ޕްލާސްޓިކް ކޮތަޅުން ނަގާ ފީއަށް ލުޔެއް ދިނުމަށް ހިމަނައި ކުނި މެނޭޖުކުރުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށައެޅުއްވީ އުގޫފާރު ދާއިރާގެ މަޖިލިސް މެމްބަރު، އިބްރާހިމް ޝިފާޒް އެވެ.
އޭނާ ހުށައެޅުއްވި އިސްލާހު މިއަދު މަޖލީހުން ފާސްކުރީ އެ ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ އިއްތިފާގުން ނެވެ.
މި ބިލުގައި ވަނީ 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިން 2ރ. ނެގުން ހުއްޓާލުމަށް ހިމަނާފައެވެ. އެހެންކަމުން މި ބިލް ތަސްދީގު ކުރުމުން، ކޮތަޅު ހޯލް ސޭލް ކުރާއިރު، 2ރ. ފީ ދެން ދައްކާކަށް ނުޖެހޭނެ އެވެ. މީގެކުރިން މި ގާނޫނުގައިވާ ގޮތުން ހޯލުސޭލްކޮށް ޕްލާސްޓިކް ކޮތަޅު ގަންނަ ވިޔަފާރިވެރިންވެސް އަދި ވަކި ވަކި ފިހާރަތަކުން ކޮތަޅު ގެންދާ މީހުންގެ އަތުންވެސް 2 ރ. ދައްކަން ޖެހެއެވެ.
ކުނިމެނޭޖްކުރުމުގެ ގާނޫނުގެ 32 ވަނަ މާއްދާގައި މިހާރު އޮތީ ފީ ނެގުމުން އިސްތިސްނާވާ ތިން ބާވަތެކެވެ. އެއީ ޑިއުޓީފްރީ ފިހާރަތަކުން ދޭ ނުވަތަ ވިއްކާ ކޮތަޅާއި، ބަންދުނުކޮށް ހުންނަ ތާޒާ މަސް އަޅަން ބޭނުންކުރާ ކޮތަޅާއި ކުނި މެނޭޖްކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ނުވަތަ އެކަމާ ބެހޭ އެހެން އިދާރާއަކުން، ކުނި އަޅަން ހާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ ބިންލައިނާ އެވެ.
ކޮތަޅު ސަޕްލައި ކުރުމުގެ ތެރޭގައި އެތައް ފަހަރަކު ފީ ނެގުން ތަކުރާރުވާތީ އެ ގާނޫނަށް އަމަލުކުރަން ފެށީއްސުރެ އެކި ފަރާތްތަކުން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އިސްލާހުގައިވާ ގޮތަށް 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިން ނަގާ ފީ އިސްތިސްނާކުރުމުން ދައުލަތަށް ލިބޭ އާމްދަނީ ދަށްވާނެ ކަމަށް އެ ބިލުގައި ހިމަނާފައި ވެއެވެ.
އެގޮތުން މި އަހަރުގެ މިހާތަނަށް ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެ ގޮތުގައި 2،011،421 ރުފިޔާ ދައުލަތަށް ލިބިފައިވާއިރު ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް 5.9 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;