ޤައުމީ ދުވަހާއި ގުޅިގެން ބޭއްވި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 6:00 ގައި، ޖުމްހޫރީ މައިދާނުގަ އެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފްގެ އިތުރުން ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ދިދަނެގުމުގެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނަށް ރައީސްގެ ދެކަނބަލުން ވަޑައިގެންނެވުމުން، އެ މައިދާނުން މަރުހަބާ ދެންނެވީ، މިނިސްޓަރު އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސް ހަސަން ރަޝީދާއި މިނިސްޓަރު އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ހީނާ ވަލީދެވެ.
ޤައުމީ ދުވަހުގެ ދިދަނެގުމުގެ މި ހާއްސަ ރަސްމިއްޔާތުގައި، ޤައުމީ ދިދަ ނެގުމުގެ އިތުރުން، ދުވަހާއި ގުޅޭ ހާއްސަ ދުއާއެއް ކުރުންވެސް އޮތެވެ.
ދިވެހިރާއްޖޭގައި ޤައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ، އައްސުލްތާނުލް ގާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އައުކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ރަބީއުލްއައްވަލް މަހުގެ 1 ވަނަ ދުވަހުއެވެ.
މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ މާދަމާ އެވެ. ޖަލްސާ އޮންނާނީ ބޮޑުތަކުރުފާނުގެ އުފަން ރަށް ހއ. އުތީމުގަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;