މި ބައްދަލުވުމުގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު، ޑީސީޕީ (ރިޓަޔަރޑް) އަހުމަދު ސައުދީއާއި، ކުންފުނީގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު، ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރުއާއި، އެކުންފުނީގެ ބައެއް އިސްވެރިންވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހިޔާ މަޝްރޫއުގެ ދަށުން އަޅަން އުޅުނު އެެމްޓީސީސީގެ ޓަވަރުތައް ވުޖޫދަަށް އައިސްފައިނުވުމަކީ އެ ކުންފުނީގެ މުވައްޒަފުން އިންތިހާއަށް މާޔުސްވެ، ހިތާމަކުރާ ކަމެއް ކަމަށެވެ.
"މިކަން މި ކުންފުނީގެ ބޯޑާއި މެނޭޖްމަންޓް ގަބޫލުކޮށް، މިއީ މުވައްޒަފުންގެ ހެވާއި ލާބައަށް ކޮންމެހެންވެސް ކޮށްދޭންޖެހޭ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ދެކެމެވެ،" އެ ބަޔާނުގައިވެ އެވެ.
އެހެންވެ އެމްޓީސީސީން މިއަދު ބުނި ގޮތުގައި:
އެމްޓީސީސީގެ މިހާރުގެ އެމްޑީ އަހުމަދު ސައުދީގެ އިސްނެންެގެވުމުގެ މަތިން، އެ މަޝްރޫއު އަލުން ފަށަން ނިންމައި އެކަމަށްޓަކައި ބިމެއް ހަމަޖައްސައިދިނުމަށް ރައީސް އޮފީހަށް ހުށަހެޅި
އެއަށް ފަހު، އެ ބިން ހަމަޖައްސައިދިނުމަށް އެދި ރައީސް މުހައްމަދު މުއިއްޒު އެޗްޑީސީއަށް ސިޓީއަކުން ދެންނެވި
އެޗްޑީސީއާ އެކު މި ހަފްތާގައި ބޭއްވި ބައްދަލުވުމަކީ އެ ބިން ހަމަޖެއްސުމުގެ މަޝްވަރާތައް ކުރަން ބޭއްވި ބައްދަލުވުމެއް
އަމާޒަކީ ބިން ހަމަޖެހުމާއެކު އެ މަޝްރޫއު ވީހާވެސް އަވަހަށް ފެށޭނެ އިންތިޒާމު ހަމަޖެއްސުން
އެމްޓީސީސީ ހިޔާ މަޝްރޫއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ސަރުކާރުން ފެށި "ހިޔާ މަޝްރޫއު"ގެ ދަށުން 2017 ވަނަ އަހަރު އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށް ލޯންޗްކުރި މަޝްރޫއެކެވެ.
އެމްޓީސީސީގެ އެއިރުގެ ޕްލޭންގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި 400 ފްލެޓާއެކު 14 ބުރީގެ ދެ ޓަވަރު އަޅަން ނިންމާފައި ވެއެވެ. މި ދެ ޓަވަރުގައި އެއް ކޮޓަރީގެ 160 ޔުނިޓާއި، ދެ ކޮޓަރީގެ 80 ޔުނިޓާއި، ދެ ކޮޓަރީގެ 160 ޔުނިޓް ހުންނާނެ ކަމަށް އެއިރު އެ ކުންފުނިން އިއުލާންކޮށްފައި ވެއެވެ. މި މަޝްރޫއު ނިންމުމަށް އެމްޓީސީސީން 439 މިލިއަން ރުފިޔާ ހަރަދު ކުރާ ގޮތަށްވެސް އެއިރު ހަމަޖެހިފައި އޮތެވެ.
ދައުލަތުގެ އެކި ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް މިހާރު ވެސް ހުޅުމާލޭގައި ވަނީ ފްލެޓުތަކެއް އިމާރާތްކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;