ލީސާއަކީ މުޅި ދުނިޔޭގައި ވެސް އެންމެ މަގުބޫލު އެއް އަންހެން އާޓިސްޓަށް ވާއިރު، އޭނާގެ ހަޔާތަށް އަންނަ ކޮންމެ ބަދަލަކީ ސަޕޯޓަރުންނަށް ވަރަށް މުހިންމު ކަމެކެވެ. ދާދި ފަހުން ލީސާ އާއި ބްލޫ އެކި ގައުމުތަކުން އެކުގައި ފެނިފައިވުމުން، މިއީ ހަމައެކަނި އާދައިގެ ރަހުމަތްތެރިކަމެއްތޯ ނުވަތަ ސިއްރު ލޯބީގެ ގުޅުމެއްތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
މި ވާހަކަތައް ފެތުރެން ފެށީ ދާދި ފަހުން މި ދެ ތަރިން ތައިލެންޑުގެ އިތުރުން ހޮންގްކޮންގް އަދި ޖަޕާނުން ވެސް އެކުގައި އުޅެނިކޮށް ފެނުމާ ގުޅިގެންނެވެ. އެއް ގައުމަކުން އަނެއް ގައުމަކަށް އެކުގައި ދަތުރުކޮށް ވަގުތު ހޭދަކުރުމަކީ އާންމުކޮށް ގާތް ގުޅުމެއް އޮންނަ މީހުން ކުރާ ކަމަކަށް ވުމުން، މިއީ ލޯބީގެ ގުޅުމެއް ކަމަށް ސަޕޯޓަރުންނަށް ގަބޫލުކުރެވެން ފެށިއެވެ. އަދި އޮންލައިން ޕްލެޓްފޯމްތަކުގައި މި ދެމީހުންގެ ތަސްވީރުތައް އާންމުވެ، މިއީ އާ ޖޯޑެއްކަމަށް ބުނެ ގިނަ ބަޔަކު ދަނީ ވާހަކަދައްކަމުންނެވެ.
މީގެ އިތުރުން، ބްލޫ ވަނީ ލީސާގެ އާއިލާއާ އެކު ތައިލެންޑުގައި ވަގުތުކޮޅެއް ހޭދަކޮށްފައެވެ. އާއިލާއާ ބައްދަލުކުރުމަކީ ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމުގެ ނިޝާނެއް ކަމަށް ބައެއް މީހުން ބުނެއެވެ. އެހެންނަމަވެސް، އަނެއް ބަޔަކު ބުނާ ގޮތުގައި މި ދެމީހުންނަކީ މީގެ އެތައް އަހަރެއް ކުރިން ފެށިގެން ވެސް ވަރަށް ގާތް ދެ އެކުވެރިންނެވެ. މިދިޔަ އޭޕްރީލް މަހު ލީސާގެ އުފަންދުވަހާ ގުޅިގެން ބްލޫ ކޮށްފައިވާ ޕޯސްޓެއްގައި ވެސް ގާތް އެކުވެރިކަން ފެނިގެންދިޔަ އެވެ. މި ފަހުން މި ވާހަކަތައް ތިލަވުމާއެކު އެ ޕޯސްޓަށް ވެސް އަލުން ވަނީ ބޮޑު ސަމާލުކަމެއް ލިބިފަ އެވެ.
ލީސާ އާއި ބްލޫގެ ދެމެދުގައި އޮތީ ހަގީގަތުގައި ވެސް ލޯބީގެ ގުޅުމެއްތޯ ނުވަތަ ގާތް ރަހުމަތްތެރިކަމެއްތޯ ޔަގީންވާނީ އެ ދެމީހުންގެ ފަރާތުން ރަސްމީކޮށް އެކަން ހާމަކުރުމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;