ހޭލާ ގޮތަށް ސޯޝަލް މީޑިއާއާއި މެސެޖުތަކުގެ އިތުރުން ހަބަރުތައް ބަލަން ފެށުމުން ސިކުނޑި ވަގުތުން ދަނީ "ރިއެކްޓިވް މޯޑް" އަކަށެވެ. މީގެ ސަބަބުން ދުވަސް ފެށިގެން ދަނީ އެހެން މީހުންގެ ހިޔާލުތަކާއި ކަންބޮޑުވުންތަކުގެ ތެރޭގައެވެ. ހެނދުނުގެ ފުރަތަމަ 10 މިނެޓު ފޯނާ ދުރުގައި ހޭދަކޮށްލުމަކީ ސިކުނޑިއަށް ހަމަޖެހުން ލިބި، ދުވަހުގެ މަސައްކަތްތަކަށް ތައްޔާރުވުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެކެވެ.
ނަފްސާނީ މާހިރުން ބުނާ ގޮތުގައި ދިރިއުޅުމަށް އެދެވޭ ބަދަލެއް އަންނަނީ އެއް ދުވަހުން ނިންމާ ބޮޑު ނިންމުމަކުންނެއް ނޫނެވެ. އޭގެ ބަދަލުގައި ދިރިއުޅުން ބަދަލުވަނީ ކޮންމެ ދުވަހަކު ތަކުރާރުކޮށް ކުރާ ކުދިކުދި އާދަތަކުގެ ސަބަބުންނެވެ. ހެނދުނު ހޭލައިގެން ފޯނު ބެލުމުގެ ބަދަލުގައި ފެން ތަށްޓެއް ބޯލުމާއި، ހަށިގަނޑު ދަމާލުމާއި، ނުވަތަ ހިނގާލުން ފަދަ އާދައެއް އަށަގަންނުވައިފިނަމަ ސިކުނޑީގެ މަސައްކަތްތައް ހަމައަކަށް އެޅެއެވެ.
ދުވަހެއްގެ ތެރޭގައި ސިކުނޑިން ގިނަ ނިންމުންތަކެއް ނިންމަންޖެހުމުން ސިކުނޑި ވަރުބަލިވެ، "ޑެސިޝަން ފެޓީގް" އާ ކުރިމަތިލާންޖެހެއެވެ. ހެނދުނު ފޯނު ނެގުމުން ސިކުނޑިއަށް އެއްފަހަރާ ގިނަ މައުލޫމާތުތަކެއް ވަދެ، ނިންމުންތައް ނިންމަން މަޖުބޫރުވެއެވެ. އޭގެ ބަދަލުގައި ހެނދުނު ހުސްކޮށް 10 މިނެޓު ބެހެއްޓުމުން، ސިކުނޑީގެ ހަކަތަ ރައްކާތެރިކުރެވި، މުހިންމު ކަންކަމަށް ސަމާލުކަން ދިނުމުގެ ގާބިލުކަން އިތުރުވެގެންދެއެވެ.
އަމިއްލަ ނަފްސަށް ވާ ކުދިކުދި ވައުދުތައް ފުއްދުމަކީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެ، ހަގީގީ އަމިއްލަ އެދުންތައް ހާސިލުކުރަން މަގުފަހިވާ ކަމެކެވެ. ހެނދުނުގެ ފުރަތަމަ 10 މިނެޓު ފޯނާ ދުރުގައި ހުންނާނެކަމަށް އަމިއްލަ ނަފްސަށް ވާ ވައުދު ފުއްދުމަކީ ސިކުނޑިއަށް ލިބޭ ބޮޑު ކާމިޔާބީއެކެވެ. މިފަދަ ކުދިކުދި އާދަތަކުން މުޅި ދިރިއުޅުމުގެ ފެންވަރު މަތިވެ، ސްޓްރެސް ކުޑަ، އުފާވެރި ދިރިއުޅުމެއް ހޯދައިދެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;