އެމެރިކާގެ ހިއުސްޓަން ސްޓޭޑިއަމްގައި މިރޭ ކުޅުނު ގަދަ 32 ގެ ބުރުގެ މެޗުގައި ފުރަތަމަ ލީޑް ނަގައި ކުރި ހޯދީ 29 ވަނަ މިނެޓުގައި ޖަޕާނުންނެވެ. ބްރެޒިލްގެ ހާފްގެ މެދުތެރެއިން ޕެނަލްޓީ އޭރީއާ ކައިރިއަށް ވަދެ، ޖަޕާންގެ ކައިޝޫ ސާނޯ ފޮނުވާލި ހަމަލާ ދިޔައީ ގޯލްގެ އަރިމަތީ ކަނަށެވެ. އެ ބޯޅަ ހުއްޓުވަން ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.
ފުރަތަމަ ހާފުގެ ފަހުކޮޅުގައި ބްރެޒިލުން ފުރުސަތުތައް ތަނަވަސްކުރުމަށް މަސައްކަތްކުރަމުންދިޔަ ނަމަވެސް، އެޓޭކުގައި ޖަޕާނުން ވެސް ނުރައްކާކުރަމުންދިޔައެވެ. ބޯޅަ ހިފަހައްޓައިގެން ރީތި ކުޅުމެއް ދައްކާފައިވަނީ ވެސް ޖަޕާނުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޖަޕާން ކުރީގައި އޮވެގެންނެވެ.
ވޯލްޑް ކަޕުގައި ބްރެޒިލް ކޮޅަށް ލަނޑު ޖެހުމަށްފަހު ޖަޕާނުގެ ކުޅުންތެރިން އުފާފާޅުކުރަނީ - ފޮޓޯ: ރޮއިޓަރސް
ބްރެޒިލުން މެޗުގެ ތެރެއަށް ވަދެ "ނިދިން" ހޭލީ ދެ ވަނަ ހާފްގައި އެވެ. ފުލުފުލުގައި ބްރެޒިލުން ޖަޕާން ކޮޅަށް އެޓޭކް ކުރަމުންދިޔައިރު، މެޗުގެ 56 ވަނަ މިނިޓްގައި ބްރެޒިލުން ނަތީޖާ ހަމަހަމަކުރި އެވެ. މިއީ، ގަބްރިއެލް މަގާޅެއެސް ނެގި ހުރަހަކަށް އަރައި ކަސެމީރޯ ބޮލުން ޖެހި ގޯލެކެވެ. ކަސެމީރޯ އަކީ ބެބޭޓޯ އަށް ފަހު، ބްރެޒިލަށް ލަނޑު ޖަހައިދިން އެންމެ ދުވަސްވީ ކުޅުންތެރިޔާ އެވެ.
ފީފާ ވޯލްޑް ކަޕްގެ ގަދަ 32 ޓީމު ވާދަކުރާ ބުރުގައި ބްރެޒިލް އާއި ޖަޕާން ކުޅުނު މެޗުގެ ތެރެެއިން. - ފޮޓޯ: ގެޓީއިމޭޖަސް
އޭގެ ދެ މިނެޓު ފަހުން ބްރެޒިލަށް ލީޑު ހޯދުމަށް ވެސް ހުސް ފުރުސަތެއް ލިބިގެންދިޔަ އެވެ. ޖަޕާންގެ ތިން ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށްފަހު، ޕެނަލްޓީ އޭރިއާ ތެރެއިން ވިނީޝިއަސް ފޮނުވާލި ހަމަލާ، ޖަޕާން ކީޕަރު ސުޒޫކީ ވަނީ މަތަކޮށްފަ އެވެ. ކީޕަރު ސުޒޫކީގެ އަތުގައި ޖެހި، އެ ބޯޅަ ވަނީ ޖަޕާން ގޯލުގެ އަރިމަތީ ދަނޑީގައި ވެސް ޖެހިފަ އެވެ.
މެޗު އެއްވަރުވެ، ނަތީޖާ ނެރެން 15 މިނިޓްގެ ދެހާފް ކުޅެން ޖެހިދާނެ ކަމަށް ބެލެވިފައި ވަނިކޮށް، ބްރެޒިލްއިން މެޗު ކާމިޔާބުކުރީ ބަދަލަކަށް ނިކުއިން މާޓިނެލީ ކާމިޔާބުކުރި ލަނޑުންނެވެ. ގިމެރޭސް ދިން ރީތި ޕާސް އޭރިޔާ ތެރޭގައިހުރެ މާޓިނެލީ ފޮނުވާލިއިރު ހުރީ ވަރަށް ބޮޑަށް ދޫކޮށްލާފަ އެވެ.
ވޯލްޑް ކަޕްގެ ޗެމްޕިއަންކަން، ފަސް ފަހަރު ހޯދާފައިވާ ބްރެޒިލުން ގަދަ 16 ބުރުގައި ވާދަކުރާނީ، އައިވަރީ ކޯސްޓާއި ނޯވޭ ބައްދަލުކޮށްގެން މޮޅުވާ ޓީމަަކާ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;