އޮފިޝަލް ޑިޖިޓަލް ޕާޓްނަރުގެ ހައިސިއްޔަތުން، ރާއްޖޭގެ އެންމެ ކުރިއަރާފައިވާ އެއް މުވާސަލާތީ ކުންފުނި ކަމަށްވާ އުރީދޫން އެ ކުންފުނީގެ ޑިޖިޓަލް ވަސީލަތްތަކާއި ކަނެކްޓިވިޓީގެ އެހީގައި މި ހަރަކާތް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުމަށް މަސައްކަތް ކޮށްދޭނެ އެވެ.
އޫރީދޫ ބިޒްނަސްއަކީ ރާއްޖޭގެ ވިޔަފާރިތަކުން އިތުބާރުކުރާ ޓެކްނޮލޮޖީ ޕާޓްނަރެކެވެ. ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާ އައިސީޓީ ސޮލިއުޝަންތަކާއި މެނޭޖްޑް ސާވިސަސް، ހޯސްޓަޑް ސޮލިއުޝަންތަކުގެ އިތުރުން، ޒަމާނީ ޑޭޓާ ސެންޓަރުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ތަޖުރިބާކާރު އަދި އިތުބާރު ލިބިފައިވާ ބައިވެރިއެކެވެ.
މި ޕާޓްނަޝިޕް އެއްބަސްވުމުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީއެވެ. އަދި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ބިޒްނަސް އޮފިސަރު ރާޖޭޝް މެހެތާ އެވެ.
އުރީދޫގެ ޗީފް ބިޒްނަސް އޮފިސަރު ރާޖޭޝް މެހެތާ ވިދާޅުވި ގޮތުގައި، ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖޭން އާ މިންގަނޑުތަކެއް ގާއިމުކުރަމުން އަންނައިރު، ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީ އާއި އީޖާދީ ޓެކްނޮލޮޖީ ސޮލިއުޝަންތަކުގެ އެހީގައި މި ސިނާއަތް ކުރިއެރުވުމަށް އުރީދޫން ސާބިތުކަމާ އެކު ދެމިއޮންނާނެ އެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވީއެމްސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ ވަނީ މިފަދަ ބައިނަލްއަގުވާމީ ބޮޑު ހަރަކާތެއް ބޭއްވުމުގައި އިތުބާރުހުރި ޑިޖިޓަލް ކަނެކްޓިވިޓީއެއް އޮތުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.
އަދި ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގައި ބައިވެރިވާ މަންދޫބުންނާއި، ސިނާއަތުގެ ބައިވެރިންނާއި މީޑިއާތަކަށް ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށްދިނުމަށް އުރީދޫއާއެކު މަސައްކަތްކުރުމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;