ގަދަ 16 ގައި އިންގްލެންޑް ބައްދަލުކުރާނީ މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ، މެކްސިކޯއާ އެވެ. މެކްސިކޯ ގަދަ 16 އިން ޖާގަ ހޯދީ އިކުއެޑޯ 2-0 އިން ބަލިކުރުމަށްފަހު އެވެ.
ކޮންގޯ އިން ފުރަަތަމަ ފަހަރަށް ފީފާ ވޯލްޑް ކަޕްގެ ނޮކައުޓް މެޗަކަށް ނުކުމެ އެ ޓީމުން ވަނީ މެޗުގެ ހަތް ވަނަ މިނިޓްގައި އިންގްލެންޑް ކޮޅަށް ލަނޑު ޖަހައި ލީޑުނަގައިފަ އެވެ. މިއީ، ކޮންގޯގެ ޑިފެންޑަރު، ޗާންސެލް އެމްބެމްބާ ދިން ބޯޅައެއް ކޮންޓްރޯލްކޮށް އޭރިއާތެރެއަށް ވަދެ، ހަނި އޭންގަލުން ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން، ބްރިއަން ކިބަމްބޭ ސިޕެންގާ ޖެހި ގޯލެކެވެ. މިއީ، ގައުމީ ޓީމަށް އޭނާ ޖަހައިދިން ފުރަތަމަ ގޯލެވެ.
އެމެރިކާގެ އެޓްލާންޓާ ސްޓޭޑިއަމްގައި މިރޭ ކުޅުނު ގަދަ 32 ގެ މެޗުގެ ދެވަނަ ހާފުގައި އިންގްލެންޑުން ބަދަލުތަކެއް ގެނެސް، އެޓޭކް ދިޔައީ ވަރުގަދަކުރަމުންނެވެ. އެގޮތުން ބަދަލުގައި ކުޅެން އެރި އެންތޮނީ ގޯޑަން ނަގައިދިން ހުރަހެއް ބޮލުން ގޯލަށް ވައްދާލައިގެން މެޗުގެ 75 ވަނަ މިނެޓްގައި ކޭން ވަނީ އިންގްލެންޑަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.
މެޗުގެ 86 ވަނަ މިނެޓުގައި އިންގްލެންޑުން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ހޯދައިފަ އެވެ. އެ ގޯލަކީ ވެސް ކެޕްޓަން ހެރީ ކޭން ޖެހި ގޯލެކެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ގޯޑަން ދިން ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
ކޮންގޯ އިން މެޗުގެ ފަހު ވަގުތާ ހަމައަށް ނަތީޖާ ހަމަހަމަ ކުރެވޭތޯ ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެ ގޮތުން، އިތުރު ވަގުތުގެ ފަހު މިނިޓްގައި ހިލޭ ޖެހުމަކުން ކޮންގޯގެ ވިއްސާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;