މި ބިންހެލުންތަކުގެ ސަބަބުން، ބޮޑެތި އިމާރާތްތައް ވެއްޓި ހާސްކަން އުފެދިފައި ވާއިރު މިހާރު ވަނީ މުޅި ވެނުޒުއޭލާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ވެސް ކޮށްފަ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރައްވަމުން ވެނެޒުއޭލާގެ ވަގުތީ ލީޑަރު ޑެލްސީ ރޮޑްރިގޭޒް ވިދާޅުވީ، އިދާރާތަކާއި އާންމު ރައްޔިތުން ގުޅިގެން، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނި ގޮތުގައި، ބުދަ ދުވަހު ވެނެޒުއެލާގެ އެއް ސަރަހައްދަކަށް އައި މި ދެ ބިންހެލުމުގެ ބާރުމިނަކީ 7.2 އަދި 7.5 އެވެ. މި ބިންހެލުންތަކުގެ ސަބަބުން، ވެރިރަށުގެ ބައެއް އިމާރާތްތައް ބިމާހަމަވެ، ގައުމުގެ މައި އެއާޕޯޓު ވެސް ވަނީ ބަންދުކުރަން ޖެހިފަ އެވެ.
ރައީސް ފޮނުއްވި މެސެޖުގައި، ވެނެޒުއޭލާއަށް އައި ބިންހެލުންތަކުގެ ސަބަބުން ގިނަ އަދަދެއްގެ ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކަށް އަނިޔާވެ، އަދި ގެދޮރާއި ބިނާރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ހަބަރު އަޑުއެއްސެވީ ފުން ހިތާމަޔާއެކު ކަމަށް ވިދާޅުވެފައިވެ އެވެ.
ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސް މުއިއްޒު ވަނީ ވެނެޒުއޭލާގެ ވަގުތީ ރައީސަށާއި، ސަރުކާރަށާއި، ރައްޔިތުންނަށް އިހުލާސްތެރި ތައުޒިޔާ ރައްދުކުރައްވާފަ އެވެ. އަދި މި ހާދިސާގައި ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށް އިހުލާސްތެރި ހަމްދަރުދީ ފޮނުއްވައި، މި ދަތި އަދި ހިތާމަވެރި ދަނޑިވަޅުގައި އެ ފަރާތްތަކަށް ކެތްތެރިކަމާއި ހިތްވަރު ދެއްވުން އެދި ދުޢާކުރައްވާފައިވެ އެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވަމުން، މި ހާދިސާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، އަދި އެ ސަރަހައްދުގައި މިހާރު ކުރިއަށްދާ މީހުން ސަލާމަތްކުރުމާއި އާންމު ހާލަތަށް ގެނައުމުގެ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގެންފައިވެ އެވެ.
މި ބިންހެލުމުގެ ލޮޅުންތައް އަވަށްޓެރި ކޮލަމްބިއާގެ ވެރިރަށް ބޮގޮޓާއަށް ވެސް އިހުސާސްވި އެވެ.
ވެނެޒުއެލާގެ ތާރީހުގައި މިހާތަނަށް އައި އެންމެ ބާރުގަދަ ބިންހެލުންތައް ރެކޯޑުކުރެވިފައިވަނީ 1967 ވަނަ އަހަރު އެވެ. އެ ބިންހެލުމުގައި 236 މީހުން މަރުވި އެވެ. އަދި 1997 ވަނަ އަހަރު އައި ބިންހެލުމެއްގައި 73 މީހުން މަރުވި އެވެ.
ވެނެޒުއެލާއަށް ބިންހެލުން އައިތާ ގިނައިރުތަކެއް ނުވެ ޖަޕާނުގެ އުތުރަށް ވެސް 7.2 މެގްނިޓިއުޑްގެ ބާރުމިނުގެ ބިންހެލުމެއް އައިސްފައިވެ އެވެ. ނަމަވެސް ޖަޕާނުން އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށް އެގައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;