ނަމަވެސް، ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން ކުދިންނަށް ހޭވޭ ނުބައި ބަހަކުން ނުވަތަ ރުޅިއައިސްގެން ބުނެވޭ އެއްޗަކުން ދަރިންނާއި ބެލެނިވެރިންގެ ގުޅުމަށް ބުރުއެރުމަކީ އެކަށީގެންވާ ކަމެކެވެ. ނަފްސާނީ މާހިރުން ބުނާ ގޮތުގައި، ދަރިންނާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް އެންމެ މުހިންމު ކަމަކީ ފުރިހަމަ ބެލެނިވެރިޔަކަށް ވުމެއް ނޫނެވެ. އޭގެ ބަދަލުގައި، ހެދޭ ކުށްތައް ގަބޫލުކޮށް، ގުޅުން އާކުރުމަށް މަސައްކަތްކުރުމެވެ.
މާހިރުން ފާހަގަކުރާ ގޮތުގައި، "ރިޕެއާ" ނުވަތަ ގުޅުން އާކުރުމަކީ ކުށްހެދޭ ވަގުތަށް އެނބުރި ގޮސް، އަމިއްލަ އަމަލުތަކުގެ ޒިންމާ ނެގުމެވެ. މަޝްހޫރު ނަފްސާނީ އެކްސްޕާޓު ޑރ. ބެކީ ކެނެޑީ ބުނެފައިވާ ގޮތުގައި، ބެލެނިވެރިން ކުދިންނަށް ރުޅިބޭލުމަށްފަހު އެކަމާ އަޅާނުލައި ދޫކޮށްލުމުން، ކުދިންގެ ހިތުގައި އަމިއްލަ ނަފްސު ކުށްވެރިކުރުމުގެ އިހުސާސް އުފެދެއެވެ. މިފަދަ ހާލަތްތަކުގައި ކުދިން ގަބޫލުކުރަނީ އެއީ އެކުދިންގެ ނުބައިކަމުން ނުވަތަ ލޯބިނުވާތީ ވީކަމެއްގެ ގޮތުގައެވެ.
ދަރިންނާއެކު އޮންނަ ގުޅުން އާކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. އެގޮތުން، ވީކަންތައް ސާފުކޮށް ބުނެދިނުމާއި، އަމިއްލަ އަމަލުގެ މައްޗަށް ޒިންމާ ނެގުމާއި، ކުރިއަށް އޮތް ތަނުގައި އެފަދަ ކަމެއް ނުކުރުމަށް މަސައްކަތްކުރާނެ ގޮތް ކުއްޖާއަށް ބުނެދިނުން ހިމެނެއެވެ. ހަމައެކަނި "މައާފަށް އެދުމުން" ނިމުނީއެއް ނޫނެވެ. އޭގެ ބަދަލުގައި ކުއްޖާއަށް ރައްކާތެރިކަމާއި ލޯބި އިހުސާސްކޮށްދިނުމަކީ ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް މުހިންމު ކަމެކެވެ.
ކުރެވިފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި، ކުޑައިރު ހިތާމަވެރި ނުވަތަ ދެރަވާފަދަ ހާދިސާތަކާ ކުރިމަތިވެ، އެކަންކަމަށް އެދެވޭ ހައްލެއް ނުލިބި ހުންނަ ކުދިން ބޮޑެތިވާއިރު އެންޒައިޓީއާއި ޑިޕްރެޝަން ފަދަ ނަފްސާނީ މައްސަލަތަކަށް ހުށަހެޅޭ މިންވަރު އިތުރެވެ. ނަމަވެސް، ކުށް ގަބޫލުކޮށް ގުޅުން އާކުރާ ބެލެނިވެރިންގެ ކުދިންގެ ކިބައިގައި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެ، އިހުސާސްތައް ކޮންޓްރޯލްކުރަން ދަސްވެއެވެ.
ދަރިންނާއެކު އޮންނަ ގުޅުން ރަނގަޅުކުރުމަކީ ކޮންމެ އުމުރެއްގައިވެސް ކުރެވިދާނެ ކަމެކެވެ. ދަރިފުޅަކީ ކުޑަކުއްޖެއް ކަމުގައިވިޔަސް ނުވަތަ ބޮޑުވެފައިވާ މީހެއް ކަމުގައިވިޔަސް، މާޒީގައި ވެފައިވާ ކަންކަމަށް މައާފަށް އެދި ގުޅުން އާކުރުމަކީ އެ ގުޅުމަށް އާ ދިރުމެއް ލިބިގެންދާނެ ކަމެކެވެ. އެހެންކަމުން، ފުރިހަމަ ބެލެނިވެރިޔަކަށް ވުމުގެ ބަދަލުގައި، ކުށް ގަބޫލުކޮށް ގުޅުން ބަދަހިކުރާ ބެލެނިވެރިޔަކަށް ވުން މުހިންމެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;