ދެކުނު އެފްރިކާގެ ފުލުހުން ބުނި ގޮތުގައި، އުމުރުން 25 އަހަރުގެ މި ޒުވާނާގެ ހަށިގަނޑު ފެނިފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު ކޭޕް ޓައުންގެ ސަރަހައްދެއް ކަމަށްވާ ޝޮޓްޝެކްލޫފްގައި ހުރި ގެއަކުންނެވެ. ފުލުހުން މިހާރު ދަނީ މި މަރުގެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ވޯލްޑް ކަޕްގައި ދެކުނު އެފްރިކާގެ ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދައްކައި، ގިނަ ބައެއްގެ ސަމާލުކަން ހޯދި އެޑަމްސްގެ ކުއްލި މަރާ ގުޅިގެން ފުލުހުން އިތުރަށް ބުނީ ޕޮލިހުން ތަހުގީގު ފަށާފައިވާ ކަމަށާއި މީޑިއާ އާއި އެކި ފަރާތްތަކުން މި ދަނޑިވަޅުގައި ޔަގީންނުވާ މައުލޫމާތު މި ވަގުތު ނުފަތުރަން އެދޭ ކަމަށެވެ.
އަދި، މިއީ، އެޑަމްސްގެ އިތުރުން އޭނާގެ އާއިލާ އަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އެންމެންގެ މައްޗަށް ލާޒިމު ކަމެއްގެ ގޮތުގައި ދެކުނު އެފްރިކާގެ ސްޕޯޓްސް މިނިސްޓަރު، ގޭޓަން މެކެންޒީ ވަނީ ވިދާޅުވެފަ އެވެ.
ދެކުނު އެފްރިކާގެ ޖޭޑަން އެޑަމްސް ބޯޅަ ފާސްކުރަން މަސައްކަތް ކުރަނީ. - ފޮޓޯ: ގެޓީ އިމޭޖަސް
ވޯލްޑް ކަޕްގެ ގްރޫޕް އޭގައި ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވި މެޗު ފެށުމުގެ ދެތިން ގަޑިއިރެއް ކުރިން އޭނާގެ މާމަ މަރުވި ޚަބަރު ލިބުނު ނަމަވެސް، އެޑަމްސް ވަނީ އެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފަ އެވެ.
ދެކުނު އެފްރިކާގެ ފުޓްބޯޅަ ކުޅުންތެރިންގެ ޔޫނިއަނުން ބުނީ، 2022 ވަނަ އަހަރު ގައުމީ ޓީމަށް ފުރަތަމަ މެޗު ކުޅެދިން އެޑަމްސް ކުއްލި ގޮތަކަށް ވަކިވެދިއުމަކީ ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ.
މިޑްފީލްޑަރު އަކަށް ކުޅެމުން އަންނަ އެޑަމްސް ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު، ދެކުނު އެފްރިކާގެ އެންމެ ވަރުގަދަ ކްލަބް، މަމެލޯޑީ ސަންޑައުން އަށް ކުޅެން ވެސް ސޮއިކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;