ރާއްޖޭގެ 42 ރަށެއްގެ ޒުވާނުންގެ މަރުކަޒުތަކަށް ނުވަތަ ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު އިންޑިއާއިން ހިލޭ ހޯދުމަށް އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްއެވެ. އަދި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން ރާއްޖޭގައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަންއެވެ.
މި އެއްބަސްވުން ތަންފީޒުކުރަން ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރު އަބްދުﷲ ރާފިއުއެވެ.
މި އެއްބަސްވުމުގެ ދަށުން އިންޑިއާގެ ހިލޭ އެހީގެ ދަށުން ހިންގާ 'ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ)ގެ ދަށުން ރާއްޖެއަށް ހިލޭ ފިޓްނަސް ސާމާނު ލިބޭނެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އިރުތިޝާމް ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމެއް އާލާކުރުމަށް މަގުފަހިވެ، ފެންވަރު ރަނގަޅު ދުޅަހެޔޮ ސިއްހަތެއް ލިބޭނެ މަގު ފުޅާވެގެންދާނެ ކަމަށެވެ. އަދި މިއީ އަންހެނުން ބާރުވެރިކުރުވުމަށާއި، ހަމަހަމަކަމާއި، އިޖުތިމާއީ ބައިވެރިވުން އިތުރުކުރުމަށް ލިބޭ ކުރިއެރުމެއްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;