މިނިސްޓްރީން ރިސޯޓު ތަރައްގީކުރަން އިއުލާންކުރީ ހއ.، ހދ.، ށ.، ނ.، ލ. އަދި އައްޑު އަތޮޅުގަ އެވެ. ހއ.، ހދ. އަދި ށ. އަތޮޅުގެ ފަޅުތަކެއް ހިއްކައިގެން ރިސޯޓު ތަރައްގީކުރަން ހުޅުވާލާފައިވާއިރު، ށ. އަތޮޅާއި ނ. އަތޮޅުން ކުއްޔަށް ދެނީ ފަޅުރަށްތަކެކެވެ.
އެގޮތުން ހަލާލް ޓޫރިޒަމަށް ހާއްސަ ކުރެވިފައިވާ ތިން ސަރަހައްދަކީ ހދ. މަަކުނުދޫ ފަރުން 200 ހެކްޓަރުގެ ފަޅަކާއި، ލ. ފޮނަގާދޫގެ 8.18 ހެކްޓަރުގެ ބިމެއްގެ އިތުރުން، ސ. ދޮންހެރައިގެ 10.23 ހެކްޓަރުގެ ސަރަހައްދެކެވެ. އަދި މަަކުނުދޫގައި މަދުވެގެން 150 އެނދު ބިނާކުރަންޖެހޭއިރު، ފޮނަގާދޫ އަދި ދޮންހެރައިގައި މަދުވެގެން 100 އެނދު ބިނާކުރަންޖެހެ އެވެ.
މިނިސްޓްރީން ބުނީ އެ ރަށްތަކުގައި ރިސޯޓު ހިންގަން ވާނީ 50 އަހަރުގެ މުއްދަތަށް، އިސްލާމީ އުސޫލުތަކަށް ފުރިހަމައަށް ތަބާވާ ގޮތަށް ކަމަށެވެ. މިގޮތުން އޫރުމަހާއި ރާ ވިއްކުން މަނާކުރުމާއި، ހަލާލް ސެޓްފިކެޓް ލިބިފައިވާ ކާބޯތަކެތި ފޯރުކޮށްދިނުމާއި، އަންހެނުންނާއި ފިރިހެނުންނަށް ވަކިން ވެލްނެސް ޚިދުމަތްތައް ދިނުން ހިމެނެ އެވެ. އަދި މުވައްޒަފުންނަށާއި ފަތުރުވެރިންނަށް ވަކިން ދެ މިސްކިތް ބިނާކުރަން ޖެހެ އެވެ.
ރިސޯޓުތައް ތަރައްގީކުރުމަށް ބީލަން ހުށަހަޅަން ހުޅުވާލާފައިވާ ރަށްތަކުގެ ތެރޭގައި އުތުރުގެ އަތޮޅުތަކުން 10 ފަޅު ހިމެނެ އެވެ. މީގެ ތެރޭގައި ހއ. މާދުނި ފަރުން 3 ފަޅު، ހދ. މަަކުނުދޫ ފަރާއި މާފަރުން 4 ފަޅު، އަދި ށ. ގޮނާ ފަރުން 3 ފަޅު ހިމެނެ އެވެ. މިއިން ކޮންމެ ފަޅަކީ 200 ހެކްޓަރުގެ ސަރަހައްދެކެވެ. އެގޮތުން މަދުވެގެން 150 އެނދު ތަރައްގީކުރަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މިނިސްޓްރީން ބުނީ ފަޅުތަކުގެ ލީސް އެކިއުޒިޝަން ކޯސްޓް އުޅެނީ 1.5 މިލިޔަން ޑޮލަރާއި 2.1 މިލިޔަން ޑޮލަރާ ދެމެދުގައެވެ.ނ ވަކިވަކި ރަށްތަކުގެ ގޮތުގައި ށ. ނަލަންދޫ އާއި ނ. ފަރުމުލިވެސް ވަނީ ބީލަމަށް ހުޅުވާލާފަ އެވެ. 63.99 ހެކްޓަރުގެ ށ. ނަލަންދޫއަށް ބިޑު ކުރާ ފަރާތްތަކުގެ މާލީ ގާބިލުކަން 10 މިލިޔަން ޑޮލަރަށް ހުންނަން ޖެހޭއިރު، ނ. ފަރުމުލީގެ ލީސް އެކިއުޒިޝަން ކޯސްޓަކީ 2.25 މިލިޔަން ޑޮލަރެވެ.
މިނިސްޓްރީން ބުނީ ނަލަންދޫގައި މަދުވެގެން 200 އެނދު ތަރައްގީކުރަންޖެހޭއިރު، ފަރުމުލީގައި މަދުވެގެން 150 އެނދު ތަރައްޤީކުރަންޖެހޭނެ ކަމަށެވެ. މިނިސްޓްރީން ބުނީ މި ރަށްތަކާއި ފަޅުތަކުގައި ޓޫރިސްޓް ރިސޯޓުތައް ތަރައްގީކުރަން 36 މަސްދުވަހުގެ މުއްދަތެއް ދޭނެ ކަމަށެވެ.
މި މަޝްރޫއުތަކަށް ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އާންމު ރިސޯޓުތަކަށް އިމްޕޯޓް ޑިއުޓީން %15 އިނާޔަތް ލިބޭއިރު، ހަލާލް ޓޫރިޒަމް މަޝްރޫއުތަކަށް %20 ގެ އިނާޔަތް ލިބޭނެ އެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑިތަކަކީ ނޮވެމްބަރު 17 އިން 23 އާ ދެމެދުގެ ތާރީހުތަކެވެ. މީގެ އިތުރުން ޕްރީ-ބިޑް މީޓިންތައް ބާއްވަން ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު އަދި އޮކްޓޫބަރު މަހު އެވެ.
މިނިސްޓްރީން މި ހުރިހާ ތަންތަނެއް ވެސް ކުއްޔަށް ދިނުމަށް ނިންމާފައި ވަނީ 50 އަހަރުގެ މުއްދަތަކަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;