މާލޭ ތޮއްޖެހުން ކުޑަކުރަން ސަރުކާރުގެ އެކި އިދާރާތަކުން ފޯރު ކޮށްދޭ މުހިންމު ހިދުމަތްތައް އެހެން ރަށްތަކަށް ބަދަލުކުރުން މުހިންމު ކަމަށް އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގް (އިނާ މޯލްޑިވްސް ފިރާގް) ވިދާޅުވެއްޖެ އެވެ.

Advertisement
ފިރާގް "ސީއެންއެމް" އަށް ވިދާޅުވީ މި ފަދަ ޓެކްނެލިޖީން ފުރިފައިވާ އިރެއްގައި މާލޭގައި ހުރިހާ ހިދުމަތްތަކެއް ލިބުން އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫން ކަމުގައި އެވެ.
އޭނާ އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި މާލެ އަކީ ހުރިހާ ހިދުމަތްތަކެއް ދެވޭހާ އިންފްރާންސް ސްޓްރަކްޗާ އޮތް ތަނެއް ނޫން ކަމަށާއި އިތުރަށް ހިއްކޭނެ ޖާގައެއްވެސް މާލޭގައި ނެތް ކަމުގައި އެވެ.
"އަޅުގަނޑުމެންގެ ދަރިން ހަމަ ބޭރު ގައުމުތަކަށް ކިޔަވަން ފޮނުވާހެން ހަމަ އެހެން ރަށްތަކަށް ފޮނުވުން އެއީ ކުރެވިދާނެ ކަމެއް ނޫން ތޯ. އެހެން ވީމާ ހަމަ މާލޭ ކޮލެޖުތައް އެޅުމުގެ ބަދަލުގައި ކިހިނެތްތޯ ވާނީ އެެހެން ރަށްތަކުގައި ކޮލެޖްތައް އިމާރާތް ކުރީއާ." ފިރާގް ވިދާޅުވި އެވެ
އޭނާ ވިދާޅުވީ ރާއްޖޭގައި ކޮންމެ ހިސާބެއްގައި ހުރެގެންވެސް ބައްދަލުވުންތަކަށް ހާޒިރު ވެވޭ މިފަދަ ޒަމާނެއްގައި ހުރިހާ އިދާރާތަކެއް މާލޭގައި ހުރުން މުހިންމު ނޫން ކަމަށާއި އެކަން ހަމަ މިދިޔަ ކޮވިޑްގެ ތެރެއިންވެސް ހާމަ ވެގެން ގޮސްފައިވާ ކަމުގައި އެވެ.
ބައެއް ގައުމުތަކުން ވަނީ ސަރުކާރުގެ ކަންކަން އެތައް ސިޓީއަކަށް ކާމިޔާބުކަމާއެކު ބަހާފަ ކަމަށާއި ދެކުނު އެފްރިކާގައި ސަރުކާރުގެ އެކި ގޮފިތަކަށް ވަކި ކެޕިޓަލް ސިޓީތަކެއް ގައި ހުރޭ ކަމަށް ފާހަގަ ކުރައްވަމުން ފިރާގް ވިދާޅުވީ ސަރުކާރުގެ މުހިއްމު މުއައްސަސާތަކާއި ހިދުމަތްތައް އެކި ސަރަހައްދުތަކުގައި ލާމަރުކަޒީ އުސޫލުން ހިންގުމަށް ދިގުމުއްދަތުގެ ޕްލޭނެއް އެކުލަވާލަން ރާއްޖެއިން ވިސްނަން ޖެހޭ ކަމުގައި އެވެ.
ބައެއް މިނިސްޓްރީތަކާއި ކަމާބެހޭ ފަރާތްތަކާއި ކޯޓުތަކާއި ގައުމީ މުއައްސަސާތައް ގައުމުގެ އެހެން ހިސާބުތަކަށް ބަދަލުކުރުމަކީ މާލޭގައި ތޮއްޖެހުން ކުޑަވެ، އަތޮޅުތަކުގައި ވަޒީފާ އުފެދި، ސަރަހައްދީ ވިޔަފާރިތަކަށް އެހީތެރިވެދީ، ބޯހިޔާވަހިކަމުގެ ޕްރެޝަރު ރަނގަޅުކޮށް، ވެރިރަށުން ބޭރަށް ހަގީގީ އިގްތިސާދީ ހަރަކާތްތަކެއް ގެނެސްދޭނެ ކަމެއް އޭނާ ސީއެންއެމް އަށް ވިދާޅުވި އެވެ.
ރާއްޖެ ފަދަ ކުރި އަރަމުން އަންނަ ގައުމަކުން މިފަ މުހިންމު ކަންކަމަށް ވިސްނުން ވަރަށް މުހިންމު ކަމަށާއި މާލޭއަށް ދަމާވެފައިވާ ދަތި ކަމުގެ އަސްލަކީ ހުރިހާ ބާރެއްވެސް އޮންނަޖެހޭނީ ވެރިކަން ކުރާ މާލޭގައި ކަމަށް ވިސްނިފައި އޮތް އޮތުން ކަމަށް ފިރާގް ވިދާޅުވި އެވެ.
ނަމަވެސް އެ ވިސްނުމަކީ އަސްލު ވަރަށް ބޯދާ ވިސްނުމެއް ކަމުގައި އޭނާ ވަނީ ފާހަގަ ކުރައްވާފައި އެވެ.