ކީރިތި ގުރްއާނާ ބެހޭ ގައުމީ މަރުކަޒުގެ ލ. ގަން ގޮފި އިފްތިތާހުކޮށްދެއްވީ ގަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނައިބު އަލްއުސްތާޒް އަބްދުލް ގަފޫރު އަހުމަދެވެ. މި ރަސްމިއްޔާތުގައި ކީރިތި ގުރްއާނާ ބެހޭ ގައުމީ މަރުކަޒުގެ ބައެއް އިސްވެރިންނާއި، ގަން ކައުންސިލް އިދާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ގޮފި ގާއިމުކުރުމަކީ ގުރްއާނުގެ ތައުލީމު ލާމަރުކަޒީކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދަރިވަރުންނަށް ފަސޭހަކަމާއެކު ގުރްއާން އުނގެނުމާއި، ތަޖުވީދުމަގުން ކިޔެވުމުގެ އިތުރުން ހިފްޒްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން އެޅި މުހިންމު ފިޔަވަޅެކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި، އިސްލާމީ ޢިލްމު ވަރުގަދަކުރުމާއި، ކީރިތި ގުރްއާން ހިފްޒްކުރުމަށް ހިތްވަރުދިނުމާއި، އަންނަންއޮތް ޖީލުތަކަށް ތައުލީމީ ފުރުސަތުތައް ފުޅާކުރުމުގެ އިސްނެގުންތަކުގެ ތެރެއިން ދައުލަތުން ދަނީ ގުރްއާނުގެ ތައުލީމަށް ހާއްސަ އިސްކަމެއް ދެއްވަމުންނެވެ.