މިގޮތުން، ދެކުނުގެ އަތޮޅުތަކަށް ވައި ޖެހޭނީ، އިރުދެކުނާއި ދެކުނުން ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް އެ އިދާރާއިން ބުންޏެވެ. އަދި، އެހެނިހެން ސަރަހައްދުތަކަށް ވައި ޖެހޭނީ، އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުނެފައި ވެއެވެ.
މީގެ އިތުރުން، މި ވިއްސާރަ ކުރިއަށް އޮތް ތިން ދުވަހަށް ދެމިގެންދާނެ ކަމަށް އެ އިދާރާއިން ލަފާކުރެ އެވެ.
އެ އިދާރާއިން ހާމަކުރި ގޮތުގައި މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވާނެ އެވެ. މި ދުވަސްވަރަކީ ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާ ދުވަސްވަރަށް ވުމާއެކު، ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް ކަމާގުޅޭ ފަރާތްތަކުން އިލްތިމާސްކުރައްވަ އެވެ.
ވަކިން ހާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމާގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކުރެ އެވެ.
މި ދުވަސްވަރު ވިއްސާރަ ކުރަމުން އަންނައިރު، ކަނޑުމަތީގެ ހިތާމަވެރި ހާދިސާއެއް ވެސް ވަނީ ހިނގާފައެވެ. މިގޮތުން، މިދިޔަ ހަފުތާގައި ހިލައާއި ހިލަވެލި ބަރުކޮށްގެން ހުވަދު އަތޮޅަށް ދަތުކުރި ސަޕްލައި ދޯންޏެއް ވަނީ އަޑިއަށް ގޮސްފައެވެ.
އެ ހާދިސާގައި އެހީތެރިކަން ފޯރުކޮށްދީ، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހެއްގެ އިތުރުން ދޯނީގެ ކައްޕި ވަނީ ގެއްލިފަ އެވެ. ގެއްލުނު މީހުން ހޯދުމަށް ބޭރުގެ އެހީ ހޯދަން ސަރުކާރުން މިހާރު ވަނީ ނިންމާފައި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;