ވާނުވާ ބަންދުގެ މައްސަލަ ހައްލުކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެގޮތުން ވާނުވާ ބަންދުގައި އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ހުރިހާ އެންމެންގެ މައްސަލަތައް މި އަހަރުގެ މާޗު މަހުގެ ނިޔަލަށް ނިމޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު 2025 ޑިސެމްބަރު 22 ގައި ވަނީ ވިދާޅުވެފަ އެވެ. އެހެންނަމަވެސް މިހާތަނަށް އެ މަސައްކަތް ނިމިފައިވާކަމަށް ސަރުކާރުން ބުނެފައެއް ނުވެ އެވެ.
ރައީސް އޮފީހުން ބުނީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖލީހުގައި ވަނީ، މައްސަލަތަކުގައި ތަޙުޤީޤަށް ހައްޔަރުކޮށް، ޙުކުމެއް ކުރުމެއް ނެތި ބަންދުގައި ތިބޭ މީހުންގެ އަދަދު އެންމެ މަދު ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށްޓަކައި ކުރަންޖެޭ ކަންކަން ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެހެންނަމަވެސް އޭގެ ތަފްސީލުތަކެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.
ރައީސް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ޝަރީއަތް ނިމެންދެން ބަންދުގައި މިހާރު 347 މީހުން އެބަތިއްބެވެ. މި 347 މީހުންނަކީ ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ތިބި މީހުންކަމަށާއި އެކަންކަން ރަނގަޅަށް ނުބަލައި، އެމީހުން ހަމަ ހުރެފައި ދޫކޮށްލަން އެއްވެސް ރައްޔިތަކު ބޭނުންވާނެތޯ ރައީސް ވަނީ މީގެކުރިން ސުވާލުވެސް އުފެއްދަވާފަ އެވެ.
- ޖުމްލަ 314 މީހުން.
- މަރުގެ މައްސަލަތަކުގެ ތުހުމަތުގައި 29 މީހުން.
- ޑްރަގް ޓްރެފިކިންގެ ތުހުމަތު ކުރެވޭ 116 މީހުން.
- ޓެރަރިޒަމްގެ ތުހުމަތުގައި 20 މީހުން.
- ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމުގެ ތުހުމަތުގައި 117 މީހުން.
- މާރާމާރީގެ ތުހުމަތު ކުރެވޭ 70 މީހުން.
ވާނުވާ ބަންދުގެ މައްސަލަ ހައްލު ކުރަން ގޮވާލާ އަޑުތައް މި ފަހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަދި އެ މައްސަލަ ހައްލު ކުރަން އދ. އިން ވެސް ވަނީ ރާއްޖެއަށް ގޮވާލައިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;