ފިރާގް މިހެން ވިދާޅުވީ ތިލަފުށީގައި ހަދާ ބަނދަރާއި ގުޅޭ ގޮތުން އެމްޕީއެލްއިން ބޭއްވި ބައްދަލުވެއްގައި އެވެ.
އޭނާ ވިދާޅުވީ ފާއިތުވެދިޔަ ތަނުގައި ދިވެހި ރާއްޖޭގެ ޕޯޓްތަކާއި މެދު މާ ބޮޑުކަމެއް ކުރެވިފައި ނެތް ކަމަށާއި މި ފަދަ ބަދަލުތަކުގެ ސަބަބުން މި ގައުމުގެ އިގްތިސޯދަށް ބޮޑެތި ކުރިއެރުން ލިބިގެން ދާނެ ކަމުގައި އެވެ.
އުންމީދު ކުރަނީ ވީހާވެސް އަވަހަކަށް މި ހިދުމަތްތަށް ލިބިގެން ދިއުން ކަމަށާއި މިހާރުވެސް ލަނޑުދަނޑިއެއް އެބަ ފެންނަ ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވާފައި އެވެ.
މި މަޝްރޫއުގެ ދަށުން ބަނދަރު ތަރައްގީކުރުމުގެ މައިގަނޑު މަސައްކަތްތައް ހަވާލުކޮށްފައިވަނީ ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީއާ އެވެ.
އޭގެ ތެރޭގައި 1,000 މީޓަރަށްވުރެ ދިގު ބައިނަލްއަގުވާމީ ކީ-ވޯލްއަކާއި، މާލޭގެ އުތުރު އަދި ހުޅަނގު ދެކުނު ބަނދަރު ބޭނުންކުރާ އުޅަނދުތަކަށް ހާއްސަ 2,000 މީޓަރުގެ ޑޮމެސްޓިކް ޓާމިނަލެއް ހިމެނެއެވެ.
މިދިޔަ ހަފްތާގެ ތެރޭގައި އެޗްޑީސީން ވަނީ މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، ތިލަފުށީ ފަޅުތެރޭގައި ހުރި އުޅަނދުތައް ނެގުމަށް އަންގާފައި އެވެ.
އެ ކުންފުނިން ހާމަ ކުރި ގޮތުގައި މިއީ މާލޭ ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ބައެއް ކަމަށެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން މިފަހުން ބުނީ ތިލަފުށީގެ މެދަށްވާ ގޮތަށް އޮންނަ ފަޅުގައި އަޅާފައިވާ އުޅަނދުތަކާއި، ދޫކޮށްލާފައިވާ ތަކެތީގެ އިތުރުން އަޑިއަށް ގޮސްފައިވާ އުޅަނދުތައް ހަތް ދުވަހުގެ ތެރޭގައި ނަގައި ހުސްކުރަންޖެހޭނެ ކަމުގަ އެވެ.
މި މުއްދަތުގައި ނުނަގާ ހުންނަ އުޅަނދުތަކާ މެދު އުސޫލުގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް އެ ކޯޕަރޭޝަނުން ވަނީ ދީފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;