ސްކޭމްގެ މައްސަލަތަކުގައި މިދިޔަ ހަފުތާގައި ގެއްލުނު ފައިސާގެ އަދަދު ތިން ލައްކަ ރުފިޔާއަށްވުރެ މައްޗަށް އަރާކަން ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

Advertisement
އެ ސެންޓަރު ހިސާބުތައް ދައްކާގޮތުން ސްކޭމްގެ މައްސަލަތަކުގައި މި މަހު ކުރީކޮޅު ގެއްލުނު ފައިސާއަށްވުރެ މިދިޔަ ހަފުތާގައި ގެއްލުނު ފައިސާގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ.
އެ ސެންޓަރު އާއްމުކުރި ހިސާބުތަކުން ދައްކާގޮތުން މިމަހުގެ ފުރަތަމަ ހަފްތާގައި ސްކޭމް މައްސަލަތަކުގައި ގެއްލިފައިވަނީ 325،485 ރުފިޔާއެވެ. އެހެންނަމަވެސް މިދިޔަ ހަފްތާގައި ސްކޭމްތަކުގައި ގެއްކކުނު ފައިސާގެ އަދަދު ވަނީ 365,626.56 އަރާފައެވެ. މީ އޭގެ ކުރީ ހަފްތާއާ އަޅާކިޔާއިރު 40،141 ރުފިޔާގެ އިތުރު އަދަދެކެވެ.
ފުލުހުން ބުނީ މިދިޔަ ހަފްތާގައި ސްކޭމްގެ 36 މައްސަލައެއް ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި އެ މައްސަލަތަކުގައި ގެއްލުނު 365,626.56 ރުފިޔާ ހޯދަން އެޅި އަވަސް ފިޔަވަޅުތަކުގެ ސަބަބުން 117,439.50 ރުފިޔާ ވަނީ ކާމިޔާބުކަމާއެކު އަނބުރާ ހޯދިފައިވާކަމަށް ފުލުހުން ބުނެއެވެ.
މިދިޔަ ހަފްތާ ހުށައެޅުނު ސްކޭމް މައްސަލަތައް
- އޮންލައިން ވިޔަފާރިއާ ގުޅުންހުރި ސްކޭމްގެ 24 މައްސަލައެއް
- ފައިސާ މާރުކުރުމާ ގުޅުންހުރި ސްކޭމްގެ 3 މައްސަލައެއް،
- ޝަހުސު އޮޅުވައިލުމުގެ 2 މައްސަލައެއް
ފުލުހުން ބުނީ މިދިޔަ ހަފްތާގައިވެސް އެންމެ ގިނަ މީހުން ޖެހުނީ އޮންލައިން ވިޔަފާރި (އީ-ކޮމާސް) ސްކޭމްތަކުގައިކަމަށެވެ. އެގޮތުން މުދާ ގަންނަން އޮންލައިން ކޮށް އެއީ ކޮންބައެއްކަން ސައްހަކަން ކަށަވަރު ނުކޮށް ފައިސާ ދައްކާފައިވާކަން ފުލުހުން ފާހަގަކުރެ އެވެ.
ފުލުހުން ވަނީ އޮންލައިންކޮށް ވިޔަފާރިކުރާއިރު އަބަދުވެސް މުދާ ވިއްކާ ފަރާތްތަކުގެ ސައްހަކަން ކަށަވަރުކުރަން އަނެއްކާވެސް އިލްތިމާސްކޮށްފައެވެ. އަދި ނޭނގޭ ފަރާތްތަކަށް ކުރިއާލާ ފައިސާ ނުފޮނުވަން ފުލުހުން ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފަ އެވެ.