ހުދާއި ކަޅުން ލިޔެފައިވާ ގާނޫނު އަސާސީގައި ދައުލަތުގެ ތިން ބާރު ކަމަށް "ކިޔާ" ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރާއި އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރު އޮތީ ވަކި ކުރެވިފަ އެވެ. އަދި ދައުލަތާއި ސަރުކާރު ހިންގާ މީހުންނަށް ފާރަވެރިވާން އުފައްދާފައިވާ މިނިވަން މުއައްސަސާތައް މިނިވަން ކަމަށް ވަނީ ގާނޫނު އަސާސީގައި ލިޔެފަ އެވެ.
ކުޑަ ކުއްޖެގެ އުމުރު މިއަދު ފުރިހަމަވި ގާނޫނު އަސާސީގައި ތިން ބާރު ވަކި ކުރެވިފައިވާ ކަމަށް ލިޔެފައިވީ ނަމަވެސް އެ ތިން ބާރު ހިންގަނީ ނުވަތަ ހިނގަނީ ގާނޫނު އަސާސީގައި ބުނާ މިނިވަން ކަމާ އެކުތޯ އެވެ.؟ މީ މިއަދު ގިނަ ދިވެހިން ސުވާލެކެވެ. ފާރަވެރިވާން އުފަންކޮށްފައިވާ މުއައްސަސާތައް ހިނގަނީ ގާނޫނު އަސާސީގައި ލިޔެފައިވާ މުސްތަގިއްލު ކަމާއެކު މިނިވަންކަމުގައިތޯ އެވެ. މިއީ 18 އަހަރު ފުރުނު އިރު އުފަންދާ ވަރަށް ބޮޑު ސުވާލެކެވެ.
ގާނޫނު އަސާސީ ބުނާގޮތުން ރާއްޖޭގައި އޮތީ ތިން ބާރު ވަކި ކުރެވި އެއްބާރު އަނެއްބާރަށް ފާރަވެރިވެވޭގޮތަށް ކަނޑައަޅާފައިވާ ހިންގުމުގެ އޮނިގަނޑެކެވެ. އަދި މިނިވަން މުއައްސަސާތައް ވެސް ވަނީ މިނިވަން ތަންތަނުގެ ގޮތުގައި ލިޔެފަ އެވެ. އެ ގޮތަށް ލިޔެފައިވީ ނަމަވެސް ގާނޫނު އަސާސީގެ އެންމެ މުހިންމު އެއް ބޭނުން ކަމަށްވާ ގައުމާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރެވޭތޯ މިއީ ބުއްދީގެ ތަރާދުންނާއި އިންސާނީ ހަމަ އާއި ދަންދޮރުދަންނަ މީހުންނާއި ތަޖުރިބާކާރުންގެ އިލްމާއި ތަޖުރިބާއިންނާއި ދުނިޔެވި ހަމައިން މިނެކިރަން ޖެހިފައިވާ ކަމެކެވެ.
ފޮތެއްގައި ހުދާއި ކަޅުން ނުވަތަ ފެހި ކުލައިން ތިން ބާރު ވަކިވެފައިވާކަމަށް ލިޔެފައި އޮތުމަކީ، އެ ކަންކަން އެގޮތުގައި ހިނގާނެކަމުގެ ކަށަވަރުކަން ލިބިފައިވާ ކަމެއް ނޫންކަން މިދިޔަ 18 އަހަރު ނުވަތަ 6،570 ދުވަހުން ހެކި ނުދޭ ހެއްޔެވެ. މި ދުވަސްތަކުން ފެނުނު ހަގީގަތަކީ އާ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ފަށުވި އިބާރާތްތަކުން ދިވެހިންގެ ވަރަށް ގިނަ ބަޔަކަށް އަދި ގައުމަށް ވެސް ރައްކާތެރިކަން ލިބިފައިނުވާކަމުގެ ޝަކުވާގެ އަޑު ގަދަވަމުންދިޔުމެވެ.
އިންސާފުވެރިކަމާއެކު ހަމަހަމަކަންމަތީގައި އެއް ހަމައަކުން ކަންކަން ހިނގާފައިނުވާކަމުގެ ހިތްހަމަނުޖެހުން ފާޅު ކުރާ ކުރުން ގިނަވަމުންދިޔުމެވެ. ދައުލަތުގެ ވަސީލަތްތަކުން ސިޔާސީ މީހުން ނުހައްގު މުއްސަނދިކަން ހޯދާކަމުގެ ޝަކުވާ އިންތިހާއަށް ބޮޑުވެފައިވާ ކަމެވެ. ރައީސް މައުމޫނުގެ 30 އަހަރު ދުވަހުގެ ތެރޭގައި ގައުމަށް ނުލިބޭ ވަރުގެ ގެއްލުން ގައުމަށް ލިބުނުކަމުގެ ޝަކުވާގެ އަޑެވެ. މިދިޔަ 18 އަހަރު ދުވަހުގެ ތެރޭގައި ވެރިކަން ހިންގި ފަރާތްތަކަށް އަންދާޒާ ކުރަން އުނދަގޫވާ ވަރުގެ ތަނަވަސްކަމާއި މުދާ ލިބިފައިވާކަމުގެ އަޑުން މިއަދު ވެސް ދިވެހި ޖައްވު ދަނީ ގުގުމަމުންނެވެ.
ދަންދޮރުދަންނަ މީހުންނާއި ތަޖުރިބާކާރުންނާއި ދިރާސާވެރިން އެއްބަސްވާގޮތުގައި އެ ފަދަ ބޮޑު ގެއްލުމެއް ގައުމަށް ވަމުންދަނީ ގާނޫނު އަސާސީން ތަސައްވުރު ކުރި ތެދުވެރި އިހްލާސްތެރި މީހުންނަށް ހިންގުމުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބުމުގެ ސަބަބުންނެވެ. އަދި ގާނޫނު އަސާސީން ފެންނަ ބާގަނޑުތަކުން ތެދުވެރި އިހްލާސްތެރިކަން ނެތް ބަޔަކު މަންފާ ނެގުމުގައި ހައްދެއް ނެތި ދައުލަތުގެ މުއްސަނދިކަމުން މަންފާ ނަގަނަގާ ތިބުންނެވެ.
ތެދުވެރިކަމާއި އިހްލާސްތެރި މީހުންނަށް ހިންގުމުގެ އޮނިގަނޑުން ޖާގަ ހޯދަން އިންތިހާއަށް އުނދަގޫވާ އުސޫލުތައް ބަޔާންވެފައި އޮތުމާއެކު، ފަސޭހަކަމާއެކު ހިންގުމުގެ އޮނިގަނޑުން ގައުމު ހިންގަން ޖާގަ ލިބެނީ ތެދުވެރިކަމާއި އިހްލާސްތެރިކަން ނެތް މީހުންނަށެވެ. އެ ހިސާބުން ރިޔާސީ އިންތިހާބު ކާމިޔާބު ވެއްޖެ ނަމަ، ހިންގުމުގެ ބާރަށް ފާރަވެރިވެ، ޖަވާބުދާރީ ކުރުވުމުގެ ޒިންމާ ގާނޫނު އަސާސީން މަތިކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް ހޯދަ އެވެ.
އެހާ ހިސާބުން ގައުމާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ އެންމެ ބޮޑު ޒިންމާ އަޅުވާފައިވާ މަޖިލިސް ހަރާބުވެ ގައުމު ހިންގަން ހުންނަ އެންމެ އިސް މީހާގެ މަސްލަހަތުގައި މަޖިލީހުގެ ނިންމުންތައް ނިންމަން މަޖުބޫރުވާ ހާލަތާ މެމްބަރުން ކުރިމަތިލާން ޖެހެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް ގައުމު ހިންގަން ހަވާލުވާ މީހަކަށް ލިބުމާއެކު ދިވެހި ދިދަ ދަށުގައި ހިނގާ އެންމެހާ މުއައްސަސާތައް ރައީސާއި މަޖިލީހުގެ ކޮންޓްރޯލުގެ ދަށަށް ބަދަލުވުމާއެކު އެ މުއައްސަސާތައް އެކުލަވާލަނީ ރައީސާއި މަޖިލީހުގެ ބޭނުންވާ ނަތީޖާއެއް ހާސިލު ކުރުމަށެވެ.
ގައުމާއި ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދިނުމުގެ އެންމެ ބޮޑު ޒިންމާއެއް މަޖިލީހުގެ ބޮލުގައި ގާނޫނު އަސަސީން އެޅުވި ނަމަވެސް އެ މަޖިލީހުން ކަންކަން ނިންމަނީ އިންސާފުވެރިކަމާއި ތެދުވެރިކަމާއި އަމާނަތްތެރިކަން އިސްކޮށްގެން ނޫނެވެ. މަޖިލީހަށް އައުމަށް އެހީތެރިވި ފަރާތުގެ އެދުމަށް ދެކޮޅު ހެދުމުގެ ހިތްވަރު ނެތުމުގެ ސަބަބުން ފަނޑިޔާރުގެ އާއި ފާރަވެރިވާން ޖެހޭ މުއައްސަސާތައް އެކުލަވާލަނީ އެ ވަގުތަކު ގައުމު ހިންގުމާ ހަވާލުވާ ބައެއްގެ މަންފާއަށް ކަމަށް ބުނެ އިއްވާ ޝަކުވާގެ އަޑުތައް ދަނީ ގަދަވަމުންނެވެ.
ގާނޫނު އަސާސީއަށް 18 އަހަރު ފުރިގެންދާއިރު ފަސް ބޭފުޅަކަށް ގައުމު ހިންގަން ލިބިއްޖެ އެވެ. ގާނޫނު އަސާސީގައި ހުރި ބާގަނޑުތައް ބެއްދޭވަރަށް ރައްޔިތުންވަނީ ތިން ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ދީފަ އެވެ. ނަމަވެސް މިހާތަނަށް ގާނޫނު އަސާސީގައި ހުރިކަމަށް ދަންދޮރުދަންނަ މީހުންނާއި އިލުމުވެރިންނާއި ތަޖުރިބާކާރުންނާއި ދިރާސާވެރިން ފާހަގަ ކުރާ މައްސަލަތަކަށް ހައްލެއް ލިބޭނެ އެއްވެސް ބަދަލެއް ގާނޫނު އަސާސީއަށް ގެނެސްފައިނުވާކަމުގެ ވާހަކަތަކުގެ ޝަކުވާގެ އަޑު ވެސް ދަނީ ގަދަވަމުންނެވެ.
ދަންދޮރުދަންނަ މީހުންނާއި އިލުމުވެރިންނާއި ތަޖުރިބާކާރުންނާއި ދިރާސާވެރިން ފާހަގަ ކުރާ މައްސަލަތަކަށް ހައްލެއް ހޯދައިނުދީ ގާނޫނު އަސާސީ މިހާރު އޮތްގޮތަށް ބާއްވައިގެން ބާއްވައިފިނަމަ، މިދިޔަ 18 އަހަރު ގައުމު ހިންގި މީހުން ނެގިކަމަށް ބުނެ ތުހުމަތު ކުރާ މަންފާ ރައްޔިތުންގެ މުދާ ބޭނުންކޮށްގެން ނަގަނަގާ ތިބުމުގެ ދޮރު ހުޅުވިފައި އޮންނާނެތާ އެވެ.
ފެހި ގާނޫނުއަސާސީ ވުޖޫދުވެ ނިމުނު އަށާރަ އަހަރު ހަރާބުމުގެ މަގުން ހޯދަމުން އަންނަ ނާޖާއިޒު ފައިދާ ނެގުމުގެ ދޮރު ހުޅުވިފައިވާ ކަމަށް ދަންދޮރުދަންނަ މީހުންނާއި އިލުމުވެރިންނާއި ތަޖުރިބާކާރުންނާއި ދިރާސާވެރިން ފާހަގަ ކުރާ މައްސަލަތަކަށް ހައްލެއް ހޯދައިނުދީ ގާނޫނު އަސާސީ މިހާރު އޮތްގޮތަށް ބާއްވައިގެން ސިޔާސީ އިސް މީހުން ތިބޭ ތިބުމަކީ އެ މީހުން ގައުމަށްވާ "އެންމެ ބޮޑު ގައްދާރުވުމަށް" ނުވާނެހެއްޔެވެ؟
ދަންދޮރުދަންނަ މީހުންނާއި އިލުމުވެރިންނާއި ތަޖުރިބާކާރުންނާއި ދިރާސާވެރިންނާއިއެކު ބަހުސްކޮށް ގާނުނު އަސާސީ އަށް "ބަދަލު ތަކެއް" އަވަސް މުސްތަގުބަލެއްގައި ނުގެނެވިއްޖެ ނަމަ، ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލަށް އޮތް ބޮޑު ނުރައްކަލުގެ ރަނގަބީލުގެ އަޑު މިހާރު ވެސް ރަށު ތެރެއިން އަންނަނީ އިވެމުން ނެވެ. ވޯޓުން ހޮވިގެން ސަރުކާރު ހިންގަން ހަވާލުވާ މީހުން/މީހާ ވޯޓުން ބޭރުކުރުމުގެ ބާރު ރައްޔިތުންނަށް ނުލިބިދާ ކޮންމެ ދުވަހަކީ ގައުމުގެ މުސްތަގުބަލު "ސިޔާސީ ވަގުންގެ" އަޅުވެތިކަމުގެ ތެރެއަށް ހުށަހެޅިގެންދާ ފަނާކުރުވަނިވި އަމަލަކަށް ނުވާނެ ބާވަ އެވެ.؟
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;