ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ފެށިގެން ބޮޑެތި ކުންފުނީގެ މުވައްޒަފުންގެ ވަޒީފާ އާއި މެދު އޮތް އިތުބާރު ގެއްލެން ފެށިއެވެ. އެތަށް ކުންފުންޏަކުން އެތައް މުވައްޒަފުންނެއް ވަޒީފާ އިން ވަކިކުރުމާއި ނޯޕޭއަށް ފޮނުވާލާ މަންޒަރު ފެނިގެން ދިޔަ އެވެ. މިއާއެކު ރައްޔިތުންގެ ހިތުގައި ކުންފުނިތަކުގެ ވެރިންނާއި މެދު އޮތް އިތުބާރު ގެއްލެން ފެށިއެވެ.
ކުންފުނިތަކުން އެ ކުންފުނިތަކުގެ މުވައްޒަފުންނާއި މެދު ކަންތައްކުރަނީ އެއްވެސް އޯގާތެރި ކަމެއް ނެތި ކަމަށް ބުނަންފެށިއެވެ. އާދައިގެ މުވައްޒަފުން މަސައްކަތުގެ ކުރީސަފަށް ނެރެ ވެރިން ތިބެނީ ފިލައި ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެކި ވާހަކަތައް ދައުރުވާން ފެށިއެވެ. ގިނަ ވާހަކަތަކަކީ ހަގީގަތުގެ މައްޗަށް ބިނާކޮށް ދެކެވޭ ވާހަކަތައް ނަަމަވެސް ބައެއް ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އޭގައި އެކުލެވިގެންނުވާ ވާހަކަތަކެކެވެ.
މިގޮތަށް ސޯޝަލް މީޑިއާގައި ދެކެވެމުންދިޔަ ވާހަކަތަކުގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު އެއް ކުންފުންޏަކީ ފެނަކަ އެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގެ ގިނަ ރަށްތަކަކަށް ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ފެނަކަ އާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު ކުންފުނީގެ މުވައްޒަފުންނާ އެއްވެސް ވަރަކަށް އަޅާ ނުލާ ވާހަކަ ދެކެވެން ފެށި އެވެ.
އެހެންނަމަވެސް މި ވާހަކަތައް އެންމެ ފުރަތަމަ ދޮގުކުރި އެއްބަޔަކަށް ވީ އެކުންފުނީގެ މުވައްޒަފުންނެވެ. އެމްޑީ ސައީދު އޭ ކިޔައިގެން ދެކެވޭ ވާހަކަތަކާއި ދެކޮޅަށް ބަސްބުނި އެންމެ ފުރަތަމަ ބަޔަކަށްވީ، އެމްޑީ އަޅާނުލާ ކަމަށް ބުނި މުވައްޒަފުން ނެވެ. އެ މުވައްޒަފުން ވަނީ ފެނަކަ ކުންފުނީގެ އެމްޑީ އަކީ ހުރިހާ މުވައްޒަފުންނަށް ވެސް އޯގާތެރި ހިތް ހެޔޮ އެމްޑީ އެއް ކަމަށް ބުނެފަ އެވެ. އަދި ހުރިހާ މުވައްޒަފުންނާ ވެސް ގުޅޭ މި އެމްޑީ އެއްވެސް މުވައްޒަފަކާއި މެދު ތަފާތުކުރުމެއް ނުގެންގުޅޭ ކަމަށް މުވައްޒަފުން ބުނެ އެވެ.
ފެނަކައިގެ މުވައްޒަފުން އެންމެ ފާހަގަ ކުރާ އެއް ކަމަކީ މިހާލަތުގައި، ކޮވިޑް-19 އާ ގުޅުންހުރި ގިނަ މަސައްކަތްތަކުގައި އެ މުވައްޒަފުން ހަރަކާތްތެރިވަމުން ދާއިރު، އެ މުވައްޒަފުންނާއެކު އެމްޑީ ހަރަކާތްތެރިވާ ކަމެވެ. ކަރަންޓީން ފެސިލިޓީތައް ތަރައްގީވުމަށް އެހީތެރިވުމުގައި އެންމެ އާދައިގެ މުވައްޒަފު މީހާ އާއެކު ކުންފުނީގެ އެމްޑީ ހަރަކާތްތެރިވަމުން ދިއުން އެއީ އެ މުވައްޒަފުންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށް މުވައްޒަފުން ފާހަގަކުރެ އެވެ.
އޭގެ އިތުރުން އެމްޑީ ސައީދާއެކު މަސައްކަތް ކުރަން ވަރަށް ފަސޭހަ ކަމަށާއި ދިމާވާ ކޮންމެ ދަތިކަމެއްގައި އެމްޑީގެ ފަރާތުން އެހީތެރިކަން ލިބިގެންދާނެ ކަމުގެ ޔަގީންކަން އޮންނަ ކަމަށް މުވައްޒަފުން ބުނެ އެވެ.
އެ ކުންފުނީގެ މުވައްޒަފަކު ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދާއިރު، ކޮންމެ ދުވަހަކު ވެސް އެމްޑީ އޭނާއަށް ގުޅާ ހާލު ބަލާ ކަމަށް އެމުވައްޒަފު ފާހަގަ ކުރެ އެވެ. މި ދަނޑިވަޅުގައި އެމްޑީގެ ފަރާތުން ލިބޭ އެހީތެރިކަމާއި އޯގާތެރިކަން އެމުވައްޒަފު ވަނީ އެކި ފަހަރު މަތިން ފާހަގަކޮށްފަ އެވެ.
އެމްޑީ ވެސް އާއިލާ އާއި ވަކިން ވިލިވަރުގައި މަސައްކަތް ކުރަމުންދާތާ މިހާރު މަސް ދުވަސް ވެފައި ވާކަމަށް އެމްޑީ ސައީދު މައުލޫމާތު ދެއެވެ. އަދި މިދަނޑިވަޅުގައި އޭނާގެ މުވައްޒަފުން ބުރަ މަސައްކަތުގައި އުޅޭ އިރު، ގޭގައި ނުހުންނެވޭނެ ކަމަށް އެމްޑީ ވިދާޅުވި އެވެ. އަދި މުވައްޒަފުންނާއެކު، މުވައްޒަފުންނަށް ވާހާ ކަމެއްގައި ހުންނަވާނެ ކަމަށް އެމްޑީ ސައީދު ވިދާޅުވެ އެވެ.