ads
ރާއްޖޭ އިސްލާހު ކުރެވޭނީ ދެ ވަނަ ދައުރަށް ނޭދޭ މީހާއަށް!
އެއް ބަހެވެ. ގާނޫނު އަސާސީއަށް ބަދަލު ގެނައުމަކީ ފަސޭހައިން އެއްވެސް މުޖުތަމައެއްގައި ކޮށްގެން ވާނެ ކަމެއް ނޫނެވެ. އަދި ގާނޫނު އަސާސީގެ ވަކިވަކި މާއްދާއަށް އަވަސް އަވަހަށް ބަދަލު ގެނެވިގެން ވެސް ނުވާނެ އެވެ. ސަބަބުތައް ވަރަށް ގިނަ އެވެ. އެއް ސަބަބަކީ އިޖުރާއަތާ އެއްގޮތަށް ގާނޫނު އަސާސީއަށް ގެންނަ ބަދަލުތަކުގެ މައްސަލަތައް އެއްވެސް ކޯޓަކުން ނުބެލޭނެ ކަމަށް އަދުގެ އެޓާނީ ޖެނަރަލް (އޭޖީ) އޮފީހުން ބުނާތީ އާއި ތަހުޒީބު މުޖުތަމައުތަކުގައި ގާނޫނު އަސާސީއަށް ބަދަލުތައް ގެންނަ އުސޫލުތަކާ ހިލާފަށް ދިވެހި ސިޔާސީ ހަރަކާތްތެރިން، ގާނޫނު އަސާސީއަށް ބަދަލު ގެންނަމުންދާތީ އެވެ. އަދި ގާނޫނު އަސާސީއަށް ބަދަލު ގެނައުމަކީ ކުޅޭކުޅޭ ކަމަކަން ހަދައިފި ނަމަ، ޖޯކެއް ކަމަށް ބަލާނެތީ އާއި އަވަސް އަރުވާލައިގެން ކުއްލި ކުއްލިއަށް ގެންނަ ގިނަ އިސްލާހުތަކަކީ އާންމު މުޖުތަމައުގެ މަންފާއަށް ވުރެ ވަކި ސިޔާސީ ހަރަކާތްތެރިންގެ މަންފާއަށް ގެންނަ އިސްލާހުތަކަށްވާތީ އެވެ.
Advertisement

ނަމަވެސް ފާއިތުވި 16 އަހަރުގެ ތަޖުރިބާ އިން ހެޔޮ ވެރިކަން ހިންގުމުގެ އޮނިގަނޑެއް ބޭނުން ނަމަ ރައްޔިތުންގެ ބާރާއި ބެހޭ ބަޔަށާއި ލާމަރުކަޒީ ބާބާއި، ފަނޑިޔާރުގޭގެ ބާބާއި، ވެރިކަމުގެ ނިޒާމާއި، މި ހުރިހާ އިސްލާހެއްގެ "ބަހުސް" ހިންގި ދާނެ އެވެ. ނަމަވެސް މިފަދަ ކަމަކަށް ވަކާލާތު ކުރަން ވާނީ އެކުއެކީގައި އެވެ. އަދި ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކާއި ގާނޫނީ ފަންނުވެރިންނާއި އަދި ހާއްސަކޮށް ރައްޔިތުން ބަސްބުނެ ހިޔާލު ބަދަލު ކުރަން ފުރުސަތު ދޭން ވާނެ އެވެ.

ރާއްޖޭގައި މިހާރު މި އޮތް ހިންގުމުގެ އޮނިގަނޑަށް ގެންނަން، ކުރީގެ އިދިކޮޅު ފަރާތްތަކުން ހިންގި ވަރުގަދަ "އިސްލާހީ" ހަރަކާތުގެ ފޯކަސް އަކަށްވީ ދިގު ވެރިކަން ނިންމުން ނަމަވެސް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެރިކަމުން ދުރު ކުރުމުގެ ސިޔާސީ މަސައްކަތް ހިނގާދިޔައީ ކުރިން މި ދެންނެވި އިސްލާހީ އެޖެންޑާ "މިނިވަން ބަހުސް" އަށް ފުރުސަތު ލިބިގެންނެވެ. 

ނަމަވެސް މައުމޫނުގެ 30 އަހަރުވީ ހުދުމުހުތާރު ވެރިކަން ނިމިގެން ގޮސް ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ލިޔެވިގެން މިހާރު އަމަލު ކުރަމުން މިދާ އުސޫލުތަކާއި ހަމަތަކަށް ބަލާއިރު، ދައުލަތާއި ސަރުކާރުތަކުގައި ހިމެނިގެން ދައުލަތާއި ސަރުކާރު ހިންގަން ފުރުސަތު ލިބުނު މީހުންގެ ތެރޭގައި، ފެހި ގާނޫނު އަސާސީން ތަސައްވަރު ކުރި ތެދުވެރި އިހްލާސްތެރި މީހުން އިނގިލިން ގުނާލެވޭހާ ވެސް މަދު ބަޔަކަށް ވެ، ތަސައްވަރު ކުރި ރާއްޖެ ނުލިބުމުގެ "ބަހުސް" މިއަދު މިވަނީ ފަށަން ޖެހިފަ އެވެ.

މި ކަމަށް ސިޔާސީ ޕާޓީތަކާއި ހުރިހާ ސިޔާސީން ވެސް އެެއްބަހެވެ. ޑިމޮކްރަސީގެ އެންމެ އަސާސީ ސިފަތައް ކަމަށްވާ ކަންކަން ނިންމުމުގައި ވީހާ ވެސް ގިނަ މީހުން ބައިވެރި ކުރުވުމާއި ރައްޔިތުންގެ ކަންކަމާ ހަވާލުވެ ތިބޭ މީހުން ޖަވާބުދާރީކޮށް ޒިންމާދާރު ކުރެވޭނެ ފަސޭހަ މަގެއް ހޯދުމަށް ފަށަން އޮތް ދަތުރުގައި އެންމެ މުހިންމު މީހުންނަކީ "ސިޔާސީ ވާދަވެރިޔާ" ނޫން މީހާ ނުވަތަ މީހުން ނެވެ.

ސަބަބަކީ އަންނަން ހުރި ގައުމީ އިންތިހާބުތަކުގައި ވާދަ ކުރުމުގެ ޝައުގު ހުންނަ މީހުންނަށް "އިސްލާހު" ކުރަން އުނދަގޫވުމެވެ. އެއީ އޭނާގެ ސިޔާސީ ވާދަވެރިންނާއި ފާރަވެރިން ގިނަވުމެވެ. އަދި އޭނާ ވާދަ ކުރަން ހިތު އަޅައިގެން އުޅޭ އިންތިހާބުން މޮޅުވާން ގެންގުޅޭ ނިންމުންތަކުގައި "އަމިއްލަ އެދުން" އިސްކުރެވުމެވެ. ކޮންމެ ހާލެއްގައި ވެސް އަވަހަށް މޮޅުވާން ބޭނުން ވުމެވެ. ސިޔާސީ މޮޅަކަށް އެދި ލިބޭތާ ލިބިގަތުމާއި ނުލިބޭތާ ޖަހައިގަތުމުގެ ވިސްނުން ހުރުމެވެ.

ކޮންމެއަކަސް އެމްޑީޕީގެ ދެ ސަރުކާރުގައި ވެރިކަން ކުރެއްވި ދެ ބޭފުޅުން ވެސް އަދި އެމްޑީޕީ ބަލިކޮށް ވެރިކަން ކުރެއްވި އަދި މިހާރު ވެރިކަން ކުރައްވަމުން ގެންދަވާ ބޭފުޅުންގެ ވެސް "އަޑަކީ" އިސްލާހު ކުރުމެވެ. ގާނޫނޫ އަސާސީ އާއި ގާނޫނުތަކާއި ގަވާއިދުތައް ބަދަލުކޮށް ރާއްޖެ ތަރައްގީކޮށް ހިންގާނެ ގޮތުގެ އާ ތަސައްވަރެއް އެކަށައަޅާނެ އޮނިގަނޑެއް ހޯދުމެވެ. ނަމަވެސް އެމްޑީޕީގެ ދެ ސަރުކާރާއި ޕީޕީއެމްގެ ސަރުކާރާއި އަދި މިހާރު ޕީއެންސީގެ ސަރުކާރަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ބޭނުން ކޮށްގެން ވެސް ނު ހޯދިގެން މި އުޅެނީ ރައްޔިތުން "އެދޭ ރާއްޖެ" އެވެ. އެއީ ބޮޑުންގެ ގޭދޮށުގައި މުގޯލި އަޅަން ނުޖެހި ރައްޔިތުންނަށް ދިރިއުޅެވޭނެކަން ކަށަވަރުވާ ފަދަ ހިންގުމުގެ އާ އޮނިގަނޑެކެވެ.

މިކަން ނުވެ ލަސްވެގެން މިދަނީ މިކަމަށް އެދޭ "ވެރިމީހާ"ގެ ދެ ވަނަ ދައުރެއް ހޯދުމުގެ ސިޔާސީ އެދުންވެރިކަން ބޮޑުވުމެވެ. މި ނޫން އެހެން އެއްވެސް ސަބަބެއް އަޅުގަނޑުގެ ވިސްނުމަކަށް ތިލައެއް ނުވި އެވެ. ވެރިކަން ލިބޭ ދުވަހު ދެ ވަނަ ދައުރެއްގެ ހުވަފެން ދެކި އެކަން ހާސިލް ކުރުމަށް "ދައުލަތް" ހިސޯރު ކުރުމެވެ. އިންސާނުންނަކީ ނުހަނު އަމިއްލަ އެދުން ބޮޑު ބައެއް ކަމަށް ދައްކާ ވާހަކައިގެ ތަޖުރިބާއަށް ބަލާއިރު ގައުމުގެ ހިންގުމާ ހަވާލުވާ މީހަކު، އެމަގާމުގައި ހުރެގެން ގައުމަށް ގެންނަށް އުޅޭ އިސްލާހުތަކަކީ ގިނަ ފަހަރަށް ރައްޔިތުން ބާރުވެރި ކުރުވުމަށް ވުރެ އެ މީހެއްގެ ފައިދާއަށް ކުރާ ކަމަކަން ވެގެންދާކަން މިދިޔަ 16 އަހަރުގެ ތަޖުރިބާއިން މި ދަނީ ފެންނަމުންނެވެ. އެހެން ކަމުން "އިސްލާހީ އެޖެންޑާއެއް" ނުވަތަ "އާ ހިންގުމުގެ އޮނިގަނޑެއް" ވިއްކޭނީ ދެން އޮންނަ ރިޔާސީ އިންތިހާބެއްގައި ވާދަ ނުކުރާ މީހާއަށެވެ.؟!

އަދި އެއް ވާހަކަ އެވެ

މި ދެންނެވި މީހާއަކީ "އިންތިގާލީ މަރުހަލާއެއް" އޮވެގެން ނޫނީ ދެން ވެސް ރާއްޖެ ބަދަލު ނުކުރެވޭނެ ކަމަށް އެއް ބަސްވެ އެމަގަށް ވަކާލާތު ކުރާ މީހާ އެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގެ މަންޒަރު މިހާރު ވެސް އެތުރިފައިވަނީ އިހުގެ ސިޔާސީ ބަދަލުގެ ތާރީހުން ދެއްކި ހަގީގަތުގެ މައްޗަށެވެ. 

ހާއްސަ މަޖިލީހުން ފާސްކުރި "ފުރިހަމަ ނޫން" ރިޔާސީ ނިޒާމެއްގެ އޮނިގަނޑުގެ ތެރެއިން ދިވެހި ސިޔާސީ ވެރިން "ސިޔާސަ" ވެ ނިމިއްޖެ އެވެ. ރައްޔިތުންނަކީ ވޯޓްލާ ވަގުތު ނޫން އެހެން އެއްވެސް ވަގުތެއްގައި ބަޔަކަށް ނުހެދި އެވެ. "ފައިފޮއްސެކޭ" އެއް ފެންވަރަށް ރައްޔިތުން ހަދާލައިފި އެވެ. ޖަވާބުދާރީ ކުރެވޭނެ އަދި ޒިންމާދާރު ކުރެވޭނެ މަގެއް ވެސް ނެތެވެ. މަންދޫބުން ފޮނުވައިގެން ގައުމު ހިންގަމުންދާ ހިންގުމުގެ އޮނިގަނޑުން ލިބުނު ގެއްލުން ބިލިއަނުން ގުނާލެވޭވަރަށް ބޮޑު ވެއްޖެ އެވެ.

މިއަދުގެ ހަގީގަތަކީ އަގުލަބިއްޔަތު ނެތް ވެރިޔަކު ވެރިކަމަށް އިސް ނުވުމަށް ވުރެ، އަގުލަބިއްޔަތުން ވެރިކަމަށް އަންނަ މީހާ ދެ ވަނަ ދައުރެއްގެ އެދުން ވެރިކަމުގެ "ވޭނުން" ކަމުން ފާއިތުވެދިޔަ 16 އަހަރު ދިވެހި ދައުލަތާއި ސަރުކާރަށް އަދި ރައްޔިތުންނަށް ލިބުނު ގެއްލުން ބޮޑުވުމެވެ. ޑިމޮކްރެސީގެ އެއް ތޮބީއަތުން ދެއްކި ހަގީގަތަކީ މިއީ އެވެ. 

ރައްޔިތުން ބާރުވެރި ކުރުވުމަކީ ސިޔާސީ ހަރަކާތްތެރި ދައްކާ މޮޅު ވާހަކައަކަށް ވިޔަސް އެކަން ހަގީގަތަކަށް ހެދޭނެ ގޮތެއް ވެސް ނެތެވެ. އެއީ ތިމާގެ އަމިއްލަ އެދުން އިސް ކުރެވޭތީ އެވެ. އެހެން ކަމުން ރައްޔިތުންނާ މެދު ކުޑަ މިންވަރެއްގެ ކުލުނެއް ހުރި ނަމަވެސް އިންތިގާލީ ހިންގުމަކަށް ރާއްޖެ ބަދަލުކޮށް ދިވެހި ގައުމުގެ ހަގީގީ ވެރިންނަކީ ރައްޔިތުން ކަމަށްވެފައި ރައްޔިތުންގެ ބާރު އަބަދު ވެސް ރައްޔިތުންގެ އަތްމަތީގައި ދެމި އޮންނަކަން ކަށަވަރު ކުރެވޭނެ ނިޒާމެއް އެކަށައަޅައި، ރައްޔިތުންގެ ކަންކަމާ ހަވާލުވާ މީހާ، މިހަވާލު ވަނީ ރައްޔިތުންނަށް އަދާކޮށްދޭން ޖެހޭ ޒިންމާއެއް އޮތް ކަން، އެ މީހާގެ ސިކުޑި އާއި ހިތުގައި އަބަދު ވެސް ބިންވަޅު ނެގި އަދި އެ އިހްސާސް ކުރެވޭނެ ހިންގުމުގެ އޮނިގަނޑެއް މިހިނދަށް ގެންނަން ޖެހެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް