަމާއެކު މިނިވަންކޮށް އުޅެވޭނެ ގޮތަކަށް ނޫން.. އަހަރެން ހިތަށް އެރި ދެން، ދުވަހަކުވެސް ފިރިހެނެއްގެ އެހީތެރިކަން އަހަރެންގެ ދިރިއުޅުމުގައި ނުހޯދާނަމޭ..! އެކަމަކު ކޮންމެވެސް ސިފައެއްގައި، ކޮންމެވެސް މީހަކު އަހަރެންގެ ހަޔާތަށް އައުމަށް ތަގުދީރުގައި ލިޔުއްވާފައިވާ ފަދަ..! އެންމެ ފުރަތަމަ ފަހަދުބެ.. ދެން މާލިކް.."
ދައްކަން ހުރި ގިނަ ވާހަކަތަކަށް ދިރުން އަންނާނެކަން ނުވަތަ ނޫންކަން ބުނާކަށް ނޭގެ އެވެ. ހުޅުވިފައި އޮތް ސަފްހާއެއް ފަދައިން އަހަރެންގެ ހިތުގެ ރިހުން މާލިކްއަށް ކިޔައިދެމުން ދިޔައީމެވެ. ކޮންމެ ލަފްޒެއް އޭނާގެ ހިތާއި ހަމައަށް ވާސިލްވާކަން އަހަރެން ދެނަހުރީމެވެ.
މި ވާހަކަތަށް ދައްކަން ކިތަންމެ އުނދަގުލަސް، ހިތްވަރު ކޮށްފައި އަނެއްކާވެސް ފެށީމެވެ.
"އަހަރެންގެ ހަޔާތަށް މާލިކް އައީ ކުއްލިޔަކަށް ފެނުނު ހުވަފެނެއްގެ ގޮތުގައި.. އާދަޔާ ހިލާފަށް ބީނިޝްއަށް މާލިކް ކަމުގޮސް، ބައްޕައެއްގެ ދަރަޖަ ދިނީ، އަހަރެންގެ އިހްތިޔާރަކު ނޫން.. މިހައި ތަނަށް އަހަރެންގެ ކިބައިން އަމިއްލަ ފައިދާއެއް ނުނެގި ހަމައެކަނި ދެ އިންސަނުންނަކީ ބޭބެއާއި މާލިކް.. އަހަރެންގެ ކިބައިން އެހެން އިންސާނުން ނަގަން މަސައްކަތް ކޮށްފައިވާ ފައިދާ ތަކަކީ، އަހަރެންގެ ވިސްނުމާއި ފިކުރަށްވެސް ގެންނާން ބޭނުންވާ ކަންކަމެއް ނޫން.."
މާޒީގެ ހަނދާންތަކާއި އަހަރެން އުފުލަމުން އައި ހިތްދަތި ވޭން، އެހެން މީހަކަށް ބުނެދިނުން ފަސޭހައެއް ނޫނެވެ. އެހެން ނަމަވެސް މާލިކްއަކީ މިއަދު އަހަންނަށް ކާކުކަން އޭނާއަށް ބުނެދިނުން މިވަގުތު ވަރަށް މުހިއްމެވެ. އޭނާއާއި މެދު ކަންކުރެވިފައިވާ ގޮތުން އަހަރެން ލަދުވެތިވެ، ތަކުރާރުކޮށް މައާފަށް އެދެންވެސް ތައްޔާރެވެ.
"މި ހުރިހައި ހިޔާލުތަކެއްގެ ތެރެއަށް ވަނީ، މާލިކްގެ ކުއްލި ހުށަހެޅުން! މާލިކްގެ ގެއާއި، މާލިކްގެ ކޮޓަރިއާއި، މާލިކްގެ އަމިއްލަ ހިތާއި ނަފުސާއި، އަމިއްލަ ދިރިއުޅުމުގެ ހުންގާނު އަހަރެންނަށް ހުށަހެޅުމަކީ ލިބުނު ބޮޑު ޝޮކެއް! ހިތަށް އެރީ އަހަރެންގެ ކިބައިން ކޮންކަމެއް ހާސިލްކުރަން ބާއޭ، ނުވަތަ އަހަރެންގެ ފަރާތުން ކޮން ފައިދާއެއް ލިބިގަތުމުގެ މަގުސަދުގައިބާއޭ މިވަރުގެ ބޮޑު ކަންތަށްތަކެއް މާލިކް މި ހުށަހެޅީ.. ހަގީގަތް ގަބޫލުކުރާން އަހަރެންގެ ފިކުރާއި ހިތާއި ނަފުސު އެއްބަސް ނުވީ، މާޒީގެ ހިތި ތަޖުރިބާގެ ހިތްދަތި ވޭނުގެ ސަބަބުން.."
މާލިކް އާއި މެދު ބެހެއްޓުނު އަހަރެންގެ ނުރަނގަޅު މިޒާޖުގެ ސަބަބުތަށް އޭނާއަށް ސާފުކޮށްދިނީމެވެ. ޝައުގުވެރިކަމާއެކު އޭނާ އަޑު އެހީތީ އަހަރެންގެ ހިތުގެ އެންމެ އަޑިން ޝުކުރުވެރިވީމެވެ.
"ކައިރާއާއި ބީނިޝް، އަހަރެން ބޭނުން"
އަހަރެންގެ ދިގު ތަގުރީރަށްފަހު، އަސަރާއެކު މާލިކް ބުނެލި ޖުމުލަ ކުރެވެ.
ނަމަވެސް އޭނާގެ ހުށަހެޅުން، މާސިންގާ ކަނޑަށް ވުރެން އަހަރެންގެ ކުރިމަތީގައި މާ ބޮޑެވެ.
"މާލިކްގެ ހިތުގެ ސާފުކަން އަހަރެން ބަލައިގަތްފިން" ސީދާ ޖަވާބުގައި 'އާނއެކޭ'ބުނުމުގެ ބަދަލުގައި، ގަސްދުކުރީ އަހަރެންގެ މިޒާޖުގެ ޖަވާބެއް މާލިކްއަށް ހުށަހެޅުމަށެވެ.
"އަހަރެން މާލިކް ބޭނުން" ހިތުގެ އަޑުން ދުލުން ނިކުތެވެ.
އަހަރެންގެ ހިތް ފުރިގެން ބަނޑުން ވަނީ އެވެ.
މިވަގުތު އަހަރެންގެ މި ހިތާއި ނަފުސަށް ހަމައެކަނި ބޭނުންވަނީ މާލިކް އެވެ.
ހިތުގެ އަޑު އޭނާއަށް އިއްވުން ނޫން ގޮތެއް މިވަގުތު ނެތެވެ. އަހަރެންގެ ސިކުނޑި ފަޅައިގެންދާވަރަށް އެބަ ރިއްސަ އެވެ.
"ޕްލީޒް، ޖަސްޓް ހޯލްޑް މީ..! އަހަރެންގެ މި ރިހުމަށް ތަސައްލީއެއް ބޭނުން!"
އަހަރެންގެ ދެ އަތް ވެސް ތުރުތުރު އަޅަނީ އެވެ. ރަތްވެފައިވާ ދެ ލޮލުގެ ހިމަކޮޅުން ކަރުނައިގެ ކޯރު ދެމިގަތެވެ.
މި ހިތުގެ އަމާންކަން ވަނީ މާލިކްގެ ރައްކާތެރި ދެ އަތުގެ ތެރޭގައި އެވެ.
"މި ދެ ލޮލަށް ނިދި ނާންނަތާ އެއް މަސް ފާއިތުވެއްޖެ.. މާލިކްގެ ދެ އަތުގެ ތެރޭގައި އަހަރެން ބޮނޑިކޮށްލައި ދީ.. ބޭނުން އެއްޗެއް އަހަރެންނާއި ދިމާއަށް ކިޔުމުގެ ހުއްދަ މާލިކް އަށް ދީފިން.. ހަޅޭއް ލެވިޔަސް އެންމެ ރަގަޅު.. ޒުވާބު ކުރިޔަސް އެންމެ ރަގަޅު.. އެކަމަކު ޕްލީޒް... ބައްދާލަން ބޭނުން..! ޖަސްޓް ހޯލްޑް މީ!"
ގިސްލެވުމާއެކު އަހަރެންގެ ކޮންޓްރޯލް އަހަރެންގެ އަތުން ނެތި ހިނގައްޖެ އެވެ.
.........................
ކައިރާގެ ލޮބުވެތި ބަސްތަކާއި އާދޭހަށްފަހު އަހަރެންގެ ހިތް، ލަގަނުން ދޫވެއްޖެ އެވެ. އެއީ އަހަރެންގެ ހިތް އެދޭ މިސްރާބެވެ. އަސަރުން ފުރިފައިވާ އެ ބަސްތަކަށްފަހު އަހަރެންގެ ހިތުގެ ވިންދު އަވަސްވީ، ލަދުވެތިވާ މިންވަރަށެވެ.
މި ހިތުގެ ތެޅުން ކައިރާއަށް އިވިދާނެތީ އަހަރެން ޖެހިލުންވި އެވެ.
އޭނާގެ ދެ ލޮލުގެ ރަތްކަމާއި ހޫނު ކަރުނަ އަހަރެންގެ ހިތް ރޮއްވައިލައިފި އެވެ.
ކައިރާ، އަހަރެން ބޭނުންވާކަން ލޮލުން ބޮލުން އަހަރެން ދެނަހުރީމެވެ. އެ ދުލުން އެހެން ބުނެލާ އަޑު އަހަން އަހަރެންގެ ވިންދު އަވަސްވެފައިވާ މިންވަރު ދެނެވޮޑިގެން ވާނީ ﷲ ތައާލާ އެވެ.
ބުނެދޭން ބޭނުން ނުވާ ހަގީގަތަކީ ފާއިތުވި މަސް ދުވަހުގެ އެންމެ ރެއަކުވެސް އަހަރެން ނުނިދާ ކަމެވެ. ލިބިފައި ވާނެ ހަމައެކަނި ނިންޖަކީ ސިކުނޑިއާއި ހަށިގަނޑު ލޮޑުވެގެން ދެ ލޯ މެރުމުން އެ ލިބޭ ހިމޭންކަމެކެވެ.
އިވުނު އަޑާއި ލިބުނު ޝޮކުގައި އަހަރެންގެ ހިއްސުތަށް ގަނޑުވި އެވެ.
އެ ފިޔަވަޅުން އަރި އަޅައިލީ، ކައިރާގެ ގިސްލުމުގެ އަޑެވެ.
ވިސްނާކަށް ވަގުތު ބޭކާރެއް ނުކުރަމެވެ.
އަތުގައި ހުރި ބާރެއްލާފައި އަހަރެން ޖެހި ލުއްކިއާއެކު ކައިރާ ގެނެސް މި ހަށިގަނޑުގައި ތަތްކޮށްލީމެވެ.
އޭނާގެ މޫނު އަހަރެންގެ ކަނދުރާގައި ފޮރުވައިލި އެވެ.
ދެއަތުގައި ހުރި ބާރެއް ލާފައި ލޮބުވެތި އެ ހަށިގަނޑު އަހަރެންގެ ހަށިގަނޑާލައި ފިއްތާލީމެވެ.
އަރިއަޅައިލުމުން ހަށިގަނޑު 'ބެލެންސް ނުވެ' ދެމީހުން، ވެއްޓުނީ އެނދުމައްޗަށެވެ.
ފަރުވާތެރިކަމާއެކު ދެމީހުންގެ ހަށިގަނޑު ކުއިލްޓުން ނިވާކޮށްލީމެވެ.
ކައިރާ ހަމަޖެހިލީ އަހަރެންގެ ގައިމަތީގައި އެވެ.
މިއަށްވުރެން އަމާން، އުފާވެރި، އަދި ފުރިހަމަ އިހްސާސެއްގެ ވިންދެއް އަހަރެންގެ މި ހަށީގައި ނުޖެހަ އެވެ.
މި ހިތް ފުރިއްޖެ އެވެ. ފުރިގެން ބަންޑުންވުމަށް ފުރުސަތެއް ނުދޭނަމެވެ.
މި ހަށިގަނޑުގެ ކޮންމެ ސެލް އެއް، އަހަރެންގެ ކޮންޓުރޯލްގައި މައިތިރިކޮށް ކާމިޔާބު ހޯދާނަމެވެ.
އަހަރެންގެ ދުނިޔެ އަކީ މި އެވެ.
މި ދުނިޔެ އަހަރެންގެ ދެ އަތުގެ ތެރޭގައި އަމާނަތްތެރި ކަމާއެކު ރައްކާތެރި ކުރާނަމެވެ.
އަދިވެސް ގިސްލުމުގެ އަޑެއް ނުކެނޑެ އެވެ.
"އިޓް'ސް އޯކޭ!" ކައިރާގެ ބޮލުގައި ކިސްކޮށްލަމުން މަޑުމަޑުން އަހަރެން ބުނީމެވެ.
"އައި ކާންޓް ޑޫ ދިސް، މާލިކް!" ގިސްލުމުގެ ތެރެއިން ކައިރާ ބުނެލި އެވެ.
"ޔެސް ޔޫ ކޭން! އެންޑް ޔޫ ވިލް..! ބިކޯޒް ޔޫ އާރ މައި ގަރލް.. ކައިރާ، ތިއީ ބީނިޝްގެ ހިތްވަރުގަދަ މަންމަ.. ކައިރާއަށް ތަހަންމަލް ނުކުރެވޭނެ އެއްވެސް އިހްސާސެއް މި ދުނިޔޭގައި ލައްވާފައި ނުވާނެ!" އަހަރެންގެ ކައިރާއަށް ހިތްވަރު ދިނުމަށް ބުނީމެވެ. (ނުނިމޭ)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;