"ސްވީޓްހާޓް، ރުޅިގަދަ ނުވެބަލަ" ކައިރާ ހަމަޔަކަށް އަޅުވަން އަދި މަސައްކަތް ކުރާ ހިތް ނެތުމުން، އިތުރަށް ސަމާސާ ކޮއްލީމެވެ.
"އަހަރެން ހިތް އޮތް ގޮތަށް މާލިކްގެ ކުރިމައްޗަށް މި އޮއްސާލީ.. އެކަމަކު ފޮނިކަމާއި ކިބުރުވެރިކަން ނޫން އެއްޗެއް އަހަންނަށް ނުދައްކާ!" ރުޅިގަދަވެގެން މާ ނޭވާ ލެވެނީ އެވެ.
ކައިރާގެ ދެ ލޯ ފެންކަޅިވެއްޖެ އެވެ.
އަހަރެން މައާފަށް އެދުނީމެވެ.
ހިތުގެ އަޑިން އެންމެ ލޮބުވެތި އިހްސާސްގައި ކައިރާގެ ކިބައިން މައާފަށް އެދުނީމެވެ.
"މާލިކް" މަޑުމަޑުން، ވައި އަޑުން އަހަރެންގެ ނަން ބޭރުވީ އާހެއްގެ ގޮތުގައި އެވެ. މާ ޝާ ﷲ އެވެ. ހިތަށް ލިބުނު ފިނިކަމުން ދެ ލޮލުގެ އެސްފިޔަތަށް ނަށާލި އެވެ.
"ޔެސް، ޕްރިންސެސް" ލޮބުވެތިކަމާއެކު ޖަވާބު ދިނީމެވެ.
ފެންކަޅިވެފައިވާ ލޮލަށް އަހަރެންގެ ނަޒަރު ސީދާވި ވަގުތު ދިލަ ގަދަ އާތްވެއް ހިތުގައި އުފެދުނެވެ.
ކުއްލިޔަކަށް އުފުލާލައިފައި އަހަރެންގެ އުނގުގައި ބޭންދީމެވެ.
ލޯބި ގޮތަކަށް ހަމަޖެހިލާފައި ވާއަތުގައި ބައްދައިލުމުން، ލިބުނު ހިތްހަމަޖެހުން ބުނެދޭން އުނދަގުލެވެ.
"އެއީ މެންދަމުގެ ކަޅުއަނދިރިކަމާއި މެންދުރުގެ ގަދަ އަތްވަށް ވުރެން ޔަގީންކަން ބޮޑު ބިރުވެރި ހާދިސާއެއް.. ވިހަ ހަންޖަރެއްގެ ޒަހަމީ ތޫނު ރިހުމަކުން، އަހަރެންގެ ދެ ލޮލުގެ އެސްފިޔަތަށް ދުރުކޮށްލީ އެދުވަހުގެ ގަޑިން ކިހައި އިރަކު ކަމެއް ނޭގެ.. ދިލަގަދަ އެ ވޭނަކީ އާދައިގެ ރިހުމެއް ކަމަށް ނިންމާފައި ދަށްބަނޑުގައި އަތް އަޅައިގެން އެނދުގެ އެއް ފަރާތުން އަނެއް ފަރާތަށް ފުރޮޅެލެވުނީވެސް ވަރަށް ހާލުން.. ޕީރިއަޑުގެ ތާރިހް ނުޖެހުނަސް، އެއީ އެހެން ރިހުމެއް ނޫންކަމަށް ސިކުނޑިއަށް ވިސްނައިދިނިން..! ނުހަނު އުނދަގުލުން އެނދުގެ މަގަތާއި ހަމައަށް އާދެވުނަސް، ތެދުވާނެ ހިތްވަރު ނުލިބި އަހަރެން އަނބުރައިގަތީ ކިތަށް ފަހަރުކަމެއް ނޭގެ.. ގިސްލުމުގެ އަޑު އިވޭ ހިސާބުގައި ދިރޭ މެއްސެއް ނުވަތަ މަދިރިއެއް އުޅުނު ނަމަވެސް އަހަރެންގެ ހާލަށް ހަމްދަރުދީވެ، އެމަންޒަރުގެ ހެކިވެރިއަކަށްވީސް... އެކަމަކު އަހަރެންގެ ގޭގައި ހަމަ އެންމެ ދިރޭ ފުރާނައެއް އުޅޭހެންވެސް ހިޔެއް ނުވޭ..! ހާލު ބަލައިލާ، ހަމްދަރުދީގެ ނަޒަރެއް ސީދާކޮށްލާނެ އިންސާނަކުވެސް ނެތް... ވާގިދޫވެ ތުރުތުރު އަޅަމުންދިޔަ ދެފައިގެ ބާރުގައި ކޮޅަށް ތެދުވެވުނީ ނުހަނު މަސައްކަތުން.. ހުރެވުނީ ހަމަހޭގައި ކަމެއް ނުވަތަ ދެބަދޭތެރޭގައި ކަމެއް ނޭގެ.. ކޮރުޖަހަމުން، ފިރުކެމުން، ގޭގެ ފާރުތަކުގައި ދެ އަތް ކާއްތަމުން ކުރިއަށް ޖެހެމުން ގޭތެރެއަށް ނިކުމެ، މީހެއްގެ ހިލަމެއް ވޭތޯ ބެލިން.. ހަމައެކަކުވެސް ނެތް! އަޅަމުންދިޔަ ވޭނަކީ ދިރި ހުރި އިންސާނެއްގެ ގައިން ރޯހަން ދެމިޔަސް ނާޅާނެވަރުގެ ދިލަގަދަ ތޫނު އަދި ނުހަނު ފުނުން، ވިންދު ޖަހަމުންދިޔަ އަޒާބެއް...! ސިޓިންގ ރޫމްއަށް ނިކުމެވުނީ އެ ހާލުގައި ކިހައި އިރަކު އުޅެގެން ކަމެއް ނޭގެ.. އަޅައިލާނެ އެކަކުވެސް ނެތް..! ހޮސްޕިޓަލަށް ދާނެ ހިތްވަރު ލިބުނު ގޮތެއް ނުވަތަ ހޮސްޕިޓަލަށް ދެވުނު ގޮތެއްވެސް އަހަންނަކަށް ނޭގެ.. ދުނިޔޭގެ ވާނުވާއަށް ލޯ ހުޅުވައިލެވުނު ވަގުތު އިވުނު އަޑަކީ އެއްވެސް އިންސާނެއްގެ ކަންފަތަށް އަޑު އިވެން އެދޭނެފަދަ ބިރުވެރިކަމެއް ނޫން.. ނުރައްކާތެރި މިންވަރަކަށް އަހަރެން ރޭޕްކޮށްފައިވާކަމަށް އިވުނު އަޑާއެކު ދެ ކަންފަތުގައި ބާރަށް އަތް އެޅުނީ، ކަށްވަޅުގެ އެންމެ ފުނަށް އަހަރެންގެ ސަންދޯއް ވައްޓާލިހެން ހީވުމުން.."
އިވުނު އަޑާއެކު ދުނިޔޭގެ ހަ ފަރާތުން އަހަރެން ފިއްތާލައިފި އެވެ. ނޭވާލާން ހަނދާނެއް ނެތެވެ. އޮކްސިޖަން އަކީ ކާއިނާތުގައި ލެއްވި ނިއުމަތެއްކަން ހިޔާލަށްވެސް ނައެވެ. އޮއްދާހިއްލާން ފެށި އެވެ.
"ކޮންޓްރޯލެއް ނެއް، އިންޓަރނަލް ބްލީޑިންގ މައިތިރި ނުކުރެވިގެން ހަފްތާއެއް ވަންދެން ހޮސްޕިޓަލުގެ ފަރުވާގައި ބޭއްވި.. ކޮންމެ ދުވަހަކަށް އިރު އެރީ އަހަރެންގެ ބެލެނިވެރިން އެ ތަނުން ފެންނާނެކަމުގެ އުއްމީދުގައި.. ކުޑަމިނުން އަހަރެންގެ ދައްތަ ފެނިލާނެކަމަށް ވަރަށް އުއްމީދު ކުރިން.. ލަދުން ލޯ ހުޅުވާލަން ނުކެރޭފަދަ އުނދަގޫ ސުވާލުތަކާއެކު އަންނަ ފުލުހުންގެ އޮފިސަރުންނާއި ޖެންޑާ މިނިސްޓްރީގެ ވަފުދު ނޫނީ، ބައްދަލެއް ނުކުރޭ.. ހަފްތާއެއްގެ ހޮސްޕިޓަލް 'ބެޑްރެސްޓް'އަށްފަހު އަހަރެން ދޫކޮށްލަން ހަމަޖެހުނުކަމަށް ބުނިދުވަހު ލިބުނީ އުއްމީދު ނުކުރި ސިހުމެއް.. އެއީ މޫނު ނުފެންނަނީސް، ޕްރައިވެޓް ވޯޑްތެރެއިން އިވުނު އަޑު.. އެއީ މަންމަގެ އަޑު..! އަހަންނަށް ނިސްބަތްކޮށް އެންމެ ހުތުރު ބަހުން، އެންމެ ލަދުވެތި އިލްޒާމް އަޅުވަމުން މުޅި ވޯޑްތެރޭގައި އެ އަޑުގަދަކުރަނީ އަހަރެންގެ މި ހާލަތުގެ ހަބަރެއް ކުރިން ނޭގުނީތީއެއް ނޫން.. އަހަރެންގެ ރިޕޯޓްތަކާއި، ބިލްތަކާއި ހަވާލުވާން ހޮސްޕިޓަލުން މަންމައަށް ގުޅިތީ.. އެކަން ކުރާން މަޖުބޫރުވީތީ، 'މަންމަ'ގެ ހިތުގެ އުދާސްތައް ބޭރުކޮއްލީ.. ﷲގެ ހަޒްރަތުން އަހަންނަށް އެވަގުތު ލިބުނީ އާދަޔާ ހިލާފު ހިތްވަރެއް.. އެވަގުތު އަހަންނަކީ 'މަންމަ'ގެ ބަލިކަށި، ނިކަމެތި އަދި މެދުހަށީގެ ބާރުގައި ކޮޅަށް ހުންނާނެ ބާރެއް ނެތް ކައިރާއެއް ނޫން..! ރިހުމާއި އަނިޔާއާއި ވޭނުން އިންސާނަކަށް ދުނިޔޭގައި ލިބޭނެ ހުރިހައި އިހްސާސެއް އަހަރެންގެ އެކުވެރިއެއްގެ ގޮތުގައި ހަމަޖެހި ނިމިއްޖެ! މީހަކު މޮޔަވާވަރުގެ އަދަދެއް އެ ބިލުގައި ނޯންނާނެކަން ކަށަވަރު... މައްސަލައިގެ ތެރެއަށް ޖެންޑަރއިންވެސް ޝާމިލުވެފައި ވާތީ ފައިސާގެ ހުރިހައި ކަމެއް އާސަންދައިން ފުއްދޭނެކަން ޔަގީން.. ލިޔެކިޔުންތަކާއި މަންމަ ހަވާލުވިތޯ ނޫންތޯ އަހަރެން ނުބަލަން.. އެކަން އަހަންނަށް މުހިއްމެއްވެސް ނޫން.. 'ގެއަށް ދިއަޔަސް އެންމެ ރަގަޅު'ކަމަށް ބުނުމާއެކު އަހަރެން އައީ ގެއަށް.. އެކަނިމައި އެކަނި.. ކޮޓަރިއަށް ވަންގޮތަށް ތަޅުލިން.. ނުނިކުމެ އެތަނުގެ ތެރޭގައި، އަހަރެންގެ އެނދުގައި އޮވެވުނީ ކިތަށް ރޭ، ކިތަން ދުވަސްކަމެއް ނޭގެ.."
ހިތްގައިމު ދެ ލޮލުން އޮހެރެމުންދިޔަ ކަރުނަ ފޮހެލާކަށް އަހަރެންގެ އަތުގެ އިނގިއްޔެއްވެސް ހަރަކާތެއް ނުކުރި އެވެ.
ކައިރާގެ ލޮލުން ކަރުނަ އޮހޮރެންޖެހޭ އެވެ.
އެ ރިހުމާއި އެ އަނިޔާއިން ހިތްގައިމު ދެ ލޯ ސާފުވާންޖެހޭ އެވެ.
މަންމައެއްގެ ދުލުން ދަރިއަކާއި ދިމާއަށް އެވަރުގެ ހަޑިހުރުތު ނަންތަކުން މުހާތަބު ކުރުން ބަލައެއް ނުގަނެވޭނެ އެވެ.
އެއީ ކޮންކަހަލަ އަންހެނެއް ހެއްޔެވެ؟
ކައިރާގެ ދައްތައާއި ބައްޕަ ކޮބައިބާ އެވެ؟
އެވަރުގެ ރަހުމުކުޑަ ބައެއްގެ ދިރިއުޅުމުގެ ހާލަތު ހުންނާނެ ގޮތް އަހަރެންގެ ހިތަށް ގެންނާންވެސް ބޭނުމެއް ނޫނެވެ.
"މާލިކްއަށް އެނގޭތަ..؟ އަހަރެން މިއީ ރޭޕްކޮށްފައިވާ އަންހެނެއްކަން، އަމިއްލަ ސިކުނޑިން ނެރި ބޭރުކުރާން ހާދަހައި މަސައްކަތެއް ކުރީމޭ.. އަދިވެސް ނޭގެ އަހަރެން ރޭޕްކުރީ ކާކުކަމެއްވެސް، ކީއްވެ ކަމެއްވެސް، ކިހިނެއް ކަމެއްވެސް..! މިއަށްވުރެން ބޮޑު އަނިޔާއެއް އިންސާނަށް ލިބޭނެތަ؟" ގިސްލާފައި ކައިރާ ރޯން ފަށައިފި އެވެ. (ނުނިމޭ)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;