ads
ތުޅާދޫ ދައިރާގެ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު
ބިންތައް ކައުންސިލްތަކުގެ އިހުތިސާސުން ވަކިކުރުމުގެ ބާރު ކެބިނެޓަށް ދޭން ބިލެއް
ސަރުކާރުން ބޭނުންވާ ބިންތައް ކަައުންސިިލްގެ އިހުތިސާސްއިން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބޭ ގޮތަށް ލާމަރުކަޒީ ޤާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.
Advertisement

ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލިހަށް ހުށައެޅުއްވީ ތުޅާދޫ ދައިރާގެ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު އެވެ.

މި އިސްލާހުގައި ވަނީ ލާމަރުކަޒީ ގާނޫނު ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި، ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެތަންތަން ކައުންސިލްގެ އިހްތިސާސުން ވަކިކުރުމަށް ވަޒީރުންގެ މަޖިލިހަށް ނިންމިދާނެ ކަމަށެވެ.

މި ފަދައިން މަޝްރޫއުތައް ހިންގުމަށްޓަކައި ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމެއް ނުވަތަ ތަނެއް ވަކިކުރުމަށް ވަޒީރުން މަޖިލިހުން ނިންމުމަށްފަހު، އެކަން ކަމާބެހޭ ގައިމީ އިދާރާއިން ކައުންސިލަށް އެންގުމުން އެ ބިމެއް ނުވަތަ ތަނެއް ކައުންސިލްގެ މިލްކިޔާތުން ވަކިވެ ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބިމާއި ތަނަކަށް ވެގެންދާނެ ކަމަށް މި ބިލުގައި ވެއެވެ. 

މީގެއިތުރުން ރަށެއްގެ ނުވަތަ ސިޓީ އެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް އަމަލުކުރަން ފެށުމުގެ ކުރިން ވެސް ސަރުކާރުގެ ފަރާތުން ތަރައްގީގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ބިމެއް ހޯދުމަށް އެދޭ ހާލަތުގައި މަޝްރޫއުތަކަށް ބޭނުންވާ ބިން ކައުންސިލުން ގައުމީ އިދާރާ އާ ހަވާލުކުރަން ވާނެ ކަމަށްވެސް މި ބިލުގައިވެއެވެ. އަދި ސިޓީ ނުވަތަ ރަށުގެ ރައްޔިތުންގެ ޖަމައީ މަންފާ އަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކަށް މަގުބޫލު ސަބަބެއް ނެތި ހުރަސްއެޅޭ ފަދަ ގޮތަކަށް އަމަލު ކުރުން ނުވަތަ އެފަދަ މަޝްރޫއުތައް ހުއްޓުމަށް މެދުވެރިވާ ފަދަ ނިންމުމެއް ކައުންސިލްތަކަށް ނުނިންމޭ ގޮތަށް ވެސް ގާނޫނުގައި ހިމަނަން މި ބިލުގައިވަނީ އެދިފަ އެވެ.

ސަރުކާރުން ބޭނުންވާ ބިންތައް ކަައުންސިިލްގެ އިހުތިސާސްއިން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހެއް ހުށަހެށިއިރު، "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގާނޫނު އަސާސީ އިސްލާހްކޮށް އަތޮޅުތަކުގެ ހިންގުން މިހާރަށްވުރެ ވަރުގަދަކޮށް އަތޮޅުގެ ވަސީލަތް ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުމަށް ގާނޫނޫ އަސާސީ ބަދަލުކުރުމަށް ހުށައެޅުން ތަކެއް ހިމަނާ ކަރުދާހެއް ސިޔާސީންނާއި ރައްޔިތުންގެ ހިޔާލަށް ދޫކޮށްލައިފަ އެވެ. އެގޮތުން އެދޭ ރާއްޖެ ކަރުދާހުގައި ބުނާ އަތޮޅު ހިންގުމަކީ...

  1. އަތޮޅު ހިންގުން

މައްސަލަ: 

ދިވެހިރާއްޖޭގެ ހުރިހާ ވަސީލަތެއްހެން، ދައުލަތުގެ ބަޖެޓާ ގުދުރަތީ ވަސީލަތްތައް ކޮންޓްރޯލް ކުރަމުންދަނީ މައި ސަރުކާރުންނެވެ. އަދި އޭރެއްގެ ސަރުކާރު ހިންގުމާ ހަވާލުވާ ފަރާތްތަކުން މި ވަސީލަތްތައް ނަހަމަ ގޮތުގައި އަމިއްލަ ނުވަތަ އެފަރާތްތަކުގެ ސިޔާސީ މަންފާއަށް ބޭނުންކުރާ ކަމުގެ ޝަކުވާ ކުރެވެއެވެ. މިގޮތަށް ދައުލަތުގެ މާލީ އަދި ގުދުރަތީ ވަސީލަތްތައް މަރުކަޒީ ބާރުގެ ދަށުގައި އޮތުމަކީ މުޅި ރާއްޖޭގެ ތަރައްގީއަށް ހުރަސް އެޅި، ތަރައްގީ މަރުކަޒުވެ، މާލެ ސަރަހައްދު ތޮއްޖެހި، ރައްޔިތުންގެ މެދުގަ ފަރަގު ބޮޑުވަމުންދާން މެދުވެރިވާ ސަބަބެކެވެ.

"އެދޭ ރާއްޖެ" ހުށަހެޅުން:

ގާނޫނު އަސާސީން ރައްކާތެރިކަން ލިބިފައިވާ ގައުމީ ތަސައްވުރަކާއި ގައުމީ ތަރައްގީގެ ޕްލޭނަކަށް ރާއްޖެ ތަރައްގީ ކުރުން ލާޒިމް ކުރުމަށާއި އަތޮޅު ވަސީލަތްތަކަށް ގޮތް ނިންމުގައި އަތޮޅުގެ ބަހެއްގެ  ހޯދުމަށް ލާޒިމް ކުރާގޮތަށް ކަނޑައަޅައި، އަތޮޅު ހިންގުމުގައި ރައްޔިތުންގެ ޝާމިލުވުން އިތުރުކުރުމާއެކު އަތޮޅު ހިންގަން އިތުރަށް ބާރު ދިނުމަށް

ނަތީޖާ:

މުޅި ރާއްޖެ ހިއްސާވާ ތަރައްގީގެ ތަސައްވުރެއް އެކުލަވާލެވި، ކޮންމެ ސަރުކާރެއް އޮތް ކަމުގައި ވިޔަސް، ގައުމީ ތަރައްގީގެ ޕްލޭނަށް ރާއްޖެ ތަރައްގީ ކުރުން ލާޒިމް ވުމާއި ހަރުދަނާ ލާމަރުކަޒީ ނިޒާމެއް އެކުލަވާލެވި، އަތޮޅުގެ ވަސީލަތަކަށް އިތުރު ރައްކާތެރިކަމެއް ލިބި، ރާއްޖޭގެ ތަރައްގީގެ ދުވެލި ހަލުވި ވެގެންދިޔުން

"އެދޭ ރާއްޖެ" ކެމްޕޭނުގެ ބޭނުމަކީ ރާއްޖޭގެ ހިންގުމުގެ ނިޒާމް އިސްލާހީ މަގަށް އެޅުވުމަށްޓަކައި ރައްޔިތުންނާ، މަދަނީ މުޖުތަމައުއާއި، ކައުންސިލްތަކާއި މީޑިއާއާއި، ސިޔާސީ ޕާޓީތަކާއި، ޒުވާނުން ހިމެނޭހެން ދައުލަތުގެ ހިންގުންތެރީންގެ މެދުގައި ބަހުސް އުފައްދައި، އިސްލާހީ ހަރަކާތަކަށް މަގު ކޮށުމެވެ.  

އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް މި މަސައްކަތުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ.

  • އެދޭ ރާއްޖެ ކަރުދާހަށް ހިޔާލު ފޮނުއްވުމަށް: [email protected]
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;