ads
ދަރިފުޅު - 37 ވަނަ ބައި
އެޕިސޯޑް 37
Advertisement

''އެހުރިހައި ކަމެއް ހިނގަމުންދިޔައިރުވެސް ދޯނީ ދުއްވަމުންދިޔަ ސްޕީޑަށް ބަދަލު ނާދޭ.. އެމީހުން މަސައްކަތް ކުރީ މެންދަމުގެ އަނދިރިކަން ފަނޑު ނުވަނީސް ވީ އެންމެ އަވަހަކަށް ރާއްޖޭގެ ރަށްތަށް ނުފެންނަ ހިސާބަކަށް ދާން.. އެމީހުންގެ ސިއްރު ވާހަކަތަކުގެ ތެރެއިން އިވެމުންދިޔަ އަޑަކީ އަހަރުމެންނާއި ހަވާލުވާނެ 'މަނަވަރު' އޮތީ މާ ދުރުގައި ނޫންކަމަށް!"

"ތިޔަ ހުރިހައި ކަމެއް ކަނޑުމަތީގައި ހިނގަމުންދިޔައިރު އަމުނު ބަލަހައްޓާ އެއްވެސް ފަރާތެއްގެ ހިލަމެއް ނެއްތަ؟ ގާތުން ދަތުރުކުރާ އުޅަނދެއްވެސް ދިމާނުވޭތަ..؟" އަހަރެންގެ ސިކުނޑީގައި އެނބުރެމުންދިޔަ ސުވާލެއް ދުލުން ނިކުތީ ކުއްލިޔަކަށެވެ. 

"ކިތަންމެ އުޅަނދެއް ދުށިން.. އެއިން ފަރާތަކަށް އިޝާރާތެއް ވާކަމެއް ނުވަތަ ނޫންކަމެއް ނޭގޭ.. އެނގޭހާވެސް އެއްޗަކީ އަހަރުމެން ދަތުރުކުރަމުންދިޔަ އުނޅަނދާއި 'ދިވެހި ކޮންމެވެސް ފަރާތަކާއި' ވަރަށް ބޮޑަށް ގުޅިފައި ހުރިކަން.. ފޯނުން މައުލޫމާތުދޭ މީހާގެ މަސައްކަތަކީ ވަށައިގެން ހިނގާ ހުރިހައި ހަރަކާތެއް އެފަރާތަކަށް ތަފްސީލު ކޮށްދިނުން.. އެއީ އުޑުމަތީ ވިލާ ގިނަ ކަޅުފޮއި އަނދިރި ރެއެއް! ހަނދުގެ ހަނދުވަރެއް ފެންނާކަށް ނެތް.. އެމީހުން އެ ގެންގުޅޭ ކުދިކުދި ފޯނުތަކުގެ ސްކްރީންތަކުން ލިބޭ އަލިކަމެއް ނޫނީ ވުޖޫދުގައިވެސް އެ ރޭ އަލިކަމެއް ނެތް! ނިވިދިއްލޭ ބޮތްކެއްގެ މިންވަރުވެސް އެ ބޯޓުގައި ނެތް" 

މެންދަމުގެ ބިރުވެރި އަނދިރިކަމުގައި މާސިންގާ ކަނޑުމަތީ، ސިއްރިއްޔާތުގައި ބަޔަކު ހިންގަމުންދިޔަ ނުބައި ނުލަފާ ޖަރީމާގެ ސަފްހާތަށް ކައިރާ ނިއުޅަމުންދިޔައީ އޮޅާފައިވާ ބަރަންޏެއްގެ ރޮދިފަށްތަކެއް ފަދައިންނެވެ. ކޮންމެ ފަށަލައެއްގައި މުޅިން އައު ހާދިސާއެކެވެ.

"ވިހެއުމަށްފަހު، ދުނިޔޭގެ އަނިޔާވެރިކަމަށް އަލްވަދާއު ކިޔުމަށް އެ އަންހެން މީހާ، ގިނަ ވަގުތެއް ނުނެގި.. އެންމެންގެ ކުރިމަތީގައި ލޭގެ ކޯރެއްގައި އެ މަންމަ ދެ ލޯ މަރައިލީ، ހިއްސު ހުރި ކޮންމެ އިންސާނެއްގެ ހިތް ކުދިކުދިވާފަދަ ވޭނުގައި.. އެ ކުޑަ ބޯޓުގައި ދަލެއްގެ ތެރޭގައި ހައްޔަރު ކޮށްފައި ތިބި އެންމެން ތެޅިގަތީ ގަތް ބިރުން... އަހަރެންގެ ހަމަލާގެ ސަބަބުން ފައި ޒަހަމްވެފައި އޮތް މީހާގެ އިތުރުން ދެ މީހުން އޭގައި ހަރަކާތްތެރިވި.. ކިތަންމެ ބިރެއް ދެއްކިޔަސް އެ ބިރަށް ނުގުޑާނެކަން އަހަރެންގެ ބާރު އަޑުން ބުނުމުން އެމީހުން އަވަސްވެގަތީ، އެމީހުންގެ 'ބޮސް'އަށް ހާލަތު އެންގުމަށް.. ދެމުންދިޔަ ރިޕޯޓުގައި ހަމައެކަނި ފާހަގަކުރީ އަހަރެންގެ ނަން.. އެމީހުންނަށް އަހަރެން އެނގެންޖެހޭ ސަބަބެއް ނޭގޭ! އަހަރެންގެ އަތުގައި އޮތް ކުޑަކުޑަ ދަރިފުޅުގެ ރުއިމުގެ އަޑާއެކު ސިކުނޑިއަށް އައީ އެންމެ ހިޔާލެއް.. ފުރާނަ ދިއުމުގެ ކުރިން އެ އަންހެން މީހާ ނުވަތަ ކުޑަ ކުޑަ 'ބޭބީ'ގެ މަންމަ ބުނެލި ޖުމުލަ.. ހަވާލުކުރި އަމާނާތާއެކު އަހަރެންގެ ބޮލުގައި އެޅުނު ނުރައްކާތެރި ޒިންމާ! ކޮންމެ ފަދަ ހާލެއްގައި ވިޔަސް، ކުޑަކުޑަ ފުރާނައަކީ އަހަރެންގެ ހައްގެއްގެ ގޮތުގައި ބަލައިގަތިން.. އަހަރެންގެ ހަށިގަނޑުގައި ވިންދު ހުރިހައި ހިނދަކު އެ ދަރިފުޅު ރައްކާތެރި ކުރުމަށް އަޒުމު ކަނޑައެޅިން.. ބޯޓު ދުއްވަން ހުރި މީހާ ފިޔަވާ އެހެން އެންމެން އަހަންނާއި ދިމާކޮއްލި.. ހަޑިހުތުރު ބަސްތަކާއި ދަށުދަރަޖައިގެ ނަންތަކުން އަހަރެންގެ ކަރާމާތަށް އުނިކަން ގެނެސް، ހިތްވަރު ދެރަކޮށްލުމަށް އެމީހުން މަސައްކަތް ފެށި.."

ކައިރާގެ ވާހަކަ މެދުކަނޑާލާފައި ހިމޭންވި އެވެ. އެ ހާދިސާތަކާއި އެ ހަނދާންތަކުގެ އަނިޔާވެރި ރިހުން އަދިވެސް ނުފިލާކަން ކަށަވަރެވެ. އެބިރުވެރިކަމުން ކައިރާ ނެރި، އޭނާއަށް އަމާންކަން އިހްސާސްކޮށްދިނުމަކީ އަހަރެންގެ ޒިންމާއެއްކަން ގަބޫލުކުރީމެވެ. ބުރަކަށީގައި ފިރުމަމުން، އޭނާއަށް ހިތްވަރު ދިނީމެވެ. އެވާހަކަތަށް އޭނާގެ ސިކުނޑިން ނެރި ބޭރުކުރާން އަހަރެންވެސް ބޭނުމެވެ.

"އަތުޖެހުނު ކޮންމެ އެއްޗަކުން އަހަންނަށް ހަމަލާދިނުމަށް އެމީހުން ކުރިމަތިލި.. ލައިގެން ހުރި ހެދުންވެސް އިރާލި.. އެވަރުންވެސް ފަހަތަކަށް ނުޖެހެން.. ދިފާއުގައި ދެވެން އޮތް ކޮންމެ ހަމަލާއެއް  އެމީހުންނާއި ދިމާއަށްވެސް އަމާޒުކުރިން... އަހަރެންގެ ކުރިމަތީގައި އެވަގުތު އޮތީ ދެ ގޮތް.. އެއްގޮތަކީ، އެމީހުންގެ ގައިދީކަށް ވެގެން މުޅި އުމުރު އަނިޔާ ލިބުމަށް ތައްޔާރުވުން.. ދެވަނަ ގޮތަކީ ކުޑަދަރިފުޅާއެކު މާސިންގާ ކަޅު ކަނޑަށް ފުންމާލުން.. ދެ ގޮތުގައިވެސް އޮތީ ނުރައްކާ.. ނަމަވެސް ހަތިޔާރު ބަހައްޓައިފިނަމަ، އިއްފަތްތެރިކަން އެވަގުތުވެސް ނުލިބޭނެކަން ޔަގީންވާ ހިސާބަށް ދިޔަ... ﷲއާއި ވަކީލުކޮށްފައި ނުރައްކާތެރި ފިޔަވަޅެއް އަޅައިގެން ނޫނީ ސަލާމަތެއް ނެތްކަން ގަބޫލުކުރިން...! ގަދަ އަޑުން އެމީހުންނާއި ކުރިމަތިލަމުން އަހަރެންގެ ލޮލުގައި އަޅައިގަތް ބޮޔަކާއި ދިމާއަށް އަމާޒުހިފިން.. މޭ ދަށުގައި ބޮއިގެ ވާގަނޑު އައްސަން ފެށުމުން، ހުތުރު އަޑުން އެމީހުން ހޭންފެށި.. ދާ ގަނޑު ތެރޭގައި ހައްޔަރުކޮށްފައި ތިބި ކުދިން އަހަރެންނާއި ދިމާއަށް ބަލަމުންގެންދިޔައީ ބިރުވެރި ނަޒަރަކުން.. އެއިރުވެސް ބައެއް ކުދިން ތިބީ ހަމަހޭގައި ނޫންކަމުގެ ނިޝާންތައް ފާހަގަވި.. އެއީ ކާން ނުވަތަ ބޯންދިން އެއްޗެއްގެ ސަބަބުން ކަމެއް ނުވަތަ އިންޖެކަޝަނެއްގެ ބާރުގައި ކަމެއް ބުނާކަށް ނޭގޭ.. ޖެހިލުން ކުޑަކަމާއި ގޮތް ދޫ ނުކުރާނެކަން އެމީހުންނަށް ދައްކަމުން އަހަރެން ކުރިމަތިލީ ބިރު ނުގަންނާތީއެއް ނޫން.. އަހަރެން ކުރިމަތީގައި އެ ނޫން ގޮތެއް ނެތީ! ދަރިފުޅު އަތަށް ނަގައިގެން ފުންމާލަން ތައްޔާރުވިން.. އަހަރެންގެ މޮޔަކަމަށްޓަކައި އެމީހުން ހީނ މަލާމާތްކުރި.. ދުނިޔަވީ މަޖަލުގެ ތެރޭގައި އުމުރު ހޭދަކުރެވެން އޮއްވައި، އަމިއްލައަށް މަރުވުމަށް އިތުރު ފުރާނައަކާއެކު މާސިންގާ ކަނޑަށް ފުންމާލާތީ ފުރައްސާރަވެސް ކުރި.. ދެ ލޯ މަރާފައި ފުންމާލި ވަގުތު އެމީހުންގެ ތެރެއިން އެކަކު ބުނެލި އަޑު އިވުނީ 'އެންމެ ބޮޑު އަގުގައި ވިއްކާފައިވާ ޑައިމަންޑް ނެތް ނަމަ، އަހަރުމެން އެންމެން ސަންދޯކަށްލާނެ.. ކަނޑަށް ފުންމާލައިގެންވެސް އޭނާ ޖެހޭނީ ނަގަން.. ސްޕީޑް މަޑުކުރޭ!' އެބުނާ ޑައިމަންޑަކީ އަހަރެން ކަމެއް ނުވަތަ ބޭބީ ކަމެއް ނިންމާކަށް ނޭގުނު.. އުސް ރާޅުތަށް މައިތިރިވެ، މުޅި ކަނޑު ހިމޭންވެފައިވާ ވަގުތުގައި މެންދަމުގެ ފިނިކަމުގައި ހަމަ ދެންމެ އުފަންވި ފުރާނައެއް އަތް މަތީގައި އުފުލުމަކީ ކިހައިވަރެއްގެ ބިރުވެރިކަމެއްކަން އިންސާނެއްގެ ހިތަށް ނަގައިނުގަނެވިދާނެ.. ނަމަވެސް މަރާއި ހަނގުރާމަ ކުރުން ނޫން އެހެން އެއްގޮތެއްވެސް ނެތް.. ފުންމާލުމަށްފަހު ދޯންޏާއި ދުރަށް ދެވޭތޯ ހިތްވަރުކުރާކަށް ނުޖެހުނު.. އެއިގެ ސްޕީޑު އެމީހުންނަށް މަޑެއް ނުކުރެވުނު.. އިންޖީނު ނިވައިވެސް ލެވުނުނަމަ އެކަންވެސް ކުރާނެކަމަށް އަހަރެންގެ ހިތް ބުނި.. ކޮންމެއަކަސް އަހަރެންނާއި ބޭބީ، މާސިންގާ ކަނޑަށް ދޫކޮށްފައި އަހަރުމެން ފަސްދީ އެމީހުން ހިނގައްޖެ! ފުރާނަ ސަލާމަތްވާނެ ކަމަށް އޮތް ކުޑަކުޑަ އުއްމީދުވެސް އަހަރެންގެ ހިތުން ފަނޑުވި.. އެކަމަކު ﷲއާއި ވަކީލުކޮށް، ހިތަށް އައިހައި ހެޔޮ އެއްޗަކުން ދުއާ ދެންނެވިން.. ކުށެށް ނެތް މައުސޫމް ފުރާނަ ސަލާމަތްކުރެއްވުން އެދި އަޑުން އަޑުނަގައި ރުއިން.. ކަނޑުގެ ލޮނުން، ބޭބީ ސާފުކުރުމަށްފަހު ފެންމަތީ އޮވެވޭތޯ މަސައްކަތް ފެށިން.. އެގޮތުގައި ހޭދަވީ ކިހައި އިރެއްކަމެއް ނޭގެ.. ލޯ ހުޅުވުނީ ކޯސްޓް ގާޑުގައި އަވަސް ފަރުވާ ދެމުންދަނިކޮށް.. ފުރަތަމަވެސް އިވުނީ އަހަރެންގެ ދަރިފުޅުގެ ރުއިމުގެ އަޑު! ހަމްދާއި ޝުކުރު ކުރެވުނީ، ހަވާލުކުރެއްވި އަމާނާތް ފުރިހަމަ ސިއްހަތުގައި ލެއްވީތީ!" 

ނޭވާލާން ހަނދާން ނެތިފައިވާ އިންސާނެއް ފަދައިން މާލިކްގެ ނޭވާ ހުއްޓިފައިވާކަން އެނގުނީ އޮކްސިޖަން ނުލިބިގެން ބޮލަށް އެނބުރުން އެރީތީ އެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;