ބަންގްލަދޭޝް އިން ވަނީ ކުށްވެރިއަކު ފިލައިގެން ހުރެ ސިޔާސީ ހަރަކާތްތައް ހިންގުމަށް ފުރުސަތު ދިނުމަކީ، ދެ ގައުމުގެ ދެމެދުގައި ރަނގަޅުވަމުން އަންނަ ގުޅުމަށް ބުރޫއަރާފާނެ ކަމެއް ކަމަށް ބުނެ އިންޒާރު ދީފަ އެވެ.
އިސްލާމް ވިދާޅުވީ ހަސީނާ އާއި އަވާމީ ލީގުގެ އެހެން ލީޑަރުން އިންޑިއާގެ ފަސްގަނޑުން ސިޔާސީ ބަޔާންތައް ނެރުމާ ގުޅިގެން ބަންގްލަދޭޝްގެ ކަންބޮޑުވުންތައް ތަކުރާރުކޮށް އިންޑިއާއަށް ފޯރުކޮށްދީފައިވާ ކަމަށެވެ.
ޝެއިހް ހަސީނާ، ނިއު ދިއްލީގައި ހުންނަވައިގެން ދެއްވާ "ސިޔާސީ ތަގުރީރު" އިންތިޒާމް ކުރާ ފޮރިން ކޮރެސްޕޮންޑެންޓްސް ކްލަބުން ބުނީ ހަސީނާ، ނިއު ދިއްލީގެ ހަރަކާތުގައި ތަގުރީރު ކުރައްވާނީ އޭނާގެ ދަރިކަލުން ސަޖީބް ޒެދު ޖޯއީ އާއި އެހެނިހެން ބޭފުޅުންނާ އެކު ވީޑިއޯ ލިންކު މެދުވެރިކޮށެވެ.
2024 ވަނަ އަހަރު ދަރިވަރުން އިސްނަގައިގެން ހިންގި ވަރުގަދަ މުޒާހަރާތަކަކާ ގުޅިގެން މަގާމުން ދުރުކުރުމުން ހަސީނާ ވަނީ ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންފަ އެވެ. ހަސީނާ މިފަހުން ވިދާޅުވީ މިި އަހަރުގެ ތެރޭގައި އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށެވެ.
ރައްދުގައި ހޯމް މިނިސްޓަރު ސަލާހުއްދީން އަހްމަދު ވިދާޅުވީ، އޭނާ އަނބުރާ ގައުމަށް ގެނެސް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރުން ދެމިއޮންނާނެ ކަމަށެވެ.
ބަންގްލަދޭޝް އިން އޭނާ އަނބުރާ ގެނައުމަށް މަސައްކަތް ކުރަމުންދާއިރު، 2024 ވަނަ އަހަރުގެ މުޒާހަރާތައް ހުއްޓުވުމަށް ހިންގި އަމަލުތަކަކީ އިންސާނިއްޔަތާ ހިލާފު ޖަރީމާތަކެއް ކަމަށް ނިންމައި، 2025 ވަނަ އަހަރު ބަންގްލަދޭޝްގެ ކޯޓަކުން ވަނީ އޭނާ މަރަން ހުކުމްކޮށްފަ އެވެ.
އދ. އިން އަންދާޒާކުރާ ގޮތުގައި އެ ހަމަނުޖެހުންތަކުގައި 1,400 އެއްހާ މީހުން މަރުވެފައިވެ އެވެ. ނަމަވެސް ހަސީނާ ވަނީ އެ ހުކުމަކީ ގާނޫނީ ގޮތުން ސައްހަ ހުކުމެއް ނޫން ކަމަށް ބުނެ އެކަން ބަލައިގަންނަން އިންކާރުކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;