ޔަޒްމީދު މި މަގާމަށް އައްޔަނުކޮށްފައިވަނީ، ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.
ޔަޒްމީދު އަކީ ދައުލަތުގެ އެކިއެކި އިދާރާތަކުގައާއި ޕްރައިވެޓް ސެކްޓަރގެ އިސް މަގާމުތަކުގައި 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައި، ގަވަނަންސް އާއި، އޮޑިޓިންގ އާއި، އެންޓި-ކޮރަޕްޝަން އާއި، އެކައުންޓިންގ އާއި، ފައިނޭންސް އާއި، ހިންގުމުގެ ދާއިރާއިން ގިނަގުނަ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފަންނީ ބޭފުޅެކެވެ.
ޔަޒްމީދު ފުރުއްވާފައިވާ އިސް މަގާމުތަކުގެ ތެރޭގައި، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ނާއިބު ރައީސް ކަމާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރު ކަމާއި، އޮޑިޓަރު ޖެނެރަލްގެ އޮފީހުގެ އޮޑިޓް މެނޭޖަރުކަން ފާހަގަކުރެވެ އެވެ.
ޔަޒްމީދު އަކީ އެސޯސިއޭޝަން އޮފް ޗާޓަޑް ސަރޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ) ފުރިހަމަކޮށްފައިވާ ސަޓިފައިޑް ޗާޓަޑް އެކައުންޓެންޓެކެވެ. އަދި އޯޕަން ޔުނިވަސިޓީ މެލޭޝިޔާއިން ހިންގުމުގެ ދާއިރާއިން މާސްޓަސް ޑިގްރީ ހާސިލުކުރައްވާފައިވުމުގެ އިތުރުން އޮކްސްފޯޑް ބްރޫކްސް ޔުނިވަރސިޓީއން އެކައުންޓިން ދާއިރާއިން ފަސްޓް-ކްލާސް އޮނަރސް ޑިގްރީ ހާސިލުކުރައްވާފައި ވެއެވެ.
ޕެންޝަން އޮފީހުގެ ވެރިއަކަށް ޔަޒްމީދު އައްޔަނުކުރި އިރު، ޕެންޝަން ފަންޑުން އިންވެސްޓުކޮށްފައި ހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑް އެމްއެމްއޭއަށް ވިއްކާލުމަށް ފަހު އެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކުރަން ޕެންޝަން އޮފީހުގެ ބޯޑުން ނިންމުމާ ގުޅިގެން، އެއީ އިގްތިސޯދަށް ގެއްލުންވާނެ ނިންމުމަކަށް ވާތީ އެ އޮފީހުގެ ބޯޑުގައި ތިއްބެވި ބައެއް ބޭފުޅުންނާއި އޮފީހުގެ ބައެއް އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން މީގެ ކުރިން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
ޕެންޝަން އޮފީހަކީ ރާއްޖޭގެ ޕެންޝަން ސްކީމްތައް ހިންގައި ބަލަހައްޓާ މިނިވަން މުއައްސަސާއެކެވެ. މި އޮފީހުގެ މައިގަނޑު މަސްއޫލިއްޔަތަކީ ރިޓަޔަމަންޓް ޕެންޝަނާއި އަސާސީ ޕެންޝަން ދޫކުރުމާއި، ކަމާގުޅޭ ޤަވާއިދުތައް އެކަށައަޅައި، ދެމެހެއްޓެނިވި ގޮތެއްގައި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދީގެން އަބުރުވެރި ރިޓަޔަމަންޓެއް ކަށަވަރުކޮށްދިނުމެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;