އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން ނަތީޖާ ނެރެން ޖެހުނު މި މެޗު ސްޕެއިނުން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ.
މެޗުގެ ކުރީކޮޅު ސްޕެއިނަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ޑެނީ އޮލްމޯ އާއި ލަމީން ޔަމާލްގެ ގުޅިގެން އުފެްއްދި ފުރުސަތުގައި ޔަމާލް ފޮނުވާލި ނުރައްކާތެރި ހަމަލާ، އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓީނޭޒް ދިފާއު ކުރި އެވެ.
ފުރަތަމަ ހާފުގައި އާޖެންޓީނާގެ ފަރާތުން ފެނުނީ ވަރަށް އާދައިގެ ކުޅުމެކެވެ. ކެޕްޓަން ލިއޮނަލް މެސީ އަދި ހޫލިއަން އަލްވަރޭޒް ފަދަ މުހިންމު ކުޅުންތެރިން ތިބީ ބާކީވެފައި ކަހަލަގޮތަކަށެވެ.
މެޗުން ސްޕެއިން މޮޅުވީ 90 މިނިޓްގެ ތެރޭގައި ކުރި ގިނަ އެޓޭކްތައް ނާކާމިޔާބުވެ، ނަތީޖާ ނެރުމަށް ކުޅުނު 15 މިނިޓްގެ ދެހާފްގައި ކުރި ހޯދައިގެންނެވެ. ސްޕެއިން އަށް ޗެމްޕިއަންކަން ހޯދައިދިން ލަނޑު 106 ވަނަ މިނިޓްގައި ޖެހީ ފެރަން ޓޮރޭޒް އެވެ.
އެއީ ނިކޯ ވިލިއަމްސް ބޮލުން ޖައްސާލައިގެން ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. ނިކޯ އާއި ފެރަން ޓޮރޭޒްވެސް ކުޅެން ނިކުތީ ދެވަނަ ހާފްގަ އެވެ.
މިފަހަރުގެ މުބާރާތް ސްޕެއިނުން ނިންމާލީ ހައިރާންކުރުވަނިވި ރެކޯޑުތަކަކާއެކުއެވެ. މުޅި މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން ސްޕެއިން މޮޅުވިއިރު، އެ ޓީމު ކޮޅަށް ވަދެފައިވަނީ އެންމެ ލަނޑެކެވެ.
މިއީ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް ދިފާއީ ގޮތުން ދެއްކި އެންމެ ވަރުގަދަ އެއް ދެއްކުމެވެ. މީގެ އިތުރުން، މި ކާމިޔާބީއަކީ ޓީމުގައި ތިބި ޒުވާން ކުޅުންތެރިން ކަމަށްވާ ލަމީން ޔަމާލް ފަދަ ތަރިންނާއި، ތަޖުރިބާކާރު މިޑްފީލްޑަރު ރޮޑްރީ ފަދަ ކުޅުންތެރިންގެ މޮޅު ކުޅުމުގެ ނަތީޖާ އެވެ.
ވަކިވަކި ކުޅުންތެރިންނަށް ދިން އެވޯޑުތަކަށް ބަލާއިރު:
ރަން ބޫޓު - ފްރާންސްގެ ކީލިއަން އެމްބާޕޭ
ރަން ބޯޅަ - ސްޕެއިންގެ ރޮޑްރީ
ގޯލްޑަން ގްލަވް - ސްޕެއިންގެ ކީޕަރު ސިމޯން
އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ - ސްޕެއިންގެ ޕައު ކުބާސީ
މިއީ ސްޕެއިނުން ވޯލްޑް ކަޕް ކާމިޔާބުކުރި ދެ ވަނަ ފަހަރެވެ. މީގެ ކުރިން ސްޕެއިނުން އެ މުބާރާތް ކާމިޔާބުކުރީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ނެދަލެންޑްސް ބަލުކުރުމަށްފަހު އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;