އެމެރިކާގެ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ހުރުމުޒު ކަނޑުއޮޅި އީރާނުގެ ކިބައިން ސަލާމަތް ކުރެވޭނެ ހަމައެކަނި ގޮތަކީ އެ ސަރަހައްދަކީ އެމެރިކާގެ މިލްކެއްކަމުގައި ހެދުން ކަމަށެވެ. މިކަމާބެހޭ ގަރާރެއް ވަރަށް އަވަހަށް ނެރުއްވާނެކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
ދުނިޔޭގެ ތެލާއި ގޭސް އުފުލުމުގައި އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވަނީ، ފެބްރުއަރީ މަހު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާތައް ދޭން ފެށި ފަހުންނެވެ.
މި ހަނގުރާމަ މިހާރު ވަނީ ސަރަހައްދީ އެހެން ކަނޑުގެ ދަތުރުފަތުރަށާއި ހަކަތައިގެ އުމްރާނީ ވަސީލަތްތަކަށް ފުޅާވެފަ އެވެ. އެގޮތުން، އީރާނާ ގުޅުންހުރި ޔަމަނުގެ ހޫތީން ވަނީ ރަތްކަނޑުގައި ދޭ ހަމަލާތައް ވަރުގަދަކޮށް، އިއްޔެ ވެސް ސައުދީ އަރަމްކޯގެ ޖީޒާން ރިފައިނަރީއަށް ހަމަލާއެއް ދީފަ އެވެ.
ކަނޑުއޮޅީގެ މިލްކުވެރި ކަމަށް އެމެރިކާ އިން ދައުވާ ކުރާއިރު، ކަނޑުދަތުރުފަތުރާ ބެހޭ މައުލޫމާތުތަކުން ދައްކާ ގޮތުގައި މި ހަމަނުޖެހުންތަކާ ހުރެ އެ ސަރަހައްދުގެ ވިޔަފާރި ވަނީ އެއްކޮށްހެން ހުއްޓުމަކަށް އައިސްފަ އެވެ. ކުރިން ދުވާލަކު 130 އަށްވުރެ ގިނަ އާގުބޯޓު ދަތުރުކުރި މި ކަނޑުއޮޅިން، މިހާރު ދުވާލަކު ދަތުރުކުރަނީ އެންމެ 8 އާއި 14 އާ ދެމެދުގެ އަދަދެކެވެ.
ދުނިޔޭގެ ތެލާއި ގޭސް އުފުލުމުގައި އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި
އޮމާނާ އެކު ހޮރްމޫޒްގެ ކަނޑުގެ ދަތުރުފަތުރުގެ މަގުތަކާ މެދު ވެވޭ އެއްބަސްވުން އޮތީ އެންމެ ފަހުގެ މަރުހަލާގައި ކަމަށް ވިޔަސް، އެމެރިކާއިން ބައެއް ޝަރުތުތައް ފުރިހަމަކުރަންދެން ސްޓްރެޓެޖިކް ގޮތުން މުހިންމު މި ކަނޑުއޮޅި އަލުން ނުހުޅުވާނެ ކަމަށް އީރާނުން އިއްޔެ ވަނީ ބުނެފަ އެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އަައްބާސް އަރާގްޗީ ވިދާޅުވީ، ހުށަހެޅިފައިވާ އެއްބަސްވުމުގެ ދަށުން ކަނޑުއޮޅި އަލުން ހުޅުވާލުމުގެ ޝަރުތުތައް ހަމަވުމުން ބޭނުންކުރާނެ ދަތުރުފަތުރުގެ މަގުތައް ކަނޑައެޅިގެންދާނެ ކަމަށެވެ.
ތެހެރާނުން އެދެމުންދަނީ އީރާނަށް ދިން ހަމަލާތަކުގެ ބަދަލުގައި އެމެރިކާއިން ގެއްލުމުގެ ބަދަލު ދިނުމަށާއި އަސްކަރީ އިންޒާރުތަކާއި ދަތިކުރުމުގެ ފިޔަވަޅުތައް ނިމުމަކަށް ގެނައުމަށާއި އެމެރިކާގެ ނޭވަލް ބްލޮކޭޑް އުވާލުމަށާ އަދި ހިފަހައްޓާފައިވާ އީރާނުގެ ފައިސާތައް ދޫކޮށްލުމަށެވެ.
މި ކަނޑުއޮޅީގެ މައްސަލައިގައި އެމެރިކާއާއި އީރާނާ ދެމެދު ވަނީ ނުތަނަވަސްކަން އުފެދި، މައްސަލަ ހައްލުނުވެ މަރުތަޅު އެޅިފަ އެވެ. އީރާނުން އާންމު މުދާ އުފުލާ ގިނަ އުޅަނދުފަހަރަށް އެ ސަރަހައްދަށް ވަނުން މަނާކުރަމުންދާއިރު، އެމެރިކާގެ ކަނޑުގެ ސިފައިން ދަނީ އީރާނުގެ އިގްތިސާދު ހީނަރުކޮށްލުމަށްޓަކައި އެގައުމުގެ ބަނދަރުތައް ބަންދުކުރަމުންނެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ ވިޔަފާރީގައި "ކާރިސާއެއް" އުފެދުމުގެ ބިރު ވަނީ ބޮޑުވެފައި ކަމަށް ދިރާސާ ވެރިން އަންނަނީ ބުނަމުން ނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;