"ބޭބީއާއި އަހަރެންނާއި ބެހޭގޮތުން އެމީހުން ވަރަށް ސުވާލުކުރި... ގާނޫނު އޮތް ގޮތުން އަހަރެން ކަހަލަ، ވަންނާނެ ތަނެއް ނެތް ވަޒީފާއެއްގައިވެސް ނޫޅޭ އެކަނިވެރި އަންހެނަކަށް ކުޑަކުއްޖެއްގެ ބަލަދުވެރިކަން އަމިއްލަ ނުކުރެވޭނެކަމަށް އެންގި.. ސިކުނޑިއަށް ކެތް ނުވާވަރުގެ ތަކުލީފުތަށް ޖެއްސި..! އަހަރެންނާއި ބޭބީގެ ހާލަތަށް ވުރެން، ބަލަދުވެރިކަމާއިމެދު ކުރާން ޖެހުނު ހަނގުރާމައިގެ ހިތްދަތިކަން މާބޮޑު..! ވަގުތީ ހިޔާ ދޫކޮށް، ޖަލަށް ވަންނާން ޖެހުނަސް ހެޔޮކަމަށް، މި ދަރިފުޅުގެ ހައްގުގައި އަހަރެން ހަނގުރާމަ ކުރިން.. ވިހެއުމާއެކު ދޭންޖެހޭ ވެކްސިންތަކާއި ފުރިހަމަ ކުރާންޖެހޭ ގާނޫނީ ލިޔެކިޔުންތަކުގެ މައްސަލަތަކުގައި އަހަރެން އުޅެންޖެހޭނެ ގޮތުގެ އުނދަގޫ ހާލަތު ބުނެދިން.. މަސްއޫލިއްޔަތާއި ތަކުލީފު ބޮޑުވެގެން އެ ކަމުން އަހަރެން އަތް ފޮޅާލާތޯ، އެމީހުން މަސައްކަތްކުރި.. އެކަމަށް އަހަރެން ދެކޮޅެއް ނުހަދަން..! އެކަމަކު މި ހަށީގައި ފުރާނަ ހުއްޓައި އަހަރެންނާއި ބޭބީ ވަކިނުކުރެވޭނެ ކަމަށް ބުނިން..! އެންމެފަހުން ހާލަތާއި، ހިނގި ހާދިސާއަށް ބަލާފައި ދިރިއުޅޭނެ ތަނަކާއި އަދި އާންމުދަނީ ލިބޭނެ ވަސީލަތެއް ހޯދާނެކަމަށް ވައުދުވެ، އަހަރެން ކުރި އާދޭހަށް ގޮތް ދޫކޮށް، ހަތްދިހަ ދެ ގަޑީރުގެ މުހުލަތެއް ދިން.. ދުނިޔޭގެ ހަ ފަރާތުން އަހަރެން ތާށިކޮށް، ގޮތް ހުސްވެ ހަދާނެ އެއް ގޮތެއްވެސް ނުވިސްނުނު.. ދެ ފަޔަށް އަރާމެއް ލިބޭތޯ، އާޓިފިޝަލް ބީޗްގެ ގޮނޑިއެއްގައި ރޯން އިންދެވުނީ ކިހާއިރަކު ކަމެއް ނޭގެ.. ބޭބެއާއި ދިމާވީ އެތަނުގައި ތިއްބައި.. ހަމައެވަގުތު އަހަރެންނާއި މި ދަރިފުޅާއި އަދި ވަގުތީ ހިޔާއިން ދިން ބައެއް އަންނައުނާއެކު ބޭބެގެ ގެއަށް ގެނެސް، މި ގޭގައި އާބާދުކުރީ.. އަހަރެންނާއި މި ދަރިފުޅަށް މުޅިން އައު ދުނިޔެއަކަށް ނޭވާލުމުގެ ފުރުސަތު ދިނީ ފަހަދު ބޭބެ.. އެވަރު މާތް އިންސާނަކު އަހަރެން ދުވަހަކުވެސް ނުދެކެން.. އަހަރެންގެ މާޒީއާއިމެދު ދުވަހަކުވެސް ސުވާލު ނުކުރޭ.. އެކަމަކު އެއްވެސް އެއްޗަކަށް ދަތިވެދާނެކަމަށް ސުވާލުކޮށް، އެއްވެސް ކަމެއް ބޭނުންތޯ ނޫންތޯ ސުވާލުނުކުރާ އެންމެ ދުވަހެއްވެސް ނުދޭ.. ފާއިތުވި ދެ އަހަރު އަހަރެންނާއި ދަރިފުޅު ދިރިމިއުޅުނީ ބޭބެގެ އެހީތެރިކަމުގައި.. ބީނިޝްގެ ހަގީގަތާއި އޭނާގެ ފުރިހަމަ އުމުރަކީ ކޮބައިތޯވެސް ބޭބެ ސުވާލު ނުކުރޭ.. ބީނިޝްގެ އެއްވެސް މައުލޫމާތެއް މިހައިތަނަށް އެއްވެސް މީހަކާއި އަހަރެން ހިއްސާ ނުކުރަން.. ފުރިހަމަ އުމުރުވެސް މީހެއްގެ ގާތުގައި ނުބުނަން.." އިސްޖަހައިލާފައި ޖެހިލުންވެ އިނދެ ކައިރާ ބުނެލިއިރު އޭނާގެ އަމިއްލަ ނަފުސު ކުއްވެރިކޮށްފިކަން ސާފުކޮށް ފެނުނެވެ.
"ފުރިހަމަ އުމުރު..؟" ކެތްތެރިކަން ކުޑަވެފައިވާ އަހަރެންގެ ހަވަނަ ހިއްސު މަޖުބޫރުކުރުމުން ސުވާލުކުރެވުނެވެ.
"ހޫމް.. ދެ އަހަރު.. ބީނިޝްއަށް ދެ އަހަރު.. ސްކޫލަށް ވައްދާ އުމުރު ވަރަށް ގާތްވެއްޖެ.. އަހަރެންގެ ނަމުން ބީނިޝްއަށް ނަންދީފައިވާކަން، ސްކޫލަށް ފާހަގަކުރެވޭ ހިސާބުން ދެން ކަންތައް ވެދާނެގޮތަކާއިމެދުގައި ވަރަށް ޖެހިލުންވޭ..! ހަގީގަތަށްވުރެން ލޮލަށް ފެންނަން އޮންނަ އެއްޗަކަށް ގޮތްކިޔުމާއި ފުރައްސާރަ ކުރުމަކީ މިހާރުގެ އެންމެ މަގުބޫލް އުސޫލް.." ކައިރާގެ އަޑުގައި ތުރުތުރެއް ހުއްޓެވެ.
"ފަހަދުއަށް އިނގޭނެ..؟" ޖަވާބު އެނގިހުރެވެސް އެ ސުވާލު، ދުލަކު ނުބޭއްވުނެވެ.
"ނޫން.." ޖަވާބު ކުރެވެ. އެޖަވާބުގެ ރިހުން އިންތިހާ އެވެ.
"އެއްވެސް ވެކްސިނެއް ނުޖެހިފައި ވާނެތަ...؟" އަހަރެންގެ ސިކުނޑިއަށް އެންމެ އުނދަގޫކުރި ސުވާލު އެހީމެވެ.
"ނޫން.. ބައްޕައެއްގެ ނަން ލިބުން ފިޔަވައި، ހުރިހައި ކަމެއް ފުރިހަމަކޮށްފައި ހުންނާނީ.." ދެ ލޯ މަރައި ތަގުޅިކޮށްލާފައި ކައިރާ ބުންޏެވެ.
އޭނާގެ ޖަޒްބާތުން ޒައްރެއްގެ މިންވަރު އިހްސާސް ކުރުމަށްވެސް އަހަރެން ނުކުޅެދޭނެކަން، ގަބޫލުކުރަމެވެ.
އެކަމަކު އަޒުމެއް ކަނޑައެޅީމެވެ.
ބީނިޝްއަށް ގެއްލުނު ދެ އަހަރުގެ ބަދަލު ނުދެވޭނެ އެވެ.
ދަރިފުޅުގެ ހައްގު ހޯދައިދޭނަމެވެ. އުފަން މަންމައަކަށްވެސް ދަރިއަކަށް ނުދެވިދާނެ ފުރިހަމަ ތަރުބިއްޔަތަކާއި ތައުލީމެއް ބީނިޝްއަށް ކައިރާ ވަނީ ދީފަ އެވެ.
ހިތަށް އައީ ފުރަތަމަ ބިނިޝް ފެނުނު ވަގުތުގެ މަންޒަރުތަކެވެ.
އެވަގުތު ހީކުރެވުނީ އެއީ ތިންހަތަރު އަހަރު ނުވަތަ ފަސް އަހަރުގެ އުމުރުފުރާގެ ކުއްޖެއް ކަމަށެވެ. ކެއުމާއި ނިދުމާއި ހަށިގަނޑުގެ ތަރުބިއްޔަތުގެ އިތުރުން ގޭތެރެއިން ދީފައިވާ 'ތައުލީމް'އަކީ ސުކޫލަކުންވެސް އެ އުމުރު ކުއްޖަކަށް ހޯދައިދެވޭނެ ކުރިއެރުމެއް ނޫންކަން ކަށަވަރެވެ.
ކައިރާއަށް ވުރެން ފުރިހަމަ މަންމައަކު ބީނިޝްއަށް މި ދުނިޔެއިން ނުލިބޭނެކަމަށް އަހަރެން ހެކިދޭނަމެވެ. އުފަންކުރި ވަގުތު އެ އަންހެންމީހާ އެބުނީ ތެދެކެވެ.
'ދަރިފުޅުގެ މަންމައަކީ ކައިރާ' އެވެ.
ދުނިޔެއާއި އާހިރަތުގައިވެސް އެ އިއްޒަތާއި ފުރިހަމަ ނިއުމަތް ކައިރާއަށް މިންވަރު ކުރައްވާށި އެވެ.
"ހާސްނުވޭ..! ބީނިޝް ސްކޫލަށް ދާނީ ބައްޕައެއްގެ ނަންވެސް، އުފަންދުވަހުގެ ސެޓްފިކެޓްގައި އޮވެގެން" އަހަރެންގެ ޖުމުލައިގެ ބާރު ކައިރާއަށް އިހްސާސްވާނެ އެވެ.
ދުނިޔޭގެ އެންމެ ނުފޫޒުގަދަ ސީއީއޯއިންގެ ލިސްޓުގައި އަހަރެންގެ ނަން އޮންނަ ސަބަބު ކައިރާއަށް ވިސްނޭނެ އެވެ. މި ނޫން އިތުރު ޖުމުލައެއް ބީނިޝްއާއި ކައިރާގެ ރައްކާތެރިކަމަށްޓަކައި ބޭނުމެއް ނުވާނެކަންވެސް އޭނާއަށް އިނގޭނެ އެވެ.
ފަނޑު ހިނިތުންވުމަކާއެކު ކަރުނައިގެ ތެރެއިންވެސް ކައިރާގެ ދެ ލޯ ބަބުޅާލި އެވެ. އަހަރެންގެ ކަދުރާއިން ހީބިހި ހިލުވާލި އެވެ. ރައްދުގައި ހިނިތުންވާނެ ހިތްވަރެއްވެސް އަހަރެންގެ ހިއްސުތަކުގައި ނެތީތީ އެވެ. ބޮލާއި މޭ އަށް ބަރުވެފައިވާ މިންވަރު ދެނެވޮޑިގެންވާނީ ﷲތައާލާ އެވެ.
"ހިނިތުންވެލާބަލަ.. ޕްލީޒް! މާލިކްގެ ހިނިތުންވުމުގައި، އަހަރެންގެ ހުރިހައި ރިހުމެއްގެ ފަރުވާ އެކުލެވޭކަން ނޭނގޭތަ؟ ބީނިޝްއާއި މާލިކްގެ ހިނިތުންވުމަކީ، އަހަރެންގެ އެންމެ ބޮޑު ހިތްހަމަޖެހުން.."ނުހަނު ލޯބިން ކައިރާ ބުންޏެވެ.
'ވަރަށް ލޯބިވެޔޭ' ބުނުމަކީ ކޮބައި ހެއްޔެވެ؟ މިއަށްވުރެން ފުރިހަމަ އިބާރާތަކުން ލޯބި ހާމަކޮށްދެވޭނެ ހެއްޔެވެ؟ ރެއާއި ދުވާލުން މި އަންހެންކުއްޖާ ކިތަށް ފަހަރު އަހަރެންގެ ހިތް ފަތަހަކުރާނެބާ އެވެ؟
މަޑުމަޑުން އޯގާތެރިކަމާއެކު ކައިރާ ގެނެސް އަހަރެންގެ ގައިގައި ފިއްތާލީމެވެ. ނޭވާލުމަށް އިންސާނުން އޮކްސިޖަން ބޭނުންވެ އެވެ. މިއަށްވުރެން ފުރިހަމައަށް ނޭވާލެވޭނެ އެހެން ވަސީލަތެއް އަހަންނަށްޓަކައި ނެތްކަން ކަށަވަރެވެ.
އަހަރެންގެ ދުލުން އެންމެ ލަފްޒެއްވެސް ނުނިކުތެވެ. އޭނާގެ ރިހުމަށް ތަސައްލީއެއް ގެނެސްދެވޭނެ އަލްފާޒެއް އަހަރެންގެ ހިތާއި ސިކުނޑިއާއި ދުލުގައިވެސް ނެތީ އެވެ.
"ދުނިޔޭގެ ނިއުމަތުގެ ތަރާދުން ދެން ލިބުނީ މާލިކް! ވިންދެއް ހުއްޓަސް، ދިރިހުރި ފުރާނައިގެ ހިއްސުތަށް ހަމަކަން އިހްސާސްވީ މާލިކްއާއެކު ބީނިޝް ހިނިތުންވާ މަންޒަރު ފެނުނު ވަގުތު.. ބީނިޝްއާއި ބޭބެއާއި ދެމެދު އޮންނަނީވެސް ވަރަށް ގާތް ގުޅުމެއް.. އެކަމަކު މާލިކްއާއި ދިމާއަށް ބީނިޝް ބަލައިލާ ވަގުތު އެ ދެލޮލާއި މޫނުން ފެންނަ ބެބުޅުން ވަރަށް ތަފާތު.. އުއްމީދުގެ ބަގީޗާގައި ބީނިޝްއަށްޓަކައި މޫލައި ހެދެމުން އަންނަ އެންމެ ފުރިހަމަ ދިރުމަކީ މާލިކްކަން ގަބޫލުކުރަން މަޖުބޫރުވި..! ބީނިޝްގެ އުފަލަށްޓަކައި ވާންޖެހުނު ކޮންމެ ގުރުބާނީއަކަށް އަހަރެން ފަހެއް ނުޖެހޭނަން.."
ކައިރާގެ ކޮންމެ ބުނެލުމެއް އަހަރެންގެ ހިތުގެ އެންމެ ހިމަ ނާރާއި ހަމައަށް ދަތުރުކޮށްފި އެވެ. ފުރާނައިގައި ދިރުން އެބަހުއްޓެވެ. ނަމަވެސް އިހްސާސާއި ޖަޒުބާތުގައި އަމިއްލަ ބާރެއް ނެތެވެ. ދަގައްފާނަށް ދަގަނޑު ދަމާ ފަދައިން މި ހިތް ކައިރާއަށް އެދޭކަން ބުނެދޭން ވަރަށް ބޭނުމެވެ.
"އެއްވެސް އެއްޗެއް ނުބުނާނަންތަ..؟" މޭގެ ތެރޭގައި މަޑުމަޑުން ނޭވާލަމުން، ފަނޑު ގޮތަކަށް ސުވާލުކޮށްލި އަޑު އިވުނެވެ.
ބުނާނީ ކީކޭ ހެއްޔެވެ؟ އަހަރެންގެ އަލްފާޒަކުން ކައިރާއަށް ލުއި ލިބޭނެ ނަމަ، އެކަމަށް އެންމެ ފުރިހަމަ ބަސް ހޯދުމަށް މުޅި ގޫގުލްގައި އަތްފުނާ އެޅީމުހެވެ. އެކަމަކު މިވަގުތު އެކަމަށް އަހަރެން ނުކުޅެދޭކަން އެއީ ހަގީގަތެވެ. (ނުނިމޭ)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;