މީ މިއަދުގެ ދިވެހިންގެ ނިދާ އެވެ. ދިވެހިންގެ ޝުއޫރެވެ. ދިވެހިން އެދޭ ރާއްޖެއަށް ދިވެހިން "އެދޭ" ގޮތެވެ. ހެޔޮ ހިންގުމެއް މި ރާއްޖޭގައި ހިންގުމަށްޓަކާމީ ދެ ބަސްވެވެން ނެތް ހަގީގަތެކެވެ. ވެރިންނަކީ އިންތިހާބީ މޫސުމަށް ފޮޅޭ "މަލަކަށް" ވުމުން ގައުމަށް ރައްޔިތުންނަށް ޖެހޭނެ ހުރިހާ ބަލާ މުސީބާތެއް މިދަނީ ފެންނަމުން ނޯންތޯ އެވެ.
މިހާރު އަމަލުކުރަމުން މި އަންނަ ގާނޫނުއަސާސީގެ ހަޔާތުން 18 އަހަރު ފުރިގެން ދިޔައިރު، މިއަދު ގިނަ ދިވެހީން މިތިބީ "ފެހި ގާނޫނު އަސާސީ" ވެސް އިސްލާހު ކުރަން ޖެހޭކަމަށް ގަބޫލުކޮށްގެންނެވެ. ދިވެހިން މިއަދު މިތިބީ "ގާނޫނުއަސާސީގެ ދިފާއުގައި" އަނެއްކާ ވެސް މަގުތަކަށް ނިކުންނަން ޖެހޭ ހިސާބުގައި އެވެ. ސަބަބަކީ މަގުމަތިން ހޯދި ކަމަށް ދިވެހިން ބުނާ "ފެހި ގާނޫނޫ އަސާސީ" މިހާރު އޮތީ މަގުމަތިވެފަ އެވެ. އޭގައިވާ މާއްދާތައް ވަނީ "ހަވަރައް" ދެވިފަ އެވެ.
މީގެ 18 އަހަރު ކުރިން ދިވެހިނަށް "މޮޅެއް" ލިބޭނެ ކަމަށް ގާނޫނު އަސާސީން ތަސައްވަރު ކުރި އެއް ވެސް ކަމެއް މިއަދު ހާސިލް ނުވި ކަމަށް ބުނާ އަޑު މާ ގަދަ ވެއްޖެ އެވެ. ދަންދޮރުދަންނަ މީހުންނާއި ތަޖުރިބާކާރުންނާއި ދިރާސާވެރިން އެއްބަސްވާގޮތުގައި މިއަދު ކުރަންވީ ކަމަކީ މާޒީން ލިބުނު ފިލާވަޅުން އަލުން ގާނޫނު އަސާސީ އިސްލާހު ކުރުމުގެ "ގައުމީ ބަހުސް" އަލުން ފަށަންވީ އެވެ.
ގާނޫނު އަސާސީ އިސްލާހުކޮށް ދައުލަތް ހިންގުމުގެ އޮނިގަނޑު އަލުން ތަރުތީބު ކުރުމަށް ދިވެހި އެންމެހާ ރައްޔިތުންނަށާއި، ސަރުކާރާއި، ސިޔާސީ ޕާޓީތަކާއި، ލޯކަލް ކައުންސިލްތަކާއި، މީޑިއާ ތަކާއި، މަދަނީ ޖަމިއްޔާތައް ހިމެނޭހެން ރާއްޖޭގެ ހުރިހާ ޒުވާނުންނަށް ދައުވަތު އަރުވައިގެން "ބޮޑު ސައްލާ" އެއް ފަށަންވީ އެވެ. މީ ގައުމަށް ބޮޑު ގެއްލުމެއް ދެން ވެސް ދޭން ނޭދޭނަމަ އަވަސް ކުރަންވީ މަސައްކަތެކެވެ.
ރައްޔިތުންގެ ހައްގުތަކާއި ދައުލަތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ޕެޓިޝަން ހުށަހެޅޭނެ ނިޒާމެއް އުފަން ކުރުވައި، ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުގެ ނިންމުންތައް މުރާޖާ (ރިވައިޒް) ކުރަން އެންގުމުގެ ދުސްތޫރީ ބާރުވެރިކަން ރައްޔިތުންނަށް ލިބޭ ގޮތަށް ގާނޫނު އަސާސީ ގައި ހިމެނުމަށް "އެދޭ ރާއްޖެ" އިން މިހާރު ވެސް ވަނީ ބައެއް އިސްލާހުތައް ރައްޔިތުންގެ ހިޔާލަށް ދޫކޮށްލައިފަ އެވެ.
އެގޮތުން ދިވެހި ދައުލަތުގެ ބާރުތައް ދެމިއޮންނަނީ ރައްޔިތުންގެ ކިބައިގައިކަން ކަށަވަރުކޮށް، އަދުލުވެރި ދައުލަތެއް ބިނާކޮށް ގައުމު ހިންގަން ހަވާލުވާ ސަރުކާރުތަކުން ހަމަ އާއި އިންސާފުން ބޭރުން، ގޮތް ނިންމަށް ފުރުސަތު ނެތްކަމީ ހަގީގަތެއްކަން ގަބޫލު ކުރަން މަޖުބޫރުވާ މިންވަރެއްގެ އޮނިގަނޑެއް އެކަށައަޅައި، ގައުމުގެ ހަގީގީ ވެރިންނަކީ ރައްޔިތުންކަން ޔަގީން ކުރުމަށް ގާނޫނު އަސާސީގައި ހިމެނުމަށް "އެދޭ ރާއްޖެ" އިން ގޮވާލާ މައިގަނޑު ކަންކަމަކީ:
1. ރައްޔިތުންގެ ހައްގުތަކާއި ދައުލަތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުގެ ނިންމުންތައް މުރާޖާ (ރިވައިޒް) ކުރަން އެންގުމުގެ ދުސްތޫރީ ބާރު ރައްޔިތުންނަށް ލިބުމާއެކު ޕެޓިޝަން ހުށަހެޅޭނެ ނިޒާމެއް އުފަންވުން
ނަތީޖާ:
ރައްޔިތުންގެ ބާރު ހިނގާކަން ކަށަވަރު ކުރެވި، ގައުމުގެ މަންފާއަށް ވުރެ ސިޔާސީންގެ ފައިދާއަށް ކުރާ ކަންކަން ނިމުމަކަށް ނެގެވި، ރައްޔިތުންގެ ކަންބޮޑުވުންތައް ޕެޓިޝަން މެދުވެރިކޮށް ހުށަހެޅުމުން އެކަންކަން ބެލުމަށް މަޖުބޫރުވާ ހާލަތެއް ދުސްތޫރީ ގޮތުން އުފަންވެ، ޑައިރެކްޓް ޑިމޮކްރަސީގެ އަސާސްތައް ހިންގުމުގެ އޮނިގަނޑުގެ ތެރެއަށް ތައާރަފުވުން
2. ސުޕްރިމް ކޯޓު ފަނޑިޔާރުންނާއި ޕޮލިސް ކޮމިޝަނަރާއި ޕްރޮސިކިއުޓަރު ޖެނެރަލާއި ބަންޑާރަ ނައިބާއި އޮޑިޓަ ޖެނެރަލުގެ މަގާމަށް މީހުން އައްޔަނު ކުރުމުގައި މަދަނީ މުޖުތަމައުގެ ހުށަހެޅުންތަކަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީއަކުން އެއްބަސްވެ، ރައްޔިތުންގެ މަޖިލީހުގެ މަތިގޭގެ ރުހުން ދޭ މީހުންނާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ރުހުން ލިބިގެން މަގާމަށް އައްޔަނު ކުރާ ގޮތަށް ކަނޑައަޅައި އަދި ވަކި ކުރުމުގައި ވެސް ފެންނަ ނުފެންނަ ވޯޓް ނަގާ ގޮތަށް ހަމަޖެއްސުމަށް
ނަތީޖާ:
ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ސިޔާސީ ނުފޫޒުން ސުޕްރިމް ކޯޓުގެ ފަނޑިޔާރުންނާއި ޕޮލިސް ކޮމިޝަނަރާއި ޕްރޮސިކިއުޓަރު ޖެނެރަލް އާއި ބަންޑާރަ ނައިބާއި އޮޑިޓަ ޖެނެރަލް މިނިވަންވެ، ރައްޔިތުންގެ ހައްގުތަކާއި ދައުލަތުގެ ރައްކާތެރިކަން ކަވަރުވުން
3. ސަރުކާރު ހިންގާ އެންމެ އިސް މީހާ ރައްޔިތުންނަށް ޖަވާބުދާރީވާކަން ޔަގީން ކުރުމުގެ ގޮތުން އަހަރަކު އެއް ފަހަރަށް ވުރެ ގިނަ ފަހަރު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ރައްޔިތުންގެ މަންދޫބުންގެ ސުވާލުތަކަށް ޖަވާބުދާރީވާން ލާޒިމް ކުރުމަށް
ނަތީޖާ:
ސަރުކާރު ހިންގާ އެންމެ އިސް މީހާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާ ކުރަމުންދާގޮތް ހާމަވެ، ރައްޔިތުންގެ ހިތުގައި އުފެދޭ ސުވާލުތަކަށް މަންދޫބުން މެދުވެރިކޮށް ވަގުތުން ޖަވާބު ލިބި، ރައްޔިތުންގެ ކަންބޮޑުވުންތަކުގެ ހަގީގަތް އެންމެ އިސް ހާދިމުގެ ފުށުން ވެރިންނަށް (ރައްޔިތުން) ހާމަވުން
4. ގާނޫނު ހެދުމުގައި އަދި ދައުލަތް ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަސްލަހަތު ޔަގީން ކުރުމަށް އިތުރު ފަށަލައެއްގެގޮތުގައި ރައްޔިތުންގެ މަޖިލީހުގައި މަތިގެއެއް އުފައްދައި، މަތިގެ އަކާއި ތިރިގެ ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީސް އަލުން ތަރުތީބު ކުރުމަށް
ނަތީޖާ:
ތިރިގޭގައި އޮންނަ މެޖޯރިޓީ ނަހަމަގޮތުގައި ބޭނުންކޮށްގެން ކަމެއް ނިންމި ކަމަށް ބެލިދާނެ ހާލަތެއްގައި އެ ނިންމުންތަކަށް މަތިގެއިން ހައްލު ހޯދައިދީ، މިނިވަން ކަމާ އެކު ސަރުކާރު ޖަވާބުދާރީ ކުރުވި، ކަންކަން ނިންމަނީ ދައުލަތުގެ މަންފާ އަށްތޯ ކަވަރު ކުރެވި ރައްޔިތުންގެ މަސްލަހަތު ޔަގީންވުން
5. މަޖިލީހުގެ މެމްބަރުންގެ އަދަދު ކޮންޓްރޯލް ކުރުމަށާއި ދާއިރާތަކުގެ ބަދަލުގައި އެންމެ ކުޑަވެގެން މުޅި އަތޮޅުން/ ސިޓީން ވޯޓްލައިގެން މެމްބަރުން އިންތިހާބު ކުރާގޮތަށް ހަމަޖައްސައި، އިންތިހާބުން ހޮވޭ މީހުން ޖަވާބުދާރީވާން ލާޒިމް ކުރުމާ އެކު ރިކޯލް ވޯޓް ނެގުމާއި އިންތިހާބީ ނިޒާމު މިހާރަށްވުރެ ވަރުގަދަ ކުރުމަށް
ނަތީޖާ:
މަޖިލީހުގެ މެމްބަރުންގެ އަދަދު ހައްދެއްނެތް މިންވަރަށް އިތުރުވަމުން ނުދިޔުމާއި، މަދު ބައެއްގެ މައްޗަށް ނާޖާއިޒު ނުފޫޒު ފޯރުވައިގެން އިންތިހާބު ކާމިޔާބު ކުރާ ކަމަށް ކުރާ ތުހުމަތުތައް މަދުވުމާއި އިންތިހާބީ މީހާ ފިލައިގެން އުޅޭ އުޅުމަށް ނިމުމެއް ގެނެސް، ރިކޯލް ނެގުމުގެ ފުރުސަތު ލިބުމާއި ވޯޓް ދިން މީހުންގެ 50 އިންސައްތަ އާއެކު 1 ވޯޓުން އިންތިހާބުވާ މީހުން ހޮވުން
6. ދައުލަތާއި ސަރުކާރު ޖަވާބުދާރީ ކުރުމުގެ ނިޒާމް އަލުން ތަރުތީބުކޮށް، މަދަނީ މުޖުތަމައުގެ ހުށަހެޅުންތަކަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީއަކުން އެއްބަސްވެ، ރައްޔިތުންގެ މަޖިލީހުގެ މަތީގެ ރުހުން ލިބޭ މީހުންގެ މައްޗަށް މިނިވަން މުއައްސަސާތައް އެކުލަވާލުމަށް
ނަތީޖާ:
ދައުލަތާއި ސަރުކާރު ހިންގުމާ ހަވާލުވާ މީހުން ޖަވާބުދާރީ ކުރުމަށް އުފައްދާފައިވާ މުއައްސަސާތައް ސަރުކާރުތަކުން ކޮންޓްރޯލް ކުރާ ކަމަށް ކުރެވޭ ތުހުމަތުތައް ނިމުމަކަށް ގެނެވި، ފަސް ޖެހުމެއް، ބިރުވެރިކަމެއް ނެތި ދައުލަތާއި ސަރުކާރު ހިންގުމާ ހަވާލުވާ މީހުން ޖަވާބުދާރީ ކުރުމުގެ ފުރުސަތު މުއައްސަސާތަކަށް ލިބުން
7. ފަސް އަހަރު ދުވަހުގެ ދައުރު ނިމުމުގެ ކުރިން ރައްޔިތުންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތި ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ އަޅުވެތިކަމުގައި ރައްޔިތުން ތިބެން ޖެހި، ރައްޔިތުންނަށް ލިބިފައިވާ ބާރު ކެނޑިގެންދާ މުއްދަތު ދިގުވުން ނިނުމަކަށް ގެނައުމަށް ދައުރު މެދުން މިޑްޓާމް އިންތިހާބު ބޭއްވުން
ނަތީޖާ:
ދައުރުގެ މެދުން ގޮތް ނިންމުގެ އިތުރުފުރުސަތު ލިބި ސަރުކާރުތަކުގެ އަމަލުތަކާއި މަޖިލީހުގެ ނިންމުންތަކުގެ ސަބަބުން ގައުމަށް ލިބޭ ގެއްލުންތައް ކުޑަކުރެވި މަޖިލިސް މެމްބަރުން ސަރުކާރުގެ ނާޖާއިޒް ނުފޫޒުގައި ތާށިވެ ތިބޭ ކަމަށް ބުނާ ބުނުން ނިމުމަކަށް ނެގައުން
8. ގާނޫނު އަސާސީން ރައްކާތެރިކަން ލިބިފައިވާ ގައުމީ ތަސައްވުރަކާއި ގައުމީ ތަރައްގީގެ ޕްލޭނަކަށް ރާއްޖެ ތަރައްގީ ކުރުން ލާޒިމް ކުރުމަށާއި އަތޮޅު ވަސީލަތްތަކަށް ގޮތް ނިންމުގައި އަތޮޅުގެ ބަހެއްގެ ހޯދުމަށް ލާޒިމް ކުރާގޮތަށް ކަނޑައަޅައި، އަތޮޅު ހިންގުމުގައި ރައްޔިތުންގެ ޝާމިލުވުން އިތުރުކުރުމާއެކު އަތޮޅު ހިންގަން އިތުރަށް ބާރު ދިނުމަށް
ނަތީޖާ:
މުޅި ރާއްޖެ ހިއްސާވާ ތަރައްގީގެ ތަސައްވުރެއް އެކުލަވާލެވި، ކޮންމެ ސަރުކާރެއް އޮތް ކަމުގައި ވިޔަސް، ގައުމީ ތަރައްގީގެ ޕްލޭނަށް ރާއްޖެ ތަރައްގީ ކުރުން ލާޒިމް ވުމާއި ހަރުދަނާ ލާމަރުކަޒީ ނިޒާމެއް އެކުލަވާލެވި، އަތޮޅުގެ ވަސީލަތަކަށް އިތުރު ރައްކާތެރިކަމެއް ލިބި، ރާއްޖޭގެ ތަރައްގީގެ ދުވެލި ހަލުވި ވެގެންދިޔުން
9. ރައްޔިތުންގެ މަންފާއަށް ކަމަށް ބުނެ، ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި، ބޭނުން ކުރުން ކުޑަ ކުރުމަށްޓަކައި ސަރުކާރު ރޯލް މިހާރަށްވުރެ ސާފުކޮށް ބަޔާން ކުރުމަށް
ނަތީޖާ:
ސަރުކާރުތަކުގެ މައިގަނޑު މަސްއޫލިއްޔަތަކީ ރާއްޖޭގެ ދިގުރާސްތާގެ ޕްލޭނާއެއްގޮތަށް ގައުމު ކުރިއެރުވުމަށް އެކަށައަޅަން ޖެހޭ ސިޔާސަތުތައް އެކަށައަޅައި، ސިޔާސަތުތަކާއެއްގޮތަށް ހިންގާތޯ ޔަގީން ކުރުމާއި ދިގުރާސްތާގެ ތަރައްގީގެ ޕްލޭން ތަންފީޒުވާކަން ޔަގީން ކުރުމާއި، އެހެން ގައުމުތަކާ ވާދަކޮށް ކުރި ހޯދާ ގައުމަކަށް ރާއްޖެވުން
10. ރައީސްގެ އަމިއްލަ މަންފާއަށްޓަކައި، ސިޔާސީ މަގާމުތައް އިތުރު ކުރާ ކުރުން ނިމުކަމަށް ގެނެސް، ސިޔާސީ މަގާމަށް މީހުން އައްޔަނު ކުރެވޭނެ އަދަދު ކަނޑައެޅުމަށް
ނަތީޖާ:
ސިޔާސީ މަގާމުތަކަށް ކުރާ ހަރަދު ކުޑަކުރެވި، މަތިބަރު އިސްރާފު ބޮޑު، ސަރުކާރެއްގެ ބަދަލުގައި ރައްޔިތުންގެ ފައިސާ ރައްޔިތުންގެ މަސްލަހަތުގައި ހޭދަ ކުރުމަށް ލާޒިމްވުން
11. ދައުލަތުގެ ކުންފުނިތަކުގައި ސަރުކާރުގެ ބައިވެރިވުން ކުޑަކޮށް ކުންފުނިތައް ރެގިއުލޭޓްކޮށް ހިންގޭނެ އޮނިގަނޑެއް ގާނޫނު އަސާސީގައި ކަނޑައެޅުމަށް
ނަތީޖާ:
ދައުލަތުގެ ބޭނުމަށް ވުރެ ސަރުކާރުގެ އަމިއްލަ މަސްހަލަތާއި ސިޔާސީ މަންފާއަށް ދައުލަތުގެ ކުންފުނިތަކުން ކުރަމުންގެންދާ ހޭދަ ނިމުކަށް ގެނެސް ކޯޕަރޭޓް ގަވަނަންސް އާއެއްގޮތަށް ކުންފުނިތައް ރެގިއުލޭޓްކޮށް ހިންގުން ހަރުދަނާވުން
12. ސަރުކާރާއި މުޅިން ވަކިން ދައުލަތުގެ އެސެޓްތަކާއި މާލީ ހިސާބުތައް ހާމަކޮށް ބަލަހައްޓާނެ ނިޒާމެއް އެކުލަވާލުމަށް
ނަތީޖާ:
ދައުލަތުގެ އެސެޓާއި އެންމެހާ ވަސީލަތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރެވި، މިނިވަންކަމާއެކު މާލިއްޔަތާއި އާމްދަނީގެ ހިސާބު ކިތާބު ބެލެހެއްޓި، ހާމަ ކުރަން ޖާގަ ލިބުން
13. މަދަނީ މުޖުތަމައުގެ ހުށަހެޅުންތަކަށް ބިނާކޮށް، ސިޔާސީ މީހުން ނުހިމެނޭ ގޮތަށް ޖޭއެސްސީ މިނިވަން ކުރުމަށް
ނަތީޖާ:
ފަނޑިޔާރުގެއަށް އޮންނަ ސިޔާސީ ނުފޫޒު ކުޑަ ކުރެވި، ފަނޑިޔާރުކަމުގެ މަގާމަށް އާދެވޭނެ ސާފު މަގެއް ދުރާލާ އެނގިފައި އޮތް އޮނިގަނޑެއް ލިބުން
14. ޕާޓީތަކަށް ފައިސާ ލިބޭނެ ހަރުދަނާ ގޮތްތަކެއް ހޯދުމާއެކު އެތެރޭގެ އިންތިހާބުގައި ހަމަހަމަ ފުރުސަތު ލިބިފައިވާކަން ކަށަވަރު ކުރުމަށްޓަކައި، ޕާޓީ ހިންގަން ހުންނަ މީހާ ގައުމީ އިންތިހާބެއްގެ ޓިކެޓް ހޯދުމަށްޓަކައި ބާއްވާ ޕްރައިމަރީތަކުގައި ވާދަނުކުރެވޭގޮތަށް ކަނޑައެޅުމަށާއި، ލީޑަޝިޕާ މެދު ފެންނަ ނުފެންނަ ވޯޓް ނެގުމުގެ ފުރުސަތު ހޯދުމަށާއި ލީޑަޝިޕުގައި ތިބޭ މީހުން ޖަވާބުދާރީވާން ލާޒިމް ކުރުމަށް
ނަތީޖާ:
ޕާޓީތަކުން ފައިސާ ހަރަދު ކުރަނީ ޕާޓީ އާއި މެމްބަރުންގެ މަސްހަލަތު ހިމާޔަތް ކުރެވޭނެ ހަމަ އާއި އިންސާފުންކަން ކަށަވަރުވެ، ޕާޓީ ހިންގުމުގެ ޒިންމާ އާ ހަވާލުވެ ތިބޭ މީހުންނަށް އިންތިހާބުތަކުގައި ވާދަ ނުކުރެވުމާއި ޕާޓީ ހިންގާ މީހުން ޒިންމާދާރުކުރެވި ޖަވާބުދާރީ ކުރުމަށް ފަސޭހަވެ، ނަޒާހަތްތެރިކަން ލިބިފައިވާ މީހުންނަށް ޖާގަ ލިބުން
15. ދައުލަތުގެ ޒިންމާދާރު މަގާމުތަކުގައި ހުވާކޮށްގެން ތިބޭ އިސް ހިންގުންތެރިން، ގާނޫނު އަސާސީ އާ ހިލާފު ވެއްޖެ ނަމަ ހާއްސަ އަދަބެއް ކަނޑައެޅުމަށް
ނަތީޖާ:
ރައީސުލްޖުމްހޫރިއްޔާ އަދި ދައުލަތުގެ ޒިންމާދާރު މަގާމުތަކުގައި ހުވާކޮށްގެން ތިބޭ އިސް ހިންގުންތެރިން، ގާނޫނު އަސާސީ އާ ހިލާފު ވެއްޖެ ނަމަ، ދުސްތޫރީ ކުށެއް ކުރި ކަމަށް ކަނޑައެޅޭ ވަކި އަދަބެއް އޮތުމާ އެކު އެ އަދަބަކީ ވަކި މުއްދަތަކަށް އިންތިހާބުތަކުގައި ވާދަ ނުކުރެވޭ ގޮތް ހެދުމާއެކު، ޓެކްސް ފައިސާއިން މުސާރަ ލިބޭ މަގާމެއް ވަކި މުއްދަތަކަށް އަދާ ނުކުރެވޭގޮތަށް ހަމަޖެހުން
--
"އެދޭ ރާއްޖެ" ކެމްޕޭނުގެ ބޭނުމަކީ ފެހި ގާނޫނުއަސާސީން ތަސައްވުރުކުރި ރާއްޖެ ނުލިބި، ރައްޔިތުންގެ ބާރު ގެއްލުމުގެ ސަބަބުން އަލުން ރައްޔިތުން އެދޭ ރާއްޖެއަށް ދިއުމަށްޓަކައި ރައްޔިތުންގެ ހަރަކާތަކަށް މަގުފަހި ކުރުމެވެ. އިޖުތިމާއީ އަދި ސިޔާސީ ނިޒާމުން ނަޒާހަތްތެރިކަން ގެއްލި، ކޮރަޕްޝަނާ ފަސާދައަކީ އާންމުވެފައިވާ އަދި އާދައިގެ ކަމަކަށް ވަމުންދާތީ އެކަން ހުއްޓުވުމަށް ރައްޔިތުން ބާރުވެރި ކުރުވުމެވެ.
މި މި ފަދަ ބަދަލު ތަކެއް އަވަސް މުސްތަގުބަލެއްގައި ރާއްޖެ އަށް ނުގެނެވިއްޖެ ނަމަ، ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލަށް އޮތް ބޮޑު ނުރައްކަލުގެ ރަނގަބީލުގެ އަޑު މިހާރު ވެސް ރަށު ތެރެއިން އަންނަނީ އިވެމުން ނެވެ. ވޯޓުން ހޮވިގެން ސަރުކާރު ހިންގަން ހަވާލުވާ މީހުން/މީހާ ވޯޓުން ބޭރުކުރުމުގެ ބާރު ރައްޔިތުންނަށް ނުލިބިދާ ކޮންމެ ދުވަހަކީ ގައުމުގެ މުސްތަގުބަލު "ސިޔާސީ ވަގުންގެ" އަޅުވެތިކަމުގެ ތެރެއަށް ހުށަހެޅިގެންދާ ފަނާކުރުވަނިވި އަމަލަކަށް ނުވާނެ ބާވަ އެވެ.؟
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;