ޑިފެންސް މިނިސްޓްރީން ބުނީ ދިވެހިރާއްޖެ އަށް އެތެރެކުރާ ނުރައްކާތެރި ކެމިކަލްތައް އެތެރެކޮށް، ގުދަންކޮށް، ބޭނުންކޮށް، ވިއްކާ އަދި ނައްތާލަން ވަނީ ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނުއާ އެއްގޮތްވާގޮތުގެ މަތިންކަމަށެވެ. އެހެންނަމަވެސް ނުރައްކާތެރި ކެމިކަލް ގުދަންކޮށް ވިއްކާ ފަރާތްތަކުން، ކެމިކަލް ވިއްކުމުގެ ހުއްދަ ނުނަގާ ކެމިކަލް ގުދަންކޮށް ވިއްކަމުންދާކަން ފާހަގަކުރެވިފައިވާކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީ ބުނީ ނުރައްކާތެރި ކެމިކަލްތައް ސަލާމަތީ ކަންކަން ކަށަވަރު ނުވާ ތަންތަނުގައި ގުދަންކޮށް ވިއްކުމަކީ ނުރައްކާތެރި ހާދިސާއެއް ހިނގުމަށް ފުރުސަތު ބޮޑުކަމަށެވެ.
ޑިފެންސް މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގައި ނުރައްކާތެރި ކެމިކަލް ވިއްކަންވާނީ "ކެމިކަލް ވިއްކުމުގެ ހުއްދަ" އަށް އެދި މިނިސްޓްރީއަށް ހުށަހަޅައި ހުއްދަ ހޯދުމަށް ފަހުގައިކަމަށެވެ.
މި ހުއްދައަށް އެދި ހުށަހަޅަން ވާނީ މިނިސްޓްރީގެ ވެބްސައިޓުގައި ޝާޢިއު ކުރެވިފައިވާ "ކެމިކަލް ވިއްކުމުގެ ހުއްދަ އަށް އެދޭ ފޯމް" މެދުވެރިކޮށްކަމަށާއި މި ފޯމް ހުށަހެޅުމަށްފަހު ނުރައްކާތެރި ކެމިކަލް ވިއްކުމަށްޓަކައި، އެ ކެމިކަލްތައް ބަހައްޓާ ފިހާރަ މަކުޑި ޕޯޓަލްގައި ރަޖިސްޓަރީ ކުރަންވާނެކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ. މިގޮތުން "ކެމިކަލް ވިއްކުމުގެ ހުއްދަ" ދޫކުރެވޭނީ ކެމިކަލް ބަހައްޓާ ފިހާރަ އިންސްޕެކްޓް ކުރުމަށްފަހު ރައްކާތެރިކަމާއެކު ކެމިކަލް އުފުލައި ގެންގުޅެ އަދި ބެހެއްޓުމުގެ އިންތިޒާމް ހަމަޖެހިފައިވާ ފަރާތްތަކަށްކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.
ރާއްޖޭގައި ކެމިކަލް ވިއްކާ ފަރާތްތަކުން، ކެމިކަލް ވިއްކުމަށްޓަކައި މިއަދުން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި "ކެމިކަލް ވިއްކުމުގެ ހުއްދަ" ހޯދުމަށާއި، ކެމިކަލް ވިއްކުމަށްޓަކައި ކެމިކަލް ބަހައްޓާ ތަންތަން މަކުޑި ޕޯޓަލްގައި ރެޖިސްޓަރ ކުރުމަށް ޑިފެނެސް މިނިސްޓްރީން ވަނީ އަންގާފައެވެ. އަދި މިމުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ނުކޮށް ކެމިކަލް ވިއްކަމުންގެންދާ ފަރާތްތަކާއިމެދު ގަވާއިދުން ފިޔަވަޅު އަޅާނެ ކަމަށްވެސް ޑިފެންސް މިނިސްޓްރީން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;