ހުޅުމާލޭ ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ އެ މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާ ބިން ހަމަޖައްސައި އިއްޔެ އައިލެންޑް އޭވިއޭޝަންއާ އެތަން ހަވާލުކޮށްފަ އެވެ.
އެކަމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. އަދި އައިލެންޑް އޭވިއޭޝަނުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އެވެ.
މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހައުސިން ޔުނިޓުތައް ތަރައްގީ ކުރުމަށް އެޗްޑީސީއާއެކު އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އެ ދެކުންފުނިންވެސް އަދި ހާމަކޮށްފައެއް ނުވެ އެވެ.
މިއީ ސަރުކާރުގެ ބޮޑެތި ކުންފުނިތަކުން ހުޅުމާލޭގައި މުވައްޒަފުންނަށް ހާއްސަކޮށްގެން ހިންގާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ. މީގެ ކުރިން ވެސް ރާއްޖޭގެ އެކި ކުންފުނިތަކުން ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކާމިޔާބުކަމާއެކު މިފަދަ މަޝްރޫއުތައް ނިންމައި މުވައްޒަފުންނަށް ފްލެޓްތައް ހަވާލުކޮށްފަ އެވެ.
އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންނަށް ބޭނުންވާ ހައުސިންް ޔުނިޓް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެކުންފުނިން އާ އިމާރާތުގެ ބިންގާ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ އަޅާފަ އެވެ. މި އޮފީސް އިމާރާތާއެކު މިހާރު އެކި ދިމާތަކުގައި އެކުންފުނިން ހިދުމަތް ދެމުން އައި އައުން ހުއްޓި އެއްފުރާޅެއްގެ ދަށުން ކުންފުނީގެ ހިދުމަތްތައް ދެވޭނެ ކަމަށް އައިލޭންޑް އެވިއޭޝަނުން ބުނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;