ads
އުޒްބެކިސްތާން ކޮޅަށް ކްރިސްޓިއާނޯ ރޮނާލްޑޯ ލަނޑު ޖަހަނީ
ފީފާ ވޯލްޑް ކަޕް: ރޮނާލްޑޯގެ ރެކޯޑާއެކު ޕޯޗުގަލްއަށް ބޮޑު މޮޅެއް
ވޯލްޑް ކަޕްގެ ގްރޫޕް ކޭގައި ރޭ ކުޅުނު މެޗުގައި، ޕޯޗުގަލުން އުޒްބެކިސްތާން 5-0 ގެ ބޮޑު ނަތީޖާއަކުން ބަލިކޮށްފި އެވެ.
Advertisement

ވަރުގަދަ އެޓޭކަކާއެކު ފެށި ޕޯޗުގަލުން ވަނީ މެޗުގެ ފުރަތަމަ ދެ މިނެޓުގެ ތެރޭގައި ނުރައްކާކޮށްފަ އެވެ. މެޗުގެ ހަ ވަނަ މިނެޓުގައި ޕޯޗުގަލުން ވަނީ ގޯލު ޖަހައި ލީޑު ހޯދައިފަ އެވެ. ޖޮއާ ކެންސެލޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ފޮނުވާލި ބާރު ހަމަލާ، އުޒްބެކިސްތާންގެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޕޯޗުގަލަށް ލީޑު ހޯދައިދިނީ އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އެ ގޯލާއެކު ރޮނާލްޑޯ ވެފައިވަނީ ތަފާތު ހަ ވޯލްޑް ކަޕެއްގައި ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

އަދި 17 ވަނަ މިނިޓުގައި ނޫނޯ މެންޑޭޒް، ވަނީ ހިތްގައިމު ހިލޭޖެހުމަކުން ޕޯޗުގަލްގެ ދެވަނަ ލަނޑު ޖަހާފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން، 39 ވަނަ މިނިޓުގައި ބްރޫނޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން ރޮނާލްޑޯ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްދީފަ އެވެ. 

މެޗުގެ ފަހު ހާފުގައި ޕޯޗުގަލްގެ ހަތަރުވަނަ ލަނޑަކީ އުޒްބެކިސްތާނުގެ ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި އެ ޓީމުގެ ގޯލްކީޕަރު އަބްދުވާހިދު ނެމަޓޯވް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މެޗު ނިމެން ދަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރަފައެލް ލެއާއޯ ވަނީ ބާރު ހަމަލާއަކުން ޕޯޗުގަލްގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ ކަށަވަރުކޮށްދީފަ އެވެ.

ރޮނާލްޑޯއަށް ހެޓްރިކް ހަދަން ލިބުނު ފުރުސަތުތައް ބޭކާރުވި ނަމަވެސް، އޭނާ މިވަނީ މުބާރާތަށް ފުރިހަމައަށް ތައްޔާރުވެފައިވާކަން ދައްކުވައިދީފަ އެވެ. ފުރަތަމަ މެޗުގައި ޑިމޮރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާ 1-1 އިން އެއްވަރުވެ މާޔޫސްވި އެވެ. ފާޑުކިޔުން އަމާޒުވި ކޯޗު ރޮބާޓޯ މާޓިނޭޒްގެ ޓީމުން މިވަނީ މި މެޗުގައި ތަފާތު ކުޅުމެއް ދައްކައިފަ އެވެ. 

މި ނަތީޖާއާއެކު ޕޯޗުގަލަށް ވަނީ ދެ މެޗުން ހަތަރު ޕޮއިންޓު ލިބިފަ އެވެ. އެއް މެޗުން ކޮލަމްބިއާއަށް ތިން ޕޮއިންޓު ލިބިފައިވާ އިރު، ކޮންގޯއަށް އެއް މެޗުން ޕޮއިންޓެއް ވަނީ ލިބިފަ އެވެ. އުޒްބެކިސްތާނަށް މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;